އިގްތިސާދީ ކާރިސާއެއްގައި ގައުމު އޮއްވައި، ރިކޯޑެއް ހެދުމުގެ ނިޔަތުގައި 200 އަށް ވުރެ ގިނަ ޕްރޮޖެކްޓު ބަހާލަނީ އިގްތިސާދީ ކާރިސާއެއްގައި ގައުމު އޮއްވައި، ރިކޯޑެއް ހެދުމުގެ ނިޔަތުގައި 200 އަށް ވުރެ ގިނަ ޕްރޮޖެކްޓު ބަހާލަނީ

އިންވެސްޓުމަންޓުތައް މަޑުޖެހި، ދައްކަންޖެހޭ ބޮޑެތި ލޯނުތައް ދެއްކޭނެ ފަސޭހަ މަގެއް ނުފެންނަނީސް އަދި ފައިސާ ނެތިގެން ފައިސާ ޗާޕު ކުރަން ނިންމާފައިވާ ހައްސާސް ދަނޑިވަޅެއްގައި، ރިކޯޑެއް ހެދުމުގެ ބޭނުމުގައި 200 އަށް ވުރެ ގިނަ ޕްރޮޖެކްޓު ބީލަމަކަށް ނުލައި ބަހާލަން ސަރުކާރުން ނިންމައިފި އެވެ.
ރެކޯޑު ހެދުމުގެ މަގްސަދުގައި ޕްރޮޖެކްޓު ބެހުމުގެ ތައްޔާރީތައް ސަރުކާރުން މިހާރު ކުރިއަށްގެންދާ ކަމަށް އަދަދު އާ ވާހަކަ ބައެއް މަސްދަރުތަކުން ވަނީ ޔަގީންކޮށްދީފަ އެވެ. އެކަން ކުރިއަށް ގެންދަނީ ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ބައެއް އެހެން މިނިސްޓްރީތައް ގުޅިގެންނެވެ. އެ ހަފުލާ ބާއްވަނީ އަންނަ ހަފުތާގަ އެވެ.
އެނގިފައިވާ ގޮތުގައި ބަހާލާ ޕްރޮޖެކްޓުތަކުގައި ސޮއި ކުރަން ފަށަނީ ރޭގަނޑު 8:30 އިން ފެށިގެންނެވެ. ލަފާ ކުރެވޭ ގޮތުގައި ސަރުކާރުން ބަހާލާ ޕްރޮޖެކްޓުތަކުގައި ސޮއި ކުރުމުގެ ހަފުލާ މެންދަމާ ހަމައަށް ކުރިއަށްގެންދާނެ އެވެ. އެ ހަފުލާގައި 200 އަށް ވުރެ ގިނަ ޕްރޮޖެކްޓުގައި ސޮއި ކުރާނެކަން މި ނޫހަށް ވަނީ ޔަގީންވެފަ އެވެ.
ހަމައެކަނި ރިކޯޑެއް ހެދުމުގެ ބޭނުމުގައި ބީލަމަށް ވެސް ނުލައި ޕްރޮޖެކްޓުތަކެއް ބަހާލަން ނިންމިއިރު، ވަޒީރުންގެ މަޖިލީހުން ބޭނުންވާ ޕްރޮޖެކްޓުތައް ބީލަމަކަށް ނުލައި އެވޯޑު ކުރެވޭ ގޮތަށް އޮކްޓޯބަރު 12، ގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ވަނީ އިސްލާހުކޮށްފަ އެވެ.
ސަރުކާރުން ރިކޯޑެއް ހަދަން މަސައްކަތް ކުރާއިރު، ގައުމުގެ އިގްތިސާދު އޮތީ ނިކަން ނާޒުކު ހާލަތެއްގަ އެވެ. މި ސަރުކާރު ވެރިކަމަށް އައި ފަހުން ޕްރައިވެޓް ކޮންޓްރެކްޓަރުންނަށް ފައިސާ ދިނުން އޮތީ މަޑުޖައްސާލައިފަ އެވެ. އެ ފައިސާ ދިނުމަށް މިހާރު ފައިސާ ޗާޕު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ދިވެހި އިގްތިސާދުގައި ވަރު ނެތުމުގެ ސަބަބުން ތަކެތީގެ އަގު ވެސް އިންތިހާއަށް ވަނީ އުފުލިފަ އެވެ. ހިސާބުތަކުން ދައްކާ ގޮތުގައި އޯގަސްޓު، 2024، އިން ފެށިގެން އަހަރެއްގެ ތެރޭގައި އިންފްލޭޝަން ވަނީ 4.14 ޕަސެންޓު އުފުލިފަ އެވެ.
އަންނަ އަހަރު ސަރުކާރުން މަދުވެގެން 1.2 ބިލިއަން ޑޮލަރުގެ ލޯނު ވެސް ދައްކަންޖެހެ އެވެ. އެ ލޯނުތައް ދެއްކޭނެ ފަސޭހެ މަގެއް ނެތް ކަމަށް މާލީ ތަޖުރިބާކާރުން ބުނެ އެވެ. އޭގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ސުކޫކާއި އިންޑިއާ އަދި ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ހިމެނެ އެވެ.
ރިކޯޑު އަދަދަކަށް ޕްރޮޖެކްޓު ބަހަން ސަރުކާރުން ނިންމިއިރު، މުހައްމަދު މުއިއްޒު ވެރިކަމަށް އައި ފަހުން އެތައް ޕްރޮޖެކްޓެއްގައި މިހާރު ވެސް ވަނީ ސޮއިކޮށްފަ އެވެ. ނަމަވެސް އެއިން އެންމެ ޕްރޮޖެކްޓެއް ވެސް ބަރާބަރަކަށް ނުހިނގަ އެވެ.
މުއިއްޒު ހަވާލުކޮށް، ކުރިއަށް ނުގޮސް ހުރި ޕްރޮޖެކްޓުތަކުގެ ތެރޭގައި ފުށިދިއްގަރުފަޅު ހިއްކުމުގެ ޕްރޮޖެކްޓާއި މަސްވެރިކަމުގެ ދާއިރާއިން ހަވާލު ކުރި ޕްރޮޖެކްޓުތަކާއި ގދ. ތިނަދޫ އެއާޕޯޓު ޕްރޮޖެކްޓާއި ގާދޫގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހެދުމުގެ ޕްރޮޖެކްޓާއި އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމެންޓް ބަނދަރެއް ހެދުމުގެ ޕްރޮޖެކްޓާއި ހުޅުލެ-ފުނަދޫ-މާލެއާ ދެމެދު މޮނޯރެއިލްއެއް ގާއިމް ކުރުމުގެ ޕްރޮޖެކްޓު ހިމެނެ އެވެ.
ސަރުކާރުން ޕްރޮޖެކްޓު ހަވާލު ކުރުމުގެ ރިކޯޑުތަކަށް ބަލާއިރު، އެންމެ ގިނައިން މިހާތަނަށް ޕްރޮޖެކްޓު ހަވާލު ކުރީ އިންޑިއާގެ މަދްޔާ ޕްރަދޭޝުގެ ރޫރަލް ޑިވެލޮޕްމަންޓު މިނިސްޓަރު ގޯޕާލް ބަރްގާވާ އެވެ. ސެޕްޓެމްބަރު 17، 2023، ގައި އޭނާ ވަނީ 2551 ޕްރޮޖެކްޓު ހަވާލުކޮށްފަ އެވެ. އެކަމަކު އެއީ ގިނިސް ވޯލްޑް ރިކޯޑުން ބަލަހައްޓާ ރިކޯޑެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ