މި އަހަރުގެ މާޗްއިން އޮކްޓޫބަރުގެ ނިޔަލަށް އެއާ އެމްބިއުލާންސްގައި 1،800 ބަލިމީހުން އުފުލި
މި އަހަރުގެ މާޗު މަހުން އޮކްޓޫބަރު މަހުގެ ނިޔަލަށް އެއާ އެމްބިއުލާންސްގައި 1،800 ބަލިމީހުން އުފުލާފައިވާ ކަަމަށް މޯލްޑިވިއަންއިން މިއަދު ބުނެފިއެވެ. މޯލްޑިވިއަންއިން މިއަދު ނެރުނު ތަފާސްހިސާބުގައި ވަނީ އެ އެއާލައިންގެ އެއާ އެމްބިއުލާންސްގައި މާޗު މަހުގެ އެއް ވަނަ ދުވަހުން، އޮކްޓޫބަރު މަހުގެ 31ގެ ނިޔަލަށް 1،562 ދަތުރުކޮށްފައިވާ ކަމަށެވެ. އެއާ އެމްބިއުލާންސްގެ ޚިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހެވެ. މި އަހަރުގެ މާޗް އެއްވަނަ ދުވަހުގެ ނިޔަލަަށް އެ އެއާލައިންގެ އެއާ އެމްބިއުލާންސްގައި 787 ދަތުރުތައް ކޮށްފައިވާ ކަމަށް މޯލްޑިވިއަންއިން ބުންޏެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެއާ އެމްބިއުލާންސްގައި 931 ބަލިމީހުން އުފުލާފައިވާ ކަމަށް މޯލްޑިވިއަންއިން ބުންޏެވެ. ކުއްލި ފަރުވާ ދިނުމަށް ތަމްރީން ލިބިފައިވާ މީހުންނާއެކު ފެށި އެއާ އެންބިއުލާންސްގެ ޚިދުމަތަކީ 24 ގަޑިއިރުގެ ޚިދުމަތެކެވެ. އެ ޚިދުމަތަށް، ސީ އެމްބިއުލާންސްގެ ޚިދުމަތް ވެސް ވަނީ ތައާރަފުކޮށްފައެވެ. އެއާ އެމްބިއުލާންސްގެ ޚިދުމަތަކީ ހެލްތު މިނިސްޓްރީއާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އާއި އާސަންދަ ގުޅިގެން ދޭ ޚިދުމަތެކެވެ. މީގެ ކުރިން ކުއްލި ފަރުވާގައި ބަލިމީހުން އުފުލައި އުޅުނީ ގައުމީ އެއާލައިން މޯލްޑިވިއަނުންނާއި ގައުމީ ދިފާއީ ބާރު އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބޭނުންކޮށްގެންނެވެ. އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކޮށް، އެ ޚިދުމަތް ފުޅާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ