އަހުރެމެންގެ މައްޗަށް އޮތް އެންމެ ބޮޑު ވާޖިބަކީ ނަމާދުކުރުމެވެ. ނަމަވެސް މިހާރަކަށް އައިސް ނަމާދަށް ފަރުވާކުޑަކުރެވޭ މީހުން ދަނީ ގިނަވަމުންނެވެ. ގިނަ ބައަކަށް ނަމާދުގެ ވަޤުތުތައް ފާއިތުވެގެންދަނީ ފަހުން ކޮށްލަން މަޑުކޮށްލައިގެން ހުއްޓައެވެ. މިއީ އެންމެ ހިތާމަހުރި އެއްކަންތަކެވެ. ވީމާ މިކަންކަމަށް މާބޮޑަށްވެސް ވިސްނަން މިއޮތީ ޖެހިފައެވެ.
ފުރަތަމަ ކަމަކަށްވެސް ނަމާދަށް ފަރުވާ ކުޑަކުރާ އެއްވެސް މީހަކަށް ތިމާ މިހުރީ މަރަށް ތައްޔާރުވެގެން ކަމަކަށް ނުބުނެވޭނެއެވެ. އަދި ކިއެއްތަ! އެމީހަކީ މަރަށް ތައްޔާރުވާން މަސައްކަތްކުރާ މީހެއްކަމަކަށްވެސް ނުބުނެވޭނެއެވެ. އެމީހަކު އެހެރީ ބޮޑުތަނުން ފެއިލްވެފައެވެ. ޣާފިލުކަމުގެ ތެރޭގައެވެ. ވީމާ އާޚިރަތް އެދޭނަމަ އަބަދުވެސް މަރަށް ތައްޔާރުވެގެން ހުންނާށެވެ. ނަމާދުތައް ފުރިހަމައަށް އަދާކުރަމުން ގެންދާށެވެ!
މިރޭވެސް މިކިޔައިދެނީ މީގެ ކުރިންވެސް ބައެއް ދަރުސްތަކުގައި ކިޔައިދީފައިވާ ވާހަކައެކެވެ. އެމީހެއްގެ އަތްމަތީގައި ގިނަ ބައަކު ދުނިޔެ ދޫކޮށްފައިވާ ޑޮކްޓަރެއްގެ ވާހަކައެވެ. މަރަށް ތައްޔާރުވުމާއިބެހޭ ގޮތުން އޭނާ ދީފައިވާ ވަރަށް ވަރުގަދަ މެސެޖުތަކެއްގެ ވާހަކައެވެ. ވިސްނުންތެރިކަމާއިއެކު އަޑުއަހާށެވެ!
"އަހަރެން މަސައްކަތް ކުރަނީ ހޮސްޕިޓަލުގެ އިމަރޖެންސީގައެވެ. އެއީ ހޮސްޕިޓަލުގެ އެންމެ ބުރަ ބައެއްވެ. އެންމެ ނުރައްކައުތެރި ބައިގައެވެ. އެހެނީ އިމަރޖެންސީއަށް ގެނެވޭ ކޮންމެ މީހަކީ ކޮންމެވެސް ގޮތަކުން ވަރަށް ނުރައްކައުތެރި ޙާލަތެއްގައި ގެނެވޭ މީހެކެވެ. އެމީހާގެ ފުރާނަ އާއި ހަނގުރާމަކުރަމުން ގެންދާ ޙާލުގައި ގެނެވޭ މީހެކެވެ.
އެހެންކަމުން ނަމާދު އެނަމާދުގެ ވަގުތުގައި ކުރުން އޮންނަނީ ވަރަށް ދަތިކަމަކަށްވެފައެވެ. ޚާއްޞަކޮށް ފަތިސް ނަމާދާއި މަޣްރިބް ނަމާދު ވަގުތު ފަދަ ވަގުތުކޮޅު މަދު ނަމާދުތަކެވެ. އެހެންނަމަވެސް އަހަރެން ހަމަ އެންމެ ނަމާދެއްވެސް ދުލެއް ނުކުރަމެވެ. ބަލިމީހާ ކައިރިން ހިނދުކޮޅަކަށް ދުރަށް ޖެހިލެވެން ނުއޮންނަ ޙާލަތުގައިވެސްމެއެވެ. ގުދުވެ ސަޖިދައެއް ޖަހައިލެވެން ނުއޮންނަ ޙާލަތުގައިވެސް މެއެވެ.
ވުޟޫކުރަން އިސްކުރު ކައިރިއަށް ދެވެން ނުއޮންނަ ފަހަރުވެސް ކުރިމަތިވާތީ އިސްތިންޖާ ކުރުމަށްޓަކައި އަހަރެން އުޅެނީ ޖީބަށް ހިލަވެސް އަޅައިގެންނެވެ. އަހަރެން ކޮންމެ ނަމާދެއްވެސް އެ ނަމާދުގެ ވަގުތުގައި ކުރަން މިހައި ބޮޑު ސަމާލުކަމެއް ދެނީ ނަމާދު އަޅައިގެން ހުއްޓައި މަރުވެއްޖެނަމަ ނުކިޔަމަންތެރިއެއްގެ ގޮތުގައި މަރުވާން ޖެހޭނެތީއެވެ. ﷲ ތައާލާގެ ކޯފާ އާއި ޢަޛާބަށް ބިރުގަންނަ މިންވަރު ބޮޑުކަމުންނެވެ."
މިއީ ޑޮކްޓަރެއްގެ ބުރަ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ ދީނީ ޢިލްމުވެރިއަކު ވިދާޅުވެފައިވާ ބަސްފުޅެކެވެ.
އަދިވެސް ޑޮކްޓަރު ވިދާޅުވެފައިވެއެވެ.
"އިމަޖެންސީއަށް ބައެއް ފަހަރު ގެނެވޭ 20، 30 އަހަރުގެ ޒުވާނުން ގެނެވޭއިރުވެސް ހިތާއި ފުއްޕާމޭ ފަދަ އެންމެ ނާޒުކް ގުނަވަންތައް ފޭލްވެފައި އެބަ ހުރެއެވެ. ހުރިހާ މެޝިނެއް ގުޅައި ހުރިހާ ވަސީލަތްތަކެއް ބޭނުންކުރުމުން ވެސް ގުނަވަންތައް މަސައްކަތް ނުކޮށް އެބަ މަރުވެއެވެ. އެފަދަ ކޮންމެ ޙާލަތެއްގައި އަހަރެންގެ ހިތަށް އަރަނީ އަހަރެންގެ މަރު ކުރިމަތިލާނީ ކޮންފަދަ ހާލަތެއްގައިބާވައެވެ!"
މީސްތަކުންނޭވެ! ވިސްނައިލަންވީ މިކަންކަމަށެވެ. މަރު އެމީހަކާއި ބައްދަލުކުރާނީ ކޮން ފަދަ ޙާލަތެއްގައި ކޮން ގޮތަކަށް ކޮން އުމުރެއްގައިކަން އެނގޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ! ދުނިޔޭގެ ބޮޑެތި ހޮސްޕިޓަލުތަކުން މެޑިކަލް ޗެކަޕް ހަދާފައި އެއްވެސް މައްސަލަ އެއް ނެތް ކަމަށް ނިންމާ ދުވަހު ހާޓް އެޓޭކް ޖެހިގެން ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވެގެން އެބަ މަރުވެއެވެ. ވީމާ ހަދާ އެއްވެސް މެޑިކަލް ޗެކަޕަކުން މަރުވާނެ ގޮތް ޔަޤީނެއް ނުކުރެވޭނެއެވެ. ނުވެސް އެނގޭނެއެވެ. އަދި މަރުވާނެ ވަގުތެއްވެސް ނޭނގޭނެއެވެ.
ވީމާ ވިސްނައިލަންވީ ޑޮކްޓަރު ފުރަތަމަ އެބަޔާންކުރި މައްސަލައަށެވެ. އަބަދުވެސް މަރަށް ތައްޔާރުވެގެން ހުރުމަށެވެ. އެކަން ކުރެވޭނީ ޑޮކްޓަރު ސަމާލުކަން އެދޭ ވަރަށް ނަމާދުކުރަން ސަމާލުކަންދީގެންނެވެ. ހިތާމައަކީ މިކަންކަން ހިތަށް ނުގެނެވޭކަމެވެ. ނަމާދުކުރެވެން އޮވެވެސް ނަމާދަށް ފަރުވާކުޑަކުރަމުން ގެންދެވޭ ކަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
މިއީ ނަމާދު އެޅުން ހުއްޓުވުމަޓަކައި ކޮންމެހެންވެސް ކިޔާލައި އެކުވެރިންނަށާ ޢާއިލާއަށް ޝެއާވެސްކޮށްލަން މުހިންމު ވާހަކަތަކެއް ޑޮކްޓަރެއްގެ ދުލުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ