ފިނި ހިތް 30
"حسبنا الله ونعم الوكيل" ހިތްތައް ހަލާކުވެ ދުލުން އެއްޗެއް ބުނަން ނުކުޅަދާނަވެ ނުރޮވުނަސް ﷲ ތައާލާއަށް ތިބާ ނުއޮރުވާހުރި ވޭނީ ކަރުނަ ދެކެ ދެނެވޮޑިގެންވެއެވެ. ހިތާހިތުން ސިއްރުން ކުރާދުޢާތަކާއި، އެހެން މީހުންނާއި ހިއްސާނުކުރާ ދިރިއުޅުމުގެ ހަނގުރާމަތައްވެސް މެއެވެ. ﷲ ތައާލާ ހުރިހާކަމެއް ބައްލަވާ ވޮޑިގެންވެއެވެ. މިކަމެއް ނުވާނެއޭ ހިތަށް އަރާ މާޔޫސްވާ ހާލަތުގައިވެސް ﷲ ތައާލާ ގެ ރަހުމަތް ހުރިހާ ކަމަކަށްވުރެ ބޮޑުކަމާއި އެހެން އެންމެން ތިބާއާއި ވަކިވިޔަސް އެފަރާތް ތިބާއާއެކު ވޮޑިގެންވާކަން ހަނދާން ނައްތާނުލާށެވެ. އެހެން އެންމެން ކޮންމެވެސް ދުވަހަކުން ވަކިވެގެންދާނެއެވެ. ހެއްދެވި ފަރާތް ފިޔަވައެވެ. " *** އޭނައަށް އަޑުއިވުނީ ރަގަޅަށްހެއްޔެވެ؟ ނޫނީ އެތަންކޮޅު ނުބައިކޮށް ނެގުނީއެވެ. ކައިވެނި ފަސްކުރާނީއެވެ. ކެންސަލް ކުރާނީއެއްނޫނެވެ. "ދޮންބެއަށް...ކިހިނެއްވީ؟" އޭނަގެ ހިނިތުންވުން ގެއްލުނެވެ. "ސްޓްރޯކެއް ޖެހުނީ....މަންމަ ނުބުނޭތަ؟" މިނާހް ސުވާލުކޮށްލިއެވެ. އޭނަގެ ފޯނު ނިވިފައި އޮތުމުން މަންމަ ގުޅިޔަސް ނޭގޭނެއެވެ. އެވާހަކަ ބުނަން އަނގަ ހުޅުވާފައިވެސް އިސްޖަހައިލީ ހިތަށް ކުރަމުން ދިޔަ އަސަރެއްގެ ބޮޑުކަމުންނެވެ. އަޔާޝްގެ އެ ހާލަތަކީ މުޅި އާއިލާއަށް ލިބޭނެ ގެއްލުމެކެވެ. ހިތާމައިގެ ކަޅު ވިލާގަނޑެކެވެ. އޭނަގެ މަންމަ ދަރިއެއްގެ ގޮތުގައި ދެކެމުންދާ ޒުވާނަކަށް ކުއްލިއަކަށް އެ ދިމާވި މުސީބާތުން އޭނަގެ ހިތަށްވެސް އުދަގޫވިއެވެ. އަމިއްލަ ހާލަތާއިމެދު ވިސްނުން ފަސްކޮށްލަން ޖެހުނެވެ. އަމިއްލަ އެދުން ބޮޑުވާކަށް ނުވާނެ ނޫންހެއްޔެެވެ؟ "އަދި މަންމައާއި ދިމަލެއްނުވޭ...ފުރަނީތަ އެންމެން؟" އޭނަ ފަދަކަމުން ކަރުނަ ދިރުވައިލިއެވެ. "އާނ..." "ރަގަޅުވާނެ އިންޝާﷲ..މިވަގުތު ބޭނުންވަނީ ހެޔޮ ދުއާ..."އޭނަގެ ސިކުނޑިއަށް ދެ ޝޮކް އެއްފަހަރާ ލިބުމުން ވިސްނީ މިނާހްއާއި އާއިލާއާއި މެދުގައެވެ. ސްޓްރޯކެއްގެ ބޮޑުމިން އަންދާޒާ ކުރަން ނޭގުނަސް މިނާހް ގެ މޫނުމަތިން ހާމަކޮށްދިނީ ބޮޑުވަރުވެއްޖެކަމެވެ. ޔަލްވީއަށް ކިހިނެއްވާނެ ބާވައެވެ. އެކުއްޖާއަކީ އަޔާޝްގެ "ދީވާނާ"އެވެ. ހުޅުކޮޅުވަށައިގެން ޕަރުވާނާ އުދުހެމުންގޮސް އަނދައިގެން ދިޔަސް ވަރިހަމައެވެ. އަޔާޝްގެ ނުރައްކާތެރިކަން އެނގޭއިރުވެސް ޔަލްވީގެ މޮޔަކަން ކުޑައެއްނުވެއެވެ. މިނާހް އިތުރު އެއްޗެކޭ ބުނުމެއްނެތި ދާން ހިނގައިގަތުމުން އޭނަގެ ހިތް ހަލާކުވާވަރުވިއެވެ. މިނާހްވެސް އޭނަދެކެ ލޯތްބެއްނުވެއެވެ. ލޯބިވާނަމަ އެހެނެއް ނެހެދީހެވެ. އޭނަގެ ފުރަތަމަ ކައިވެނި ކެންސަލްކުރުމުން ފަޟީހަތްވެ ލަދުގަތްވަރު މިނާހްއަށް އެނގޭނެއެވެ. ދެވަނަފަހަރަށް އެކަމާއި ކުރިމަތިލާނެ ހިތްވަރެއްނެތެވެ. މިނާހްއަށް އޭނަގެ ހިތަށް ލިބޭނެ ގެއްލުން އެއްވެސް ވަރަކަށް ރޭކާ ނުލީބާވައެވެ. މިއީ ހުވަފެނެއްހެއްޔެވެ؟ އޭނަ ވަށައިގެން ހޯދައިލިއެވެ. ވިއްސާރަ ވިލާތައް އެއްވަމުންގޮސް މުޅި ހިސާބު އަނދިރިކޮށްލިގޮތަށް ވާރެއާއި ވައިރޯޅީގެ ހަމަލާ އއައީ އެއްފަހަރާއެވެ. އޭނަގެ ހިތާމައާއި ބައިވެރިވީކަން ނޭގެއެވެ. ވާރޭތެރެއަށް ނުކުމެވުނުއިރު ލޮލުން ކަރުނަތިކިތައް އޮހިގެންފިއެވެ. "ހަޔާ...ދެވަނަފަހަރަށްވެސް ތިކުރީ ކުށެއް.މީހުންނަށް އިތުބާރުކުރީ...އާޚިރުގައި ހަމައެކަނި ތިމާއާއި ހެއްދެވި ފަރާތް އޮތް ގުޅުން ދެމި އޮންނާނީ..ކީއްވެ އެކަން ހަނދާން ނައްތައިލީ....އެހެން މީހުންނާއިހެދި އެހާވަރަށް އުޅުމުން ހިތް ހަލާކުވާނީ...އެހެން މީހުންނަކަށް އިހުސާސެއްނުވާނެ..ހެއްދެވި ފަރާތާއި އޮންނަން ޖެހޭ ގުޅުމާއި ވެސް ދުރުވެ އިސްލާމްދީނުގައި ހުއްދަނުވާގޮތަށް އަބަދު ހިލޭ ފިރިހެނުންނާއި ވާހަކަދައްކަމުން އުޅުނީމަ މިހެން ވީ.......ދީނުގައި އަންހެންކުދިން އުޅެންޖެހޭގޮތަށް އަބުރުވެރިކަމާއިއެކު އުޅޭނަމަ މިފަދަ ލަދެއްގައި ނުބެދޭނެ. އެންމެން ދެން މަލާމާތްކުރާނެ. މަލާމާތް ހައްގު..ފިރިހެނުންނާއި އެކަހެރިވެ އުޅުނީމަ މިހެންވާނެ. ހަޔާއަށް މިހެން ވުން ހައްގު..........."އޭނަގެ ޚިޔާލުތައް އިތުރަށް ހަލަބޮލިވިއެވެ. އަމިއްލަ ނަފުސު ކުށްވެރިކުރެވުނު ވަަރަކަށް ކަރުނަތައް އިތުރުވިއެވެ. "އެވަރަށް ވަލީވެރިންގެ ފޮތްތައް ކިޔާފައި އެފަދަ މީހަކަށްވާން މަސައްކަތްކުރަނިކޮށް މިނާހް އައީ ....އޭނަވެސް މި ވީ އިމްތިހާނަކަށް..އޭނަވެސް ލޯބިވާނީ ބޭބެދެކެ...ކީއްވެ އެހެން ގޮތަކަށް އެކްސްޕެކްޓްކުރަންވީ؟ބައެއް ފަހަރު މަސައްކަތުގެ މާހައުލަކީވެސް ވަރަށް ނުބައި ނުފޫޒު ފޯރުވާތަނެއް...ފިރިހެނުންނާއެކު މަސައްކަތްކުރަން ޖެހުނީމަ ނުބައި ދިމާލަށް ދެވޭނީ...." "އަދިވެސް ފުރުސަތު އެބައޮތް...ރިޕެންޓް..ފާފައެއް ކުރެވުނުހެން ހީވަންޏާ އެކަމަށް ތައުބާވެ ރަގަޅަށް އުޅެންވީ..." "ހަޔާ..."މަންމަގެ އަޑު އިވުނެވެ."ވާރޭ ތެރޭ ކީއްކުރަނީ؟ އާދެބަލަ...ބޮޑު ކަމެއް ދިމާވެގެން..އަޔާ ވަރަށް ބަލި...އެންމެންނަށް ޓިކެޓް ނަގަން މާނު އެބައުޅޭ. ލީވަން މެންވެސް ދާ ކަމަށް ވަނީ........" ހަޔާ ވާރެއިން މޫނު ދޮވެލަމުން އެތެރެއަށް ވަނެވެ. އޭނަ ހުރީ ތެމިފޯވެފައެވެ. "ދަރިފުޅު..އަނެއްކާ.....ކިހިނެއްވީ؟އަޔާ ބަލިކަން އެނގުނީމަ...."ތަގުވާ ހީކުރީ އަދިވެސް އެހިތުގައި އަޔާޝްގެ ހަނދާންތައް ފޮރުވިފައިވަނީކަމަށެވެ. "ދެރަވާނެއްނު....ޔަލްވީ...މިއުޅެނީ ޔަލްއަށް ގުޅަން..ވަރަށް ސަޕޯޓްބޭނުންވާނެ.." ހަޔާ އަވަސްވެގަތީ ކޮޓަރިއަށް ވަނުމަށެވެ. "ހަޔާ ދާނަންތަ؟" "ނޫން މަންމާ..ޕާސްޕޯޓް މުއްދަތު ހަމަވެފައި...." އޭނަ ހިތާހިތުން ހަމްދުކުރިއެވެ. ސަބަބަކީ މިނާހްއާއިއެކު ދަތުރުކޮށް އޭނަ ފެންނަ ހިސާބަށް ދާން ހިތް އުޒުރުވެރިވާތީއެވެ. ހަޔާ އަވަސްއަވަހަށްގޮސް ދޮރު ލައްޕައިލިއެވެ. އިރުކޮޅެއްވާންދެން ދޮރުގައި ބުރަކަށި ޖައްސާލައިގެން ހުރިއިރު ސިކުނޑި ހަމަޔަކަށް އަޅުވަން މަސައްކަތްކުރިއެވެ. ކަރުނަތަކާއެކުވެސް އިސްތަޣުފާރުކުރަން ފެށިއެވެ. މުސީބާތެއްކުރިމަތިވުމުން އަމިއްލައަށް ރޮއި ހަލާކުވިޔަސް ކުރާނެކަމެއްނެތެވެ. ނަމާދާއި ޒިކުރުން ކެތްތެރިކަން ހޯދާނީއެވެ. އޭނަ އަވަސްވެގަތީ ނަމާދުކުރުމަށެވެ. ސިކުނޑި ހުސްކޮށްލުމަށެވެ. އެއަށްފަހު ޔަލްވީއަށް ގުޅިއެވެ. ފޯނު ނުނެގުމުން ބަލަހައްޓައިގެން އިނދެވުނީއެވެ. އަޔާޝްއަށް މާ ބޮޑު ވަރުވީހެއްޔެވެ؟ *** ދިރިއުޅުމަކީ ކުރު ދަތުރެކެވެ. އަޖަލުޖެހުމުން ކޮންމެފަދަ މީހަކުވެސް ދުނިޔޭގެ ހުރިހާ އެއްޗަކަށް އަލްވަދާއު ކިޔާފައި އެހެން އާލަމަކަށް ދާން މަޖުބޫރުވެދެއެެވެ. ކިތަންގެ ގިނަގެދޮރާއި މުދަލާއި ފައިސާ އަދި ދަރިން ތިއްބަސް އެހިސާބުން ދާން ޖެހެނީ އެކަނިމާއެކަނިއެވެ. އަޔާޝްގެ މަރުވެސް ލިޔުއްވާފައިވާ ވަގުތު ޖެހުމުން އެއްވެސް ޑޮކްޓަރަކަށްވެސް އޭނަގެ ފުރާނަ ސަލާމަތެއް ނުކުރެވުނެވެ. އަބަދަށްޓަކާ ދުނިޔެއާއި ވަކިވެގެން ދިޔައީ އާއިލާއާއި އެކުވެރިން އަދި ދަންނަހާބަޔަކު ރޮއްވާލާ ސިއްސުވާލާފައެވެ. އަޔާޝްގެ ސިކުނޑިއަށް ލޭ އެޅުނަސް މިނާހް ކުރިން ހުރީ އުއްމީދެއްގައެވެ. ނަމަވެސް ސީޓީސްކޭން ރިޕޯޓް ފެނުމުން ހިތްވަރުގެ ދޯދިފަށުން އަތްދޫވިއެވެ. އިބްރާހިމްގެ ހަނދާންތައް އާވިއެވެ. އެއީވެސް ހިތަށްނާރާފަދަ ގޮތަކަށް ވަކިވެގެން ދިޔަ އެކުވެރިއެކެވެ. އަޔާޝް ނިޔާވި ޚަބަރު ލިބުމުން ސައިކޯސިސް އެޕިސޯޑެއް އައިސްގެން އެޑްމިޓްކުރަންވެސް ޖެހުނެވެ. އެފަހުން ބޭސްތަކެއް ކާން ދިނުމުން ތަންކޮޅެއް ހަމަޖެހިލައިގެން އުޅެވޭވަރުވިއެވެ. ހަޔާ އާއިލާގެ ވައިބާ ގްރޫޕްގައި ތައުޒިޔާގެ އަސަރުގަދަ މެސެޖެއް ޕޯސްޓްކުރިއެވެ. މިނާހް އެ ޕޯސްޓަށް ރަތްކުލައިގެ ހިތެއްގެ އިމޯއެއް ފޮނުވުމުން އޭނައަށް ގަބޫލުކުރަން ދަތިވިއެވެ. "މެރިޖް ކެންސަލް ކޮށްފައި އަދި މިއީ ކޮންކަމެއް؟ ހަމަ ނޯމަލް ކަމަށް އޭނައަށް އެވީ....އެހެން މީހެއްގެ އިހުސާސްތަކެއް ނޭގުނު...މުޅިންވެސް ފިނި ހިތްތައް އުޅޭ ގެއަކަށް މި ވަދެވުނީ....." ހަޔާއަށް އަމިއްލަ ނަފުސަށް ބުނެވުނެވެ. އެހިތް ހުރިހާ ވަގުތެއްގައި އޭނަގެ ހިތުގައި ކޮށްޓަމުން ދިޔައީ މަސްހުނި އިހުސާސްތަކާއެކުގައެވެ. *** އަޔާޝްގެ ޖަނާޒާ ބޭއްވުމަށްފަހު ހަފްތާއެއްހާ ދުވަސްތެރޭގައި އެންމެން މާލެެއަށް އެނބުރިއައެވެ. ޔަލްވީ އިންނަނީ ފާޑަކަށް ގަބުވެފައެވެ. އާސީންވެސް ދޭތެރެއަކުން ރޯން ފަށާނެއެވެ. އެގެއަށް އެޅިފައިވާ ހިތާމައިގެ ވިލާގަނޑުގެ ތެރޭގައި އެންމެންގެ ދިރިއުޅުން ހަފުސްވެ ގެނބެމުންދަނީއެވެ. ހަޔާ ޔަލްވީއާއި އާސީންއަށް ހިތްވަރުދެއެވެ. ގުރުއާނާއި ހަދީސްގެ އާޔަތްތަކާއެކު ކައުންސެލިން ދީ ހަދަނީ އަމިއްލަ ނަފުސަށްވެސް އެކަން ވިސްނައިދެމުންނެވެ. ހަޔާ ޔަލްވީގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލުމުން ދޮރު ހުޅުވީ އާސީންއެވެ. "ޔަލް ކޮަޅަށް ތެދުވާނެވަރެއްވެސް ނެތް...." "އެއްޗެއް ކައިގެން ހިތާމަވެސް ކުރެވޭނީ..އަވަހަށް ތެދުވޭ ޔަލް...." އޭނަ ހިފައިގެން އައި ސައި ތަބައް މޭޒުމަތީގައި ބެހެއްޓިއެވެ. "އެ ވެކްސިންގަނޑަކާއި ހެދި އިބޫ އަދި ދޮންބެވެސް...."އާސީން ޓިޝޫއަކުން ލޯ ފޮހެލިއެވެ. "ވެކްސިނަކީވެސް މުހިއްމު އެއްޗެއް. ނުރައްކާތެރި އެތައް ބަލިތަކުން ފުރާނަ ސަލާމަތްކޮށްދޭ އެއްޗެއް.ފަގީރު ގައުމުތަކުގަައި ވެކްސިން ނުދިނުމުގެ ސަބަބުން ޕޯލިއޯ ޖެހި ވާގިނެތިފައި ތިބޭ އެތައް ބަޔަކު ފެނުނީމަ ދެރަވެސް ވޭ. ޑިފްތީރިއަ ވޭނުގައި ކުޑަކުދިން މަރުވާތަންވެސް ފެނޭ...ހޯއްގޮވާ ކެއްސުން، ހިމަ ބިހި ޓީބީފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްކުރަން ވެކްސިންދޭން ޖެހޭ...އެކަމަކު މިފަހަރު ތަފާތު........ކުންފުންޏަކުން ރަގަޅަށް ދިރާސާނުކޮށް އަވަސް އަރުވާލައިގެން އެ ވެކްސިން ތައްޔާރުކުރީ..ބޮޑު ފައިދާގަނޑެއް ނަގަން ލިބުނީ ބަޔެއްގެ ފުރާނައަށް ނުރައްކާވެސް ވެގެން ކަން އެނގުނު. އެހެންވެ އެކަމާއި ދެކޮޅަށް ނިކުންނަން މަޖުބޫރުވީ...." ޔަލްވީ އިނީ ހެޑް ބޯޑަށް ލެނގިލައިގެން ކުޝަން މޭގައި ޖައްސާ ބާރުކޮށްލައިގެންނެވެ. "އަޔާ ވެކްސިން ނުނެގިނަމަ..." "އެކަމަކު ހަގީގަތަކީ އަޖަލު ޖެހުމުން ސަބަބެއް މެދުވެރިވޭ..."ހަޔާ ބުނެލިއެވެ. "އިޓް ވޯޒް މައި ފޯލްޓް....އަޔާ އުޅުނު ބޮލުގައި ރިއްސާތީ...ހޮސްޕިޓަލަށް ގެންދެވުނުނަމަ...އަހަންނަށް ފަރުވާކުޑަކޮށްލެވުނީ..އެރޭ ނިދިފަހުން ބަލާވެސް ނުލެވުނު..........."ޔަލްވީ ބޯ ހޫރައިގަތެވެ. "ނޫނޭ...އެއީ ޔަލްގެ މައްސަލައެއްނޫން...އެއްވެސް މީހަކަށް މަރު ނުހުއްޓުވޭނެ..އަޔާގެ މަރު ލިޔުއްވާފައިއޮތީ އެހެން..ނިޔާފުޅަށް ރުހެންވާނީީ....ވަރަށް އާދައިގެ ކަމަކުން މީހުން އެބަ މަރުވޭ...މިސާލަކަށް ގަދަޔަށް ހުނުމުން، ކާން އިންދާ ކޮށި އަރައިގެން. ހިނގާފައި ދަނިކޮށް މަތިން އެއްޗެއް ވެއްޓި ގައިގާ ޖެހިގެން، ސަޖިދާގައި އޮތްވާ ނޫނީ އެހެން އަޅުކަމެއްގައި، ނިދާފައި އޮތްވާ..ސެލްފީ ނަގަނިކޮށްވެސް އެބަ މަރުވޭ....އޭގެ މާނައަކީ ކޮންމެފަދަ އަމަލެއްގައި ހުއްޓަސް ވަގުތު ޖެހުނީމަ ދާންވީއޭ..މަރުނުވާން ހުރި މީހެއްވިއްޔަ ފްލައިޓް ކްރޭޝްކަހަލަ ބޮޑު ހާދިސާއަކުން އެންމެ މީހަކު ނަމަވެސް ސަވައިވް ވެދާނެ.....އަބަދު ތިބެންވަނީ މަރަށް ތައްޔާރުވެގެން..." "އަޔާ ވަޅުލެވިފައިވަނީ މަދީނާގައި، އެވެސް އަދި އުމްރާގެ އަޅުކަމަށްފަހު، އެތަނުގައި ވަޅުލެވޭ މީހުންނަށް ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ޝަފާއަތް ލިބޭ ތަނެއްގައި..ކޮންމެ މުސްލިމެއްވެސް އެ ނަސީބު ލިބުމަށް އެދޭނެ..." "ހަޔާ......"ޔަލްވީ ސައިތަށި ނަގާފައި ކޯވަރެއް ދަމައިލިއެވެ. ހިކިފައިވާ ކަރުތެރެ ތެމި ކަރުހިއްކުން ފިލިއެވެ. *** އަޔާޝްގެ ކުއްލި ވަކިވުމާއެކު ލިބުނު ފުން ހިތާމައިގާ ހަޔާގެ ފަރާތުން ހިތްވަރު ލިބޭނެކަމަށް ކުރި އުއްމީދުފެނަށްވިއެވެ. ހަޔާއާއި އޭނައާއި ދޭތެރޭ ބީރައްޓެހިކަމުގެ ފަރުދާއެއް ލެވުނެވެ. މިނާހްއާއި އެކަނި ބައްދަލުވެދާނެތީ އެކަން ވިސްނައިގެން އުޅެން މަސައްކަތްކުރާކަންވެސް ފާހަގަވިއެވެ. އެކަމާއިމެދު ވިސްނަންފެށުމާއެކު ކުށްހީތަކާއި ވަހުމް ވަންނަންފަށައެވެ. އަދިވެސް ހަޔާގެ ހިތުން އަޔާޝް ފަނޑުވެގެން ނުދަނީބާވައެވެ. ނޫނެކެވެ. އެހެނެއްނުވާނެއެވެ. އޭނަ ނެގިމަޑުވެފައި އިންނާތީ އެންމެ ގާތުން އެހީވެ އަޅާލަނީ ލީވަންއެވެ. ޖަނާޒާއިން ފެށިގެން މިއަދާއި ހަމަޔަށްވެސް އެންމެ ގާތުގައި ހިތްވަރުދޭން ހުރީ ހަމަ ދެގޮތެއްނުވާ އެ ގާތް އެކުވެރިޔާއެވެ. ދެމީހުން އެކީ ހުކުރުނަމާދަށްގޮސް އެނބުރި އަންނަން ކާރަށް އެރިއިރު ވިއްސާރަވެ އުޑުމަތި ބަނަކޮށްލައިފިއެވެ."އަޔާ އަހަންނަށް ގުޅާފައި ބުނި އެއްޗެއް އެނގޭތަ؟ އާސީއާއި މެރީކުރާށޭ..." "ތި ދެމީހުން އެހާ ޒާތީ ވާހަކަދައްކާ އުޅެންތަ؟ ވަރަށް ތަފާތު...." "މާންއަށްވެސް އެނގޭ ދޯ..އަޔާޝްއާއި އަހަންނާއި އޮތް ގުޅުން؟" "ޅިޔަނަކަށް ދޯ ވާނީ..." "އެހެނެއްނޫން..މިބުނީ....އަޔާގެ މަންމައާއި އަހަރެންގެ ބައްޕަ ރައްޓެހިވެގެން އުޅުނުކަން އެނގފައި އޮވެދާނެ.." "ނޫން..ނުދެނެހުރިން...މަންމަ ނިޔާވީ އަހަރެމެން ވަރަށް ކުޑައިރު.. ތަގުވާ އަހަރެމެން ބަލާބޮޑުކުރީ..އެވަރު އެނގެނީ..." "އަޔާއަކީ އަހަރެންގެ ބައްޕަގެ ދަރިއެއް..." ލީވަން އެ ގޮއްވައިލި ބޮމުން އޭނަގެ ސިކުނޑިވެސް އުދުހިގެން ދިޔައެވެ. "ދޭ ވާ ޔަންގް....އޭރު މިސްޓޭކްވެސް ހެދޭނެ.އަޔާއަށް ބައްޕައެއްގެ މަގާމު ދެއްވާ ދަރިއެއްފަދައިން ބަލާބޮޑުކުރިކަމީ އަންކަލްގެ އިހުސާންތެރިކަން.." "ކިހިނެއް ތިކަން އެނގުނީ؟" "މަންމައާއި ބައްޕަގެ ވާބަލް ފައިޓެއް އަޑުއިވުނީ.." މިނާހްގެ ސިކުނޑިއަށް އެވާހަކަތައް ބަލައިގަންނަން އުދަގޫވިޔަސް ލީވަންގެ ވާހަކަތަކުން ދޭހަވީ އިޚުލާސްތެރިކަމެވެ. އޭނައަށް މަންމަގެ ފޮޓޯތައް ފެނިފައިވިއެވެ. މަންމަ ހެދުން އަޅާފައި ހުރީ ނިކަން ސްޓައިލްކޮށެވެ. ޓޮޕްކޮޅާއި ޖިންސްލާފައި މޭކަޕްވެސް ކޮށްލާފައެވެ. ބުރުގާވެސް ނާޅައެވެ. ފެޝަނަށް ލޯބިކުރި އަންހެންކުއްޖެކެވެ. އެއްކޮށް އުޅުނު އެކުވެރިންނަކީވެސް މުއްސަދި އާއިލާތަކަށް ނިސްބަތްވާ މަޝްހޫރު ކުދިންނެވެ. އޭނަ ބޭނުންނުވިޔަސް މަންމައާއި ހަޔާއާއި އަޅާ ކިޔުނެވެ. ހަޔާ އެފަދަ މަގަކުން ހިނގަފާނެހެއްޔެވެ؟ އަޔާޝްއާއި ދެމީހުންގެ ރައްޓެހިވެގެން އުޅުނިއިރުު އަތުގައި ހިފައިލާވަރުގެ ޖިސްމާނީ ގުޅުމެއް ނެތްނަކަމަށް ބުނުމުން އޭނަވެސް ހަޔާގެ ވާހަކަ ގަބޫލުކުރިއެވެ. ދީންވެރި ކުދިން އިސްލާމީ ހުދޫދުން ބޭރެއްނުވާނެއެވެ."ހަލާލު" ގުޅުމެއްގެ ތެރޭގައި އުޅެން މަސައްކަތްކުރާނެއެވެ. އަޔާޝް ދުނިޔެއާއި ވަކިވެގެން ދިޔުމުން ހަޔާ ބީރައްޓެހިވާންވީ ސަބަބަކީ ދެން ކޮބާހެއްޔެވެ؟ އޭނަ ކައިވެނި ލަސްކުރަން ބުނީމަ ހިތްހަމަނުޖެހުނީހެއްޔެވެ؟ ހަޔާއަށް އޭނަގެ ހިތުގެ އިހުސާސްތައް ނޭގުނީބާވައެވެ. *** "މަންމަ މިތާ އޮތް ފޮތް ނުދެކެންތަ؟" ޔަލްވީ އަލަމާރި ހާވަން ހުރެފައި އަހައިލިއެވެ."އަޔާގެ މަންމަގެ ޑައިރީ....އަޔާ ބޭނުމެއްނުވާނެ އެފޮތް އެހެން މީހަކު ކިޔަން...އައިމް ސޮރީ..އެކަމަކު........" "ޔަލް ހީކުރަނީ މަންމައަށް ނޭގޭ ކަމެއް އެޑައިރީގައި ވާނެކަމަށްތަ؟ މަންމައަށް ނޭގޭ އެންމެ ސިއްރެއްވެސް ނުވާނެ... އެއީ މަންމަގެ އެންމެ ގާތް އެކުވެރިޔާ..މިއަދު އޭނަވެސް ބޭނުމެއްނުވާނެ އެ ވާހަކަތައް އިތުރު މީހަކަށް އެނގެން......އެޑައިރީ މަންމަ އަންދާލައިފިން..އޭގައި ހުރި ހަގީގަތް އިތުރު މީހުންނަށް އެނގުމުގެ މާނައެއްނެތް...ބައެއް ސިއްރުތައް އެންމެ ރަގަޅުވާނީ އަބަދަށްޓަކާ ވުޖޫދުން ނައްތައިލުން...ޔަލްއަށް އެނގިފައި އޮތްކަމެއްވިއްޔާ އިތުރަށް އެވާހަކަ ނުދައްކާ..އެއްވެސް ފާފައެއް ކުރެވިފައި އޮތިއްޔާ އެކަންތައް ފޮރުވަން ޖެހެނީ..ސަބަބަކީ ނޫނީ ނޯމަލައިޒްވާން ފަށާފާނެތީ.." "އަޔާ ނިޔާވި ދުވަހުގެ ކުރީ ދުވަހު މަންމައަށް ގުޅާފައި އެވާހަކަ ދެއްކި..ޑައިރީ އެހެންމީހަކަށް ނުފެންނަ ގޮތަކަށް ފޮރުވަން އެދުނު..."ތަގުވާެ ލޮލުގައި ވިދަ ވިދާ ހުރީ ކަރުނައެވެ."އަޔާދެކެ މަންމަ ލޯބިވީ އަމިއްލަ ދަރިއެއްހެން...އަދި އެދަރިފުޅުގެ މަންމަދެކެވެސް...އެއީ ހަމަ އާއިލާ...މަންމަދެކެ އެވަރަށް ނަފްރަތުކުރިއިރުވެސް ހަގީގަތް ބުނާން ބޭނުންނުވީ ނިޔާވެފައިވާ އެކުވެރިޔާގެ ހައްގުގައި..." ޔަލްވީއަށް ތަގުވާގެ ގައިގާ ބައްދައިލެވުނެވެ. *** ހަޔާ ކޮފީތަށްޓެއް ހިފައިގެން ގޮސް ކުޑަދޮރު ކައިރީގައި ހުރެ ބޭރަށް ބަލަންފެށިއެވެ. ވާރޭވެހޭ މަންޒަރުން ހިތަށް ހަމަޖެހުމެއްލިބުނެވެ. ކޮންމެ ކަމަކުން ފެންނަނީ ﷲތައާލާގެ ކުޅަދުންވަންތަކަމެވެ. "ހަޔާ...."މިނާހްގެ އަޑު އިވުމުން ސިހުމާއެކު ހިތް އޮތްތަނުން ފުންމައިލިހެން ހީވިއެވެ. "ކީއްވެ ފިލައިގެން ތިއުޅެނީ؟ ރުޅި އައިއްޔާ ސަބަބެއްވެސް ބުނަންވާނެތާ..."މިނާހްގެ ފިޔަވަޅުތައް މަޑުކޮށްލީ ދެތިން ފޫޓު ދުރުގައެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ