ތެލުގެ އަގު ބޮޑުވާތީ ލަންކާގައި ކަރަންޓުގެ އަގު %18 ބޮޑުކޮށްފި

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ކަރަންޓު އުފެއްދުމަށް ހިނގާ ހަރަދު ބޮޑުވުމުގެ ސަބަބުން، މާދަމާ އިން ފެށިގެން ސްރީ ލަންކާގެ ކަރަންޓު އަގުތައް %18އާ ހަމައަށް ބޮޑުކުރުމަށް އެ ގައުމުން ނިންމައިފި އެވެ.
ލަންކާގެ ޕަބްލިކް ޔޫޓިލިޓީސް ކޮމިޝަނުން ހާމަކުރި ގޮތުގައި، މަހަކު 180 ޔުނިޓަށް ވުރެ ގިނައިން ކަރަންޓު ބޭނުންކުރާ ފަރާތްތަކުގެ ބިލަށް މި ބަދަލުގެ އަސަރު ކުރާނެ އެވެ. މީގެ ތެރޭގައި ސިނާއީ މަސައްކަތްތަކާއި ހޮޓާތަކާއި ވިޔަފާރިތަކާއި ސަރުކާރުގެ އިދާރާތަކުގެ އިތުރުން އަޅުކަންކުރާ ތަންތަން ހިމެނެ އެވެ.
ނަމަވެސް، މަހަކު 180 ޔުނިޓަށް ވުރެ މަދުން ކަރަންޓު ބޭނުންކުރާ އާންމު ގޭބިސީތަކުގެ ބިލަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.
މިދިޔަ މަހު ވެސް ލަންކާ އިން ވަނީ ކަރަންޓުގެ އަގު %40 ބޮޑުކޮށްފަ އެވެ. މީގެ އިތުރުން، ސަރަހައްދީ ހަމަނުޖެހުންތަކާ ގުޅިގެން ތެޔޮ ސަޕްލައި ކުރުމަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން، ތެލުގެ އަގު ވެސް ވަނީ %35އަށް ވުރެ ބޮޑުވެފަ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހަކަތައިގެ އަގު ބޮޑުވުމުގެ ސަބަބުން މިދިޔަ މަހު އިންފްލޭޝަން ރޭޓް ވަނީ %5.4އަށް އުފުލިފަ އެވެ. މިއީ ކުރީގެ މިންވަރަށް ވުރެ ދެގުނަ އިތުރު އަދަދެކެވެ.
ލަންކާއަކީ 2022 ވަނަ އަހަރު ކުރިމަތިވި އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ގައުމެކެވެ. އެ ކާރިސާގެ ތެރޭގައި ތެލާއި ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ތަކެތި އިމްޕޯޓް ކުރުމަށް ބޭނުންވާ ބޭރު ފައިސާގެ ރިޒާވް އެ ގައުމުގައި ވަނީ މުޅިން ހުސްވެފަ އެވެ.
އިގްތިސާދު އާރާސްތުކުރުމަށް ކުރާ މަސައްކަތްތަކަށް، މިދިޔަ އަހަރު ކުރިމަތިވި ތޫފާނުގެ ސަބަބުން އިތުރު ހުރަސްތަކެއް ކުރިމަތިވި އެވެ. އެ ތޫފާނުގައި ގާތްގަނޑަކަށް 4.1 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ އިރު، މިހާރު އެ ގައުމުން މައިގަނޑު ގޮތެއްގައި ބަރޯސާވަމުން ދަނީ 2023 ވަނަ އަހަރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާ އެކު އެއްބަސްވެފައިވާ 2.9 ބިލިއަން ޑޮލަރުގެ އެހީގެ ޕްރޮގްރާމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ