61 މީހުން ދިރިއުޅޭ ރަކީދޫގެ ގިނަ ރައްޔިތުން ބޭނުމީ މާލެ ކައިރި ރަށަކަށް ބަދަލުވާން

ވ. ރަކީދޫގައި މިވަގުތު ތިބި ގިނަ މީހުން ބޭނުންވަނީ އެހެން ރަށަކަށް ހިޖުރަކުރުމަށް ކަން އެ ރަށު ރައްޔިތުން ހާމަކޮށްފިއެވެ. ވ. އަތޮޅަށް އިއްޔެއާއި މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި އެންމެ ފަހު މަންޒިލެއްގެ ގޮތުން ވަޑައިގެންނެވީ ރަކީދުއަށެވެ. މިވަގުތު 61 މީހުން ދިރިއުޅެމުން އަންނަ ރަކީދޫ ރައްޔިތުންގެ އެދުމަކީ، އެ މީހުންނަށް ރަށުން ބަދަލުވެވޭނެ ގޮތެއް ހޯދައިދިނުމެވެ. މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ރަކީދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވިއިރު، އެ ރަށުގެ ގިނަ ރައްޔިތުންތަކެއްގެ އެދުމަކަށްވީ މާލެއާ ކައިރި، އަސާސީ ޚިދުމަތްތަކާއި ވަސީލަތްތައް ފަހިވެފައިވާ ރަށަކަށް އެ ރަށު މީހުން ބަދަލުކޮށްދިނުމެވެ. އެގޮތުން އެއްބަޔަކު ކ. ތުލުސްދުއަށް ހިޖުރަކުރަން ބޭނުންވާއިރު، އަނެއް ބަޔަކު ބޭނުންވަނީ މާލެ ކައިރިން ރަށެއް ހިއްކައި އެ ތަނަކަށް ބަދަލުވުމަށެވެ. ވ. ރަކީދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަލާމް ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް އެކަކު ފިޔަވައި ދެން ތިބި އެންމެން ބަދަލުވާން ބޭނުންވާއިރު، ރަކީދޫ ރައްޔިތުންގެ ކަންބޮޑުވުމަކީ މިއަދާ ހަމައަށްވެސް އެކި ސަރުކާރުތަކުން އެ ރަށު މީހުން ބަދަލުކޮށްނުދެވި އޮންނަ އޮތުމެވެ. މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ރަކީދޫގެ ރައްޔިތުން އެހެން ރަށަކަށް ހިޖުރަކުރަން އެ ރަށުގެ 80 ޕަސެންޓަށް ވުރެ ގިނަ މީހުންގެ ތާއީދު ލިބޭނަމަ އެކަން އެގޮތަށް ކޮށްދެއްވާނެ ކަމަށާއި، ރަށުން ރައްޔިތުން ހިޖުރަކުރުމަށް ބޭނުންވާ ގޮތް ދެނެގަތުމަށް ރަސްމީކޮށް މަސައްކަތްތަކެއް ގެންދަވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރަކީދޫ ރައްޔިތުންގެ ޚިޔާލާއެކު އެ ރަށު ރައްޔިތުން ބަދަލުވާން ނިންމައިފިނަމަ، ރައްޔިތުން ބަދަލުކޮށްދެއްވާނީ ވަސީލަތްތަކާއެކު ޚިދުމަތްތައް ފުރިހަމަ ރަށަކަށް ކަމަށެވެ. "ރަށުގައި އުޅޭ މީހުން އެކަންޏެއް ނޫން. ރަށުން ބޭރުގަ އުޅޭ ރަށުގެ ރައްޔިތުންގެ ޚިޔާލުވެސް ހޯދާނަން. ބޭނުންވަނީ ހަމައެކަނީ މެޖޯރިޓީ 50 ޕަސެންޓެއް ނޫން. 80 ޕަސެންޓުގެ ތާޢީދާއެކު މީހުން ބަދަލުކުރުމަށް." ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ، ރަކީދޫން އެހެން ރަށަކަށް މީހުން ހިޖުރަކުރި ނަމަވެސް، އެ ރަށުގައި ފަށާފައިވާ ގެސްޓްހައުސްގެ ވިޔަފާރި ހުއްޓާލަން ނުޖެހޭނެކަމުގެ ޔަގީންކަން ދެއްވައިފަައެވެ. މިވަގުތު ދެ ގެސްޓްހައުސް ހިންގަމުން އަންނަ ރަކީދޫގައި އިތުރު މަސައްކަތްތަކަށް ވެސް ބިންތައް ގެންދަނީ ދޫކުރަމުންނެވެ. ފާހަގަކުރެވޭ ގޮތުގައި ގާތްގަނޑަކަށް 360ގެ އާބާދީއެއް އޮންނަ ރަކީދޫގައި މިވަގުތު ދިރިއުޅެނީ 61 މީހުންނެވެ. އެ ރަށުގެ ބޮޑު އާބާދީއަކީ އުމުރުން ދުވަސްވީ މީހުންނެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވަނީ އެ ރަށުން މީހުން ބަދަލު ކުރުމުގެ ބަދަލުގައި ރަށުގައި ބަނދަރަކާއި ސްކޫލެއް އިމާރާތް ކޮށްފައެވެ. ބޮޑު އެ ސްކޫލުގެ ކިޔެވުން ފެށީ ތިން ދަރިވަރުންނާއެކުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ