އެޕަލްގެ މުހިންމު މުވައްޒަފުން އޯޕަންއޭއައިއަށް ބަދަލުވަނީ

ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި އެޕަލް ކުންފުނީގެ މުހިންމު ދާއިރާތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ހުނަރުވެރިން އޯޕަންއޭއައި އަދި މެޓާ ފަދަ, އޭއައި ދާއިރާގައި ކުރިއަރަމުން އަންނަ ކުންފުނިތަކަށް ބަދަލުވަމުންދާ ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފިއެވެ. އެޕަލްގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަގާމުން ވަކިވެވަޑައިގަތުމަށް ނިންމަވާފައިވާކަން ވެސް ހާމަވެފައިވާއިރު، އެއީ އެޕަލްއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކެއް ކަމަށް ބެލެވެއެވެ. ލިންކްޑިންއިންގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލައި ވޯލް ސްޓްރީޓް ޖާނަލްއިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، އެޕަލްގެ އޯޑިއޯ، ވޮޗް ޑިޒައިން، ރޮބޮޓިކްސް އަދި އެޕަލްގެ މުހިންމު އެހެނިހެން އުފެއްދުންތަކުގެ ދާއިރާގެ ގިނަ ހުނަރުވެރިން މިދިޔަ މަސްތަކުގައި ވަނީ އޯޕަންއޭއައިއަށް ބަދަލުވެފައެވެ. https://sun.mv/213964 މި މުވައްޒަފުންގެ ތެރޭގައި ވެއަރިން ޑިވައިސްތަކުގެ އިންޑަސްޓްރިއަލް ޑިޒައިންއާއި، އައިފޯން، އެއާޕޮޑްސް އަދި އެޕަލް ވޮޗްގައި ބޭނުންކުރާ ޕްލެޓްފޯމް-ލެވެލް އޯޑިއޯ ޓެކްނޮލޮޖީތަކަށް މަސައްކަތްކުރި މީހުން ހިމެނެއެވެ. އެޕަލްއިން އެހާގިނަ ބަޔަކު ވަކިވާން ނިންމާފައިވާއިރު، ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ އޯޕަންއޭއައިއިން އެ ކުންފުނީގެ ފުރަތަމަ ހާޑްވެއާ ޑިވައިސް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމެވެ. އެހެންކަމުން، އެޕަލްގެ މި ހުނަރުވެރިންގެ ތަޖުރިބާ އޯޕަންއޭއައިގެ މި މަސައްކަތަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމަށް ބެލެވެއެވެ. ރިޕޯޓްތައް ބުނާގޮތުގައި އަންނަ އަހަރު އެ ކުންފުނީގެ ފުރަތަމަ ހާޑްވެއާ ޑިވައިސް ތައާރަފުކުރާނެއެވެ. މި ހަފުތާގެ ކުރީކޮޅު މެޓާއިން ވެސް ވަނީ އެޕަލްގެ ގިނަ މުވައްޒަފުން ވަޒީފާއަށް ނަގާފައެވެ. އޭގެ ތެރޭގައި އެޕަލްގެ ގިނަ ދުވަސްވީ ޑިޒައިނަރު އެލަން ޑައި ހިމެނެއެވެ. މެޓާއިން މިހާރު ދަނީ އޭއައި އަދި ސްމާޓްގްލާސް ޑިވައިސްތައް ތަރައްގީކުރުމަށް މީހުން ހޯދުމުގެ މަސައްކަތް ބާރަށް ކުރަމުންނެވެ. މި ދެ ކުންފުނިން ވެސް އެޕަލްގެ ހުނަރުވެރިންނަށް ޝައުގުވެރިކަން ފާޅުކުރަނީ، އާޓިފިޝަލް އިންޓެލިޖެންސް އަދި އާ ހާޑްވެއާ ޑިވައިސްތަކުގެ ދާއިރާގައި އެޕަލްއަށް ވާދަވެރިވުމަށް ކަމަށް އެނަލިސްޓުން ބުނެއެވެ. މުވައްޒަފުން ބަދަލުވުމުގެ އިތުރުން، އެޕަލްގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ރިޓަޔާވާން ވެސް ނިންމަވާފައެވެ. އެގޮތުން ސީނިއާ ވައިސް ޕްރެޒިޑެންޓް އަދި ޖެނެރަލް ކައުންސެލް ކަލް އެޑަމްސް، ވައިސް ޕްރެޒިޑެންޓް އޮފް އެންވަޔަރަންމަންޓް، ޕޮލިސީ އެންޑް ސޯޝަލް އިނިޝިއޭޓިވްސް ލީސާ ޖެކްސަން، އަދި އޭއައި ޗީފް ޖޯން ޖިއަންނަންޑްރިއާ ރިޓަޔާވާނެކަން ވަނީ އިއުލާނުކޮށްފައެވެ. މިއީ އެޕަލްގެ މުސްތަގުބަލަށް ކޮންމެވެސް ވަރެއްގެ އަސަރުތަކެއް ކޮށްފާނެ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ކުރިން މި އަހަރުގެ ތެރޭގައި ޗީފް އޮޕަރޭޓިން އޮފިސަރު ޖެފް ވިލިއަމްސް އާއި ޗީފް ފައިނޭންޝިއަލް އޮފިސަރު ލޫކާ މައެސްޓްރީ ވެސް ވަނީ އެޕަލް ދޫކުރައްވާފައެވެ. އަދި އެޕަލްގެ ސީއީއޯ ޓިމް ކުކް ވެސް އަންނަ އަހަރުގެ ކުރީކޮޅު މަގާމުން ވަކިވެވަޑައިގަންނަވާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. މިކަންކަމުގެ ސަބަބުން އެޕަލްގެ ލީޑާޝިޕަށް މުހިންމު ބަދަލުތަކެއް އަތުވެދާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ