އައްޑޫ ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ވޯޓު: ރީ-ރަޖިސްޓްރީވުމަށް އިތުރު ފުރުސަތެއް

އައްޑޫގެ 3 ރަށެއްގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ހިޔާލު ހޯދަން އެ ރަށްރަށުގެ ރައްޔިތުންގެ މެދުގައި ނަގާ ވޯޓުގައި، ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓްރީވުމަށް އިތުރު ފުރުސަތެއް ދީފިއެވެ.
އައްޑޫސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމުވޯޓު ނެގުމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ނިންމާފައިވަނީ މި މަހުގެ 25 ވާ ހޮނިހިރު ދުވަހުއެވެ.
އީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އައްޑޫސިޓީގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓު 2025 ގައި، ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު މާދަމާ އިރުއޮއްސި 06:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު އެސްއެމްއެސް މެދުވެރިކޮށް (VR space IDNO Send to 1414) ޗެކްކުރެވޭނެއެވެ. އަދި އިލެކްޝަން ކޮމިޝަނުގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް މެދުވެރިކޮށް ވެސް ޗެކް ކުރެވޭނެއެވެ.
އީސީއިން ބުނީ ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓަރީވުމަށް ހުށަހަޅާނީ އީސީގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް ނުވަތަ މައި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ.
ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެ ކަމަށް އީސީއިން ވަނީ ބުނެފައެވެ. ރީ-ރަޖިސްޓްރޭޝަން ކުރުމަށް 'މައި ޕޯޓަލް' މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުން ކަމަށް އީސީއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ