އެސްބީއައި އިން ޑޮލަރު ލިމިޓް ދަށްކޮށްފި

ރާއްޖޭގައި ހިންގާ ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ޑޮލަރު ލިމިޓް ދަށްކޮށްފިއެވެ.
މިކަމާ ބެހޭގޮތުން އެސްބީއައި މޯލްޑިވްސްއިން ބުނެފައިވަނީ، ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ ރައްޔިތުންނަށް މަހަކަށް ފޮނުވޭ ފައިސާގެ އަދަދު 150 ޑޮލަރަށް ލިމިޓްކޮށްފައިވާކަމަށެވެ. އެގޮތުން ދެން ރެމިޓަންސްގެ ގޮތުގައި ފޮނުވޭނީ 2313 ރުފިޔާއަށް ވާ އަދަދަށްކަމަށް އެސްބީއައިއިން ބުންޏެވެ. 
އެސްބީއައި އިން ބުނީ މި ބަދަލު ގެންނަން ޖެހުނީ އެ ބޭންކްގެ ބޭރުފައިސާ ލިބުން ދަތިވުމާ ގުޅިގެންނެވެ. އެސްބީއައި އިން ވަނީ އެ ބޭންކްގެ ދިވެހި ރުފިޔާ ކާޑު ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި ކުރެވޭ މުއާމަލާތްތައް ނުކުރެވޭގޮތަށް ހަމަޖައްސާފައެވެ. މީގެ ކުރިން އެސްބީއައިއިން އެކައުންޓް ހުޅުވާ ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭގޮތަށް އޮތްނަމަވެސް ފަހުން އެ ހިދުމަތްވެސް ވަނީ ހުއްޓާލާފައެވެ. 
އެސްބީއައި އިން ޑޮލަރު ލިމިޓް ދަށްކޮށް ދިވެހި ރުފިޔާގެ ކާޑުން ބޭރުގައި ކުރަމުން އައި މުއާމަލާތްތައް ހިފެހެއްޓިނަމަވެސް ރާއްޖޭގެ ޤައުމީ ބޭންކް، ބީއެމްއެލުން އަންނަނީ، ދިވެހި ރުފިޔާ ކާޑުން ބޭރުގައި ކުރެވޭ މުއާމަލާތްތަކުގެ ލިމިޓް އިތުރުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ