އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަށް ޕްރައިމަރީއާ ނުލައި ދިނުމަށް ޕީޕީއެމްގެ ކައުންސިލްގެ އަގުލަބިއްޔަތުން އެދުނު ނަމަވެސް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކަމާ ދެކޮޅު ހައްދަވައިފިކަން ހާމަވެއްޖެ އެވެ.
ޕީޕީއެމްގެ ކައުންސިލްގެ މެންބަރަކު މިރޭ ވިދާޅުވީ ޕީޕީއެމްގައި، ހިމެނޭ 33 މެންބަރުންގެ ތެރެއިން ހަ މެންބަރަކު ފިޔަވައި އެހެން ހުރިހާ މެންބަރުން ސޮއިކޮށް ރައީސް މައުމޫންއަށް ޕެޓިޝަނެއް ހުށަހެޅި ކަމަށެވެ. އެހެން ނަމަވެސް އެ ޕެޓިޝަނާ ގުޅިގެން، މައުމޫން ކައުންސިލް މެންބަރުންނަށް ވައިބާ މެދުވެރި ކުރައްވާ މެސެޖް ކުރައްވާފައި ވަނީ، ޕީޕީއެމް އުފެދުނު އަސްލު ކަމުގައިވާ ޑިމޮކްރަސީއާ ހިލާފުކަމެއް ކުރުމަށް އެދި ނުލެއްވުމަށް ކަމަށް އެ މެންބަރު ވިދާޅުވި އެވެ.
ޕްރައިމަރީއެއް ނެތި ރައީސް ޔާމީންއަށް ރިޔާސީ ޓިކެޓް ދިނުމަށް ޕެޓިޝަންގައި ސޮއި ކުރި ބޭފުޅުންގެ ތެރޭގައި ރައީސް މައުމޫންގެ ދަރިކަލުން ރައީސް އޮފީހުގެ މިނިސްޓަރު ގައްސާން މައުމޫން އަދި ދަރިކަނބަލުން ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް ސޮއި ކުރައްވާފައިވާކަން އެ މެންބަރު ކަށަވަރުކޮށްދިނެވެ. އަދި ޕެޓިޝަން ހުށަހެޅުއްވި ފަރާތްތަކުން ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް މައުމޫންއަށް އެދުމުން ވެސް އެކަން ކުރެއްވުމަށް ހިޔާލު ނުކުރައްވާ ކަމަށް މައުމޫން ނުސީދާ ކޮށް ވިދާޅުވި ކަމަށް ވެސް ކައުންސިލް މެންބަރު ވިދާޅުވި އެވެ.
"މައުމޫން އެކަމާ ދެކޮޅު ހައްދަވަންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. އެއީ ޕާޓީގެ އަސާސީ ގަވާއިދުން އެކަމަށް ހުއްދަ އެބަ ލިބޭ ޕީޕީއެމްގެ ރިޔާސީ ޓިކެޓްގައި ރައީސްއަކަށް ހުންނެވި ބޭފުޅަކަށް އެ ޓިކެޓް ދޭން. އަނެއްކާ ކައުންސިލު މި އޮތީ ރައީސް ޔާމީންއާ އެކު. އެހެން ވީމާ އެކަމަށް ރައީސް މައުމޫން ދެކޮޅު ހައްދަވަންވީ ސަބަބެއް ނެތް،" ނަން ނުޖަހާ ގޮތަށް ކައުންސިލް މެންބަރު ވިދާޅުވި އެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން ނަމަ، ޕީޕީއެމްގެ ޓިކެޓްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެ، ފަސް އަހަރު ދުވަހުގެ ދައުރެއް އަދާކުރައްވާ ބޭފުޅަކު، ދެވަނަ ދައުރަކަށް ކުރިމަތިލާން ބޭނުން ނަމަ އެބޭފުޅަކަށް ޓިކެޓް ދެވިދާނެ ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް ޓިކެޓް ދެވޭނީ ޕާޓީގެ ފަރާތުން އިތުރު ބޭފުޅަކު ކުރިމަތިލާން ޝައުގުވެރި ނުވާ ނަމަ އެވެ. އަދި ޝައުގުވެރިވެއްޖެ ނަމަ، ޕާޓީގެ ކޮންގްރެސް ނުވަތަ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވާ ޕްރައިމަރީއަކަށް ދާން ފެނޭތޯ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕީޕީއެމް އިން ރައީސް ޔާމީންއާ ވާދަކުރަން ނިކުންނަވާނެކަން އެއްވެސް ބޭފުޅަކު އަދި އިއުލާނެއް ނުކުރައްވަ އެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދުގައި އާންމު ހަލާތްތަކުގައި އަމަލު ކުރަން ބުނެފައި ވަނީ، ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވާނީ ހުރިހާ މެމްބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީއަކުން ކަމަށެވެ. އެ ޕްރައިމަރީ ބާއްވަން ޖެހެނީ ރިޔާސީ އިންތިހާބު އޮންނަ ތާރީހުގެ ކުރިން ތިން މަހާއި ހަ މަހުގެ މުއްދަތެއްގެ ތެރޭގަ އެވެ.
ޕްރައިމަރީއެއް ނެތި ޔާމީންއަށް ޓިކެޓް ދޭން ޕެޓިޝަނެއް، މައުމޫން ދެކޮޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ