ހަނގުރާމައާ އެކު ސައޫދީ އަރަމްކޯގެ ސާފު ފައިދާ 25 ޕަސެންޓަށްވުރެ މައްޗަށް

ސާފުނުކުރާ ތެޔޮ ވިއްކި މިންވަރު އިތުރުވުމާއި ހަނގުރާމައާ ހެދި އަގުތައް އުފުލުމާ ގުޅިގެން، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާއި ކުންފުނީގެ ސާފު ފައިދާ 25 ޕަސެންޓަށް ވުރެ ބޮޑަށް އުފުލިފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ތެޔޮ ކުންފުނި، އަރަމްކޯ އިން މިއަދު ބުނެފި އެވެ.
މި ހިސާބުތައް ހާމަކޮށްފައި މި ވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލާއި ގޭހުގެ އަގުތައް އިންތިހާއަށް އުފުލި، ހަނގުރާމައަށް ވާނެ ގޮތަކާ މެދު ދުނިޔޭގެ ބާޒާރުތަކުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.
"އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ސާފުކުރި ތެލާއި ކެމިކަލް އުފެއްދުންތަކުގެ އަގު ބޮޑުވުމާއި ވިއްކި މިންވަރު މަތިވުމުގެ އިތުރުން، ސާފުނުކުރާ ތެޔޮ ވިއްކި މިންވަރާއި އޭގެ އަގުތައް އުފުލުން،" ސައޫދީ ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ މި ކުންފުނިން ސައުދީ ސްޓޮކް އެކްސްޗޭންޖް ވެބްސައިޓުގައި ޝާއިއުކުރި ބަޔާނެއްގައި ބުނެފައިވެ އެވެ.
ހަނގުރާމައާ ގުޅިގެން އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔެއަށް ކުރިމަތިވި ހަކަތައިގެ ކާރިސާއާ އެކު، ފެބްރުއަރީ މަހުގެ ކުރީކޮޅު 60 ޑޮލަރުގައި ހުރި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު، މާޗު މަހުގެ ތެރޭގައި ވަނީ 100 ޑޮލަރަށްވުރެ މައްޗަށް އަރައިފަ އެވެ.
މުޅި ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ އަރަމްކޯއިން ބުނި ގޮތުގައި، މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުނީގެ ސާފު ފައިދާ ވަނީ 120.13 ބިލިއަން ސައުދީ ރިޔާލް (32.04 ބިލިއަން ޑޮލަރު) އަށް އަރައިފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 95.68 ބިލިއަން ރިޔާލް (25.51 ބިލިއަން ޑޮލަރު) އާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
"މި ކުރިއެރުން މައިގަނޑު ގޮތެއްގައި އައީ ވިއްކި މިންވަރުން ލިބުނު އާމްދަނީ އިތުރުވުމުންނެވެ. ނަމަވެސް، ހިންގުމުގެ ހަރަދުތައް ބޮޑުވުމާއި، ލިބުނު ފައިދާ އިތުރުވުމާ ގުޅިގެން ދައްކަންޖެހޭ އިންކަމް ޓެކްސް އާއި ޒަކާތުގެ މިންވަރު އިތުރުވުމުން އޭގެ އަސަރު ފައިދާއަށް ކޮންމެވެސް ވަރަކަށް ކޮށްފައިވެއެވެ." އެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ