ވެނެޒުއޭލާއިން އާންމުންނަށް އަސްކަރީ ތަމްރީނު ދެނީ

ކެރީބިއަން ސަރަހައްދުގައި އެމެރިކާގެ އަސްކަރިއްޔާއިން ހަރަކާތްތެރިވަމުން އަންނާތީ، ވެނެޒުއެލާގެ އާންމުންނަށް އަސްކަރީ ތަމްރީނު ދިނުމުގެ ދުވަހެއް އެ ގައުމުން ހަމަޖައްސައިފިއެވެ. ވެނެޒުއޭލާގެ ވެރިރަށް ކަރަކަސްގެ އާބާދީ ބޮޑު ޕެޓާރޭ ސަރަހައްދުގައި، ހަތިޔާރު ބެލެހެއްޓުމާއި އެހެނިހެން އިންގިލާބީ ދެކޮޅުވެރިކަމާ ދެކޮޅަށް ގެންގުޅޭނެ އުކުޅުތަކާ ބެހޭ ގޮތުން އެއް ދުވަހުގެ ކުރު ކޯސްތަކެއް ކުރިއަށް ގެންދިއުމަށް ޓަކައި އެ ސަރަހައްދުގެ މައި މަގު ވެސް ބަންދުކުރިއެވެ. "އަހަރެން މިތަނަށް މިއައީ ހަގީގަތުގައި އަހަންނަށް ވަރަށް މުހިންމު އެއްޗެއް ދިފާއު ކުރުމަށް. ދަސްކުރަން ޖެހޭ ކަންތައްތައް ދަސްކުރަން. އަހަރެންގެ ގައުމު. އަހަރެންގެ ވަޒަން. އަހަރެންގެ ގައުމު. ވެނެޒުއެލާ،" އޮފީހެއްގައި މަސައްކަތް ކުރާ އުމުރުން 38 އަހަރުގެ ލުޒްބީ މޮންޓެރޯލާ ބުންޏެވެ. މިދިޔަ ހަފްތާގައި އެތައް ހާސް ވޮލަންޓިއަރުންނެއް ތަމްރީނު ހޯދުމަށް އަސްކަރީ މަރުކަޒުތަކަށް ހާޒިރު ކުރުމަށް ފަހު މަދޫރޯ ވަނީ ހަތިޔާރު އެޅި ސިފައިން އަވަށްތަކަށް ވަނުމަށް އަމުރުކުރައްވާފައެވެ. މީގެ ގާތްގަނޑަކަށް މަހެއްހާ ދުވަސް ކުރިން އެމެރިކާއިން ވަނީ ވެނެޒުއެލާގެ އައްސޭރީގައި އޮންނަ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުތަކަށް ހަނގުރާމަ މަނަވަރުތައް ފޮނުވާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ފޮޓޯ/އޭޕީ މަސްތުވާތަކެތި ހިފައިގެން ވެނެޒުއޭލާއިން އެމެރިކާއަށް ދަތުރުކުރި ސްޕީޑް ބޯޓަކަށް ވައިގެ މަގުން ހަމަލާދީ ފައްތާލައި އޭގައި ތިބި 11 "ނާކޯޓެރަރިސްޓުން" މަރާލާފައިވާ ކަމަށް ވެސް މި މަހުގެ ކުރީކޮޅު ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ޓްރަމްޕު ތުހުމަތުކުރައްވާ ގޮތުގައި މިއީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯގެ ކޮންޓްރޯލް އޮންނަ ގޭންގަކުން ސަޕްލައިކުރަން އުޅުނު އެއްޗިއްސެވެ. ވެނެޒުއެލާގެ ދިފާއީ ވަޒީރު ވްލަޑިމިއާ ޕެޑްރީނޯ ލޮޕޭޒް ވަނީ ކެރީބިއަން ސަރަހައްދުގައި އެންގުމަކާނުލައި އެމެރިކާއިން ހަނގުރާމަ ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެމެރިކާއިން އެ ގައުމުގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރާ ކަމަށާއި ތެލާއި އެހެނިހެން ވަސީލަތްތައް ވަގަށް ނަގާ ކަމަށް ވެސް ވެނެޒުއޭލާއިން ވަނީ ތުހުމަތުކޮށްފައެވެ. ވެނެޒުއޭލާއިން އާންމުންނަށް އަސްކަރީ ތަމްރީނު ދެމުން އަންނައިރު، ޓްރަމްޕް ވަނީ ވެނެޒުއެލާ އިން ހިޖުރަވެރިން އަނބުރާ ގެންދިއުމަށް ދެކޮޅު ހަދާނަމަ "ގުނާ އަދަދު ނުކުރެވޭ" ނަތީޖާތަކެއް ކުރިމަތިވާނެ ކަމަށް އިންޒާރު ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ