މީޑިއާ ބިލު ފާސްކުރާތީ މަޖިލިސް ދޮށަށް އެއްވަނީ

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" މިއަދު ފާސްކުރަން އުޅޭތީ މަޖިލިސް ދޮށަށް އެއްވާން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އާންމުންނަށް ގޮވާލައިފި އެވެ.
އެމްޖޭއޭ އިން ބުނީ މި ބިލު މަޖިލީހުން މިއަދު ފާސްކޮށްފިނަމަ، އެއީ މިނިވަން މީޑިއާ އާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ފަހު ދުވަހަށްވުން ގާތް ކަމަށެވެ.
އެގޮތުން ޖަމިއްޔާ ޖަމާއަތްތަކާއި ޒުވާނުންގެ އިތުރުން އާންމު ހުރިހާ ރައްޔިތުން ބިލާ ދެކޮޅު އަޑުއުފުލުމަށް މިއަދު ހެނދުނު 8:30 އަށް މަޖިލިސް ދޮށަށް އެއްވުމަށް އެމްޖޭއޭއިން ވަނީ ގޮވާލައިފަ އެވެ.
މި ބިލު ފާސްކުރަން ދައުރުން ބޭރު ޖަލްސާއެއް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް ޖަލްސާގެ އެޖެންޑާ މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ.
މަޖިލީހުގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ބިލު އިއްޔެ ފާސްކުރީ ނޫސްވެރިން ނުވައްދައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ބިލު ފާސްކުރީ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި ބިލަށް ބަންޑާރަ ނައިބުގެ އޮފީހުން ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވެ އެވެ. އޭގެތެރޭގައި ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުމުގެ އިސްލާހު ހިމެނެ އެވެ. އެ އިސްލާހުތަކާ މެދު ކޮމިޓީން ގޮތް ނިންމި ބައްދަލުވުން ކުރިން ސިއްރުކޮށްފައި ވާތީ އޭގެ ތެރެއިން ބިލުގައި ހިމަނަން ނިންމީ ކޮންކޮން އިސްލާހުތަކެއް ކަމެއް ނޭނގެ އެވެ.
މީޑިއާ ބިލު ބޭރުކޮށްލަން އެެދި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ