ހަމައެކަނި ލޯބިވާތީ ކުރާ ކައިވެނީގެ ޢުމުރު ވަރަށް ކުރުވާނެ! ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވޭނެ ގޮތް މިއޮތީ!

ފެންނަމުންދާ ކަންކަމަށް ބަލާއިރު ލޯތްބަކީ އެއްދުވަހުން އަނެއް ދުވަހަށް، އަދި ދުވާލު ދެދަޅައަށްވެސް ބަދަލުވަމުން އަންނަ އެއްޗެކެވެ. ހެނދުނު ދެމީހުން ވަރަށް ލޯބިން އެކުގައި އުޅެފައި ރޭގަނޑުވާއިރު ލޯބި ގެއްލި ނިމޭ ޙާދިސާތައްވެސް މަދެއްނޫނެވެ. ވީމާ ސުވާލަކީ ހަމައެކަނި ދެމީހުން ލޯބިވާތީ ކައިވެނިކޮށްގެން އުފާވެރި ޙަޔާތެއް ހޯދިދާނެ ހެއްޔެވެ؟
ކޮންމެ 2 މީހަކުވެސް ކައިވެނިކުރަނީ ވަރަށް ލޯބިންނެވެ. އެކަމަކު ކައިވެނިކުރާތާ ކުޑަ ދުވަސްކޮޅެއްގެތެރޭގައި ދެމަފިރިންގެ މެދުގައި ކުރިން އޮތް ލޯބި ވީރާނާވާން ފަށައި ހުލިވެ، އަދި ނެތިގެންދާތަން ފެނުމަކީ އެންމެ ޢާންމުކޮށް ފެންނަ ކަންކަމެވެ. މިގޮތަށް ކަންތައްތައް މެދުވެރިވަނީ ކީއްވެގެންތޯ އާއި ޙައްލަކީ ކޮބައިކަމާއިމެދު ވިސްނަން ކޮންމެ ދެމަފިރިއަކަށްވެސް މިއަދު މިވަނީ މަޖުބޫރުވެފައެވެ.
މިގޮތުން ބަލާއިރު ގިނައިން ކައިވެނި މިކުރަނީ އެއްވެސް މަޤްޞަދެއް ނެތިއެވެ. ހަމައެކަނި ލޯބިވާކަން އެއީ ސަބަބަކަށް ހަދައިގެންނެވެ. އެގޮތަށް ކައިވެނިކުރުމުން ލޯބި ހުލިވެ ކައިވެނި ރޫޅިގެންދަނީއެވެ. ވީމާ:
1- ކައިވެނީގެ ފުރަތަމަ މަޤްޞަދަކަށް ވާންޖެހޭނީ ލޯބިން އެކުގައި ޢުމުރަށް ދިރިއުޅުމެވެ.
2- ދެވަނަ މަޤްޞަދަކަށްވާން ޖެހޭނީ ﷲ ތަޢާލާއަށް އަޅުކަން ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވުމެވެ.
މިތަނުގައި އަޅުކަން ކުރަން އެހީތެރިވުން 2 ވަނައަށް މިގެނައީ ސަބަބެއް އޮވެގެންނެވެ. އެއީ ދެމީހެއްގެ މެދުގައި އޮންނަން ޖެހޭ ލޯބި ނެތްނަމަ އެއްވެސް ކަމެއްގައި ދޭންޖެހޭ އެއްބާރުލުން ނުދެވޭނެތީއެވެ.
3 ތިންވަނަ ކަމަކީ ދަރިން ހޯދައި ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމެވެ.
4 ހަތަރުވަނަ ކަމަކީ ތިމާމެންގެ ފަރާތުން މުޖުތަމައުއަށް ކޮންމެވެސް ރަނގަޅު ޚިދުމަތެއް ކުރުމެވެ.
މި 4 މަޤްޞަދު ޙާޞިލުކުރުމަށް ޢަޒުމް ކަނޑައަޅައި ދެމީހުން އެއްބަސްވެގެން ކައިވެނިކޮށްފިނަމަ އެކުގައި އުމުރު ހުސްވި ނަމަވެސް މާމުއި ހަނދުގެ ދުވަސްތަކެއް ނުފިލާނެއެވެ. އެހެނީ އަބަދުވެސް އުޅެން ޖެހޭނީ 4 ކަންތަކުން ކުރެ ކަމެއް ފުރިހަމަ ނުކުރެވިގެންނެވެ.
މިސާލަކަށް ދަރިން ބޮޑެތިވުމުން ދަރިން ބެލުމުގެ ބައި ނިމިދާނެއެވެ. ގައިބާރު ދެރަވުމުން މުޖުތަމައުއަށް ޚިދުމަތްކުރުމުގެ ބައި ކުޑަވެދާނެއެވެ. ނަމަވެސް އެކަކު އަނެކަކަށް އަޅާލައި ލޯބިދީގެން އެކުގައި ދިރިއުޅުމުގެ ބައި ދުވަހަކުވެސް ނުނިމޭނެއެވެ. ހަމަ އެއާއިއެކު އަޅުކަން ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެދިނުމުގެ ބައެއްވެސް ނުނިމޭނެއެވެ.
މިހައިތަނަށް ހޯދިފައިވާ ހޯދުންތަކުން އެނގެނީ އަޅުކަން ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ ލޯބިއާލާކޮށްދޭ އެންމެ ވަރުގަދަ ބާރުކަމެވެ. އަޅުކަން ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ ލޯބިދީގެން ދިރިއުޅެވޭނެކަން އެންމެ ޔަޤީންކަން ބޮޑު ވަސީލަތްކަމެވެ. ވީމާ ކައިވެނިކުރާ ވަގުތުން ފެށިގެން ލޯބި އާލާކުރުމަށްޓަކައި އެކަކު އަނެކަކަށް އަޅުކަންކުރަން އެހީތެރިވެދިނުމުގައި ދެމިތިބޭށެވެ! ލޯތްބާއި އަޅައިލުން ނުލިބިގެން އުޅޭކަށް ނުޖެހޭނެއެވެ! އިން ޝާ ﷲ.
މިހާރަކަށް އައިސް ކައިވެނީގެ ފުރަތަމަ 6 މަސް ދުވަހަށް ބަލާލައިފިނަމަ ފެންނާނީ އެކުވެރިކަމާއި ލޯތްބާއި ބަދަހި ގުޅުމެވެ. ކުށެއް ކުރެވުނު ނަމަވެސް ކުށެއް ކުރެވުނު ކަމަކަށްވެސް ނުދެކޭނެއެވެ. އެވާހަކަވެސް ނުދައްކާނެއެވެ. ކޮންމެ މީހަކުވެސް ބަލާނީ ބައިވެރިޔާ ރުހޭނެ ކަމެއް ކުރެވޭތޯއެވެ! ބައިވެރިޔާ އާއިއެކު ވީހައި ގިނަ ވަގުތު ހޭދަކުރެވޭތޯއެވެ. ބައިވެރިޔާގެ ސަމާލުކަން އިތުރުކުރެވޭނެ ކަމެއް ކުރެވޭތޯއެވެ! ތިމާގެ އަމިއްލަ ޙައްޤުތަކެއްވާކަންވެސް ހަނދާނަކު ނުހުންނާނެއެވެ. ގެއިން ބޭރަށް ދާން ބޭނުންވާނީވެސް ބައިވެރިޔާ ގޮވައިގެންނެވެ.
ނަމަވެސް 6 އަކަމަސްދުވަސް ނިމެންވާއިރަށް މިހުރިހާ ކަމެއް އަނެއް ކޮޅަށް ބަދަލުވާންފަށައެވެ. ކުރިން މިބަޔާންކުރި ހުރިހާ ކަމެއް އެއިގެ އިދިކޮޅަށް ބަދަލުވެގެންދެއެވެ. ސުވާލަކީ އެއީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ ކައިވެނީގެ ތެރެއިން ޙާޞިލުކުރަން ބޭނުންވާ ކަންކަން ކަނޑަނުއަޅައި ހަމަ ތިބެފައި ކައިވެންޏަކަށް ކައިވެންޏެއް ކުރާތީއެވެ. ކައިވެނީގެ އެންމެ ބޮޑު ބޭނުމަކީ ކޮބައިކަން ނުއެނގި ތިބެ ކައިވެނިކުރާތީއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ