ސްރީ ލަންކާއަށް އެރި ބާރުގަދަ ތޫފާން 'ޑިތުވާ'ގައި ހާލުގައި ޖެހިފައިވާ އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހި ސަރުކާރާއި ދިވެހިންގެ ފަރާތުން ހަދިޔާކުރާ 884،843 ޑޮލަރު (13.6 މިލިއަން ރުފިޔާ) އާއި އިންސާނީ އެހީ ލަންކާގެ ސަރުކާރާ އިއްޔެ ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ލަންކާއަށް އެހީތެރިވުމަށް ޕީއެސްއެމުން އިސްނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތައް ގުޅިގެން ހިންގި ޓެލެތޯނުގައި، އާއްމުންނާއި ކުންފުނިތަކާއި އިދާރާތަކުން ވަނީ ގިނަ އަދަދަކުން ފައިސާ ހަދިޔާކޮށްފަ އެވެ.
ތަފްސީލް - އިއްޔެ ލަންކާ ސަރުކާރާ ހަވާލުކުރި ފައިސާގެ އެހީގެ ތެރޭގައި ދިވެހި ސަރުކާރުން ދިން ފައިސާގެ އެހީތެރިކަމާއި އާންމުންނާއި އެކި ކުންފުނިތަކުގެ އެހީގައި ޓެލްތޯނަށް ލިބުނު ފައިސާ ހިމެނެ އެވެ.
މި ތަކެތި ލަންކާގެ ސަރުކާރާ ހަވާލުކޮށްދެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދެވެ.
އެގޮތުން، އިއްޔެ ހަވާލުކުރީ:
ދިވެހި ސަރުކާރުން ދިން 50،000 ޑޮލަރު (771،000ރ.)
ޓެލެތޯނުން ލިބުނު 834,843.98 ޑޮލަރު (12.8 މިލިއަން ރުފިޔާ)
25،000 ކޭސް މަސްދަޅު (1.2 މިލިއަން ޑޮލަރުގެ އަގުހުރި)
މި އެހީގެ އިތުރުން، ހާލުގައި ޖެހުނު އާއިލާތަކަށް މިހާރުން މިހާރަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމަށްޓަކައި، ލަންކާގައި ދިރިއުޅޭ ދިވެހިން އިސްނަގައިގެން، ކޮލަމްބޯގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ތަކެތި ހަދިޔާކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެ އެވެ. މިތަކެތި ހަވާލުކުރަން ހަމަޖެހިފައިވަނީ ލަންކާގެ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާ އެވެ.
އެނގުން މުހިއްމު - ތޫފާނާ ގުޅިގެން ލަންކާއަށް އެންމެ ފުރަތަމަ އެހީވި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. މިފަދަ ދަތި ދަނޑިވަޅެއްގައި ދިވެހިން ދިން މި އެހީތެރިކަން ލަންކާގެ ސަރުކާރާއި، އެގައުމުގެ ރައްޔިތުން ވެސް ފާހަގަކޮށް، ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ލަންކާއަށް 13 މިލިއަން ރުފިޔާ އާއި 25،000 ކޭސް މަސްދަޅު ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ