އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބެނީ ސިޔާސީ ހަތަރު ޕާޓީއަކަށް

އަންނަ އަހަރަށް ފާސްކުރި ބަޖެޓުން ފައިސާ ލިބެން ޝަރުތު ހަމަވަނީ ހަތަރު ސިޔާސީ ޕާޓީއަކަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހާމަކޮށްފިއެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވާގޮތުން ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 އިންސައްތަ، ސިޔާސީ ޕާޓީތައް ހިންގަން ދޭންޖެހެއެވެ. އެ ފައިސާ ދޫކުރަނީ 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަންޏެވެ. މިއަދު އީސީން އާންމުކުރި މައުލޫމާތަށް ބަލާއިރު، މިދިޔަ މަހުގެ 25ގައި އަންނަ އަހަރުގެ ބަޖެޓު ފާސްކުރިއިރު، އެ ދުވަހުގެ ނިޔަލަށް 10،000 މެންބަރުން ހަމަވަނީ އެ ކޮމިޝަންގައި ރަޖިސްޓާކޮށްފައިވާ ހަތަރު ޕާޓީއެއްގެއެވެ. ރިޔާސީ އިންތިޚާބު 2023އަށް އެމްޑީޕީން ބޭއްވި ކެމްޕޭން ހަރަކާތެއްގެ ތެރެއިން: ދައުލަތުން ފައިސާ ލިބޭ ޕާޓީތަކުގެ ތެރޭގައި މިފަހަރު އަދާލަތު ނުހިމެނޭ -- ފޮޓޯ/ އެމްޑީޕީ އެ ޕާޓީތަކަކީ ވެރިކަން ކުރާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ އިތުރުން އެމްޑީއޭއާއި ޖުމްހޫރީ ޕާޓީއެވެ. އީސީގެ ދަފުތަރުގައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ރާއްޖޭގެ އެންމެ ގިނަ މެންބަރުން ތިބީ ޕީއެންސީގައެވެ. އެއީ 68،665 މެންބަރުންނެވެ. ދެވަނައަށް އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު އެމްޑީޕީގައި ކަމަށްވާއިރު އެއީ 43،765 މެންބަރުންނެވެ. މިއަހަރު އީސީން ފައިސާ ދޫކޮށްފައިވަނީ ސިޔާސީ ފަސް ޕާޓީއަކަށެވެ. އެއީ، މިދިޔަ އަހަރުގެ އެންމެ ފަހު ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވެފައިވާ ފަސް ޕާޓީއަކަށް، މެންބަރެއްގެ ބޮލަށް 193.23 ރުފިޔާގެ މަގުން ކަމަށް އެ ކޮމިޝަނުން ކުރިން ބުނެފައިވެއެވެ. އީސީން ބުނެފައިވަނީ، މި އަހަރު ފަސް ޕާޓީއަށް ދޫކުރި ފައިސާގެ އަދަދު ޖުމުލަ 27.9 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އެގޮތުން ފައިސާ ދޫކޮށްފައިވާ ގޮތުގެ ތަފުސީލު: ޕީއެންސީއަށް 13.3 މިލިއަން ރުފިޔާ އެމްޑީޕީއަށް 8.4 މިލިއަން ރުފިޔާ ޖުމްހޫރީ ޕާޓީއަށް 2.6 މިލިއަން ރުފިޔާ އެމްޑީއޭއަށް 1.7 މިލިއަން ރުފިޔާ އަދާލަތު ޕާޓީއަށް 1.7 މިލިއަން ރުފިޔާ މިދިޔަ އަހަރުގެ ނިޔަލަށް އެ ފަސް ޕާޓީގައި 144،808 މެންބަރުން ތިބިއިރު، އޭގެ ތެރޭގައި ޕީއެންސީއަށް ނިސްބަތްވާ 68،968 މީހުން ހިމެނެއެވެ. https://sun.mv/210762 ރައްޔިތުންގެ މަޖިލީހުން ވަނީ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 64.2 ބިލިއަން ރުފިޔާ ފާސްކޮށްފައެވެ. އެ ބަޖެޓް ފާސްކުރިއިރު، ސިޔާސީ ޕާޓީތަކުން މިހާރު އަންނަނީ އަންނަ އަހަރުގެ އޭޕްރިލް މަހު އޮތް ކައުންސިލް އިންތިޚާބަށް ތައްޔާރުވަމުންނެވެ. ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމާ ގުޅޭ ގޮތުން ޚިޔާލު ތަފާތުވުން ވެސް އުފެދިފައިވާއިރު، ވެރިކަމުގައި އޮންނަ ޕާޓީތަކުން ގަވައިދާ ޚިލާފަށް މެންބަރުން އިތުރު ކުރުމުގެ މައްސަލަ ވެސް ދޭތެރެެއަކުން ބޮޑުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ