ހިތުގައި ތިނަން ވާތީ... 07

އިވްލީން އަތުގެ އިޝާރާތުން އާކިލްގެ މޫނު ދައްކައިލިއެވެ. އެތެރެ އެތެރެއިން އާކިލްއަށް ހިނިތުންވެލެވުނެވެ. އެވަރުންވެސް އޭނާ ހުރީ މޫނުމަތިން ހައިރާންކަން ދައްކައިގެންނެވެ. އޭނާގެ މަގުސަދު ހާސިލުވީއެވެ. އިވްލީންގެ ހިތް އޮތްގޮތެއް ބެލުމަށް އާކިލް ގަސްދުގައި އޭނާގެ މޫނުގައި ކުލަ ހޭކީއެވެ. އިވްލީންގެ ހިތުގައި އާކިލް އާއިމެދު ކިރިޔާވެސް އިހުސާސެއް ވާނަމަ، އެގޮތަށް ހުރެ މީހުންގެ ތެރެއަށް ނުފޮނުވާނެކަން އޭނާއަށް ކަށަވަރު ވާތީއެވެ. ******** އާކިލް ސިންކު ކައިރީގައި ހުރިއިރު، އިވްލީން ދިޔައީ ތެތް ޓިޝޫއަކުން އާކިލްގެ މޫނު ސާފުކުރަމުންނެވެ. އިވްލީންގެ އަތުގެ ލުއިލުއި ބީހިލުންތަކުން އާކިލްއަށް އޭނާގެ އަމިއްލަ ހިތުގެ އިހުސާސްތަކުގެ މައްޗަށް ބާރު ފޯރުވަން އުނދަގޫވިއެވެ. ކަޅިޖަހައިވެސްނުލައި އިވްލީންގެ މޫނުން ކޮންމެ ގުނަވަނަކަށް އޭނާއަށް ބެލެމުން ދިޔައެވެ. އޮމާން މޫނާއި ތުނި ތުންފަތުގައި ބީހިލަން އާކިލްގެ ހިތް އެދެން ފެށިއެވެ. އާކިލްގެ ނިތްކުރީގައި ހުރި ކުލަތައް ފޮހެލަން އުޅުނު އިވްލީންގެ ނަޒަރު، އާކިލްގެ ދެލޮލަށް ހުއްޓުނެވެ. އާކިލް ބަލަން ހުރީ އާދައިގެ ނަޒަރަކުން ނޫނެވެ. އެ މަސްތީ ދެލޮލުން އާކިލްގެ ހިތުގެ އިހުސާސްތައް ހުރީ ފެންނާށެވެ. އިވްލީންގެ ހިތުގެ ތެޅުން އިތުރުވިއެވެ. އާކިލް އެފަދަ ގޮތަކަށް ބަލަން ހުރުމުން، ހުދު އިވްލީނަށްވެސް އަމިއްލަ ހިތުގެ އިހުސާސްތަކުގެ މައްޗަށް ބާރު ފޯރުވަން އުނދަގޫވިއެވެ. ޓިޝޫކޮޅު އާކިލްގެ މޫނުގައި ޖައްސައިލިގޮތަށް އޭނާ ހުރީ ހުއްޓުން އަރާފައެވެ. އަދިވެސް އާކިލްގެ ހިތުން އިވްލީންގެ ނަން ފޮހެނުލެވެނީ ހެއްޔެވެ؟ އެހާ ލޯބިވާއިރު، އިވްލީނަށް އަންގައިލުމެއްނެތި، އެ ހަޔާތުން ދުރަށްދިޔައީ ކީއްވެ ހެއްޔެވެ؟ "އިޓްސް އޯކޭ އީވް..." އިވްލީން އިސް ތިރިކޮށްލަމުން، ފުން ނޭވާތަކެއް ދޫކޮށްލިއެވެ. "އަހަރެން މި ކޮށްދެނީ މީހަކަށް ހެޔޮކަމެއް.. މީ ހަމައެކަނި މީހަކަށް ހެޔޮކަމެއް ކޮށްދޭން އަހަރެން ކުރާ ކަމެއް... އެހެން ކަމެއް ވެގެނެއް ނޫން... އަހަރެންގެ ހިތުގަ ކުރީގެ އިހުސާސްތަކެއް ނުވޭ... ޔެސް... ނުވޭ..." އަމިއްލަ ނަފުސާއި ވާހަކަ ދައްކަމުންދިޔަ އިވްލީން އިސްއުފުލައި އާކިލްގެ މޫނުގައި ޓިޝޫކޮޅު ޖައްސައިލިއެވެ. "މިހާރު ލައިފްގަ ނެތް މީހަކަށް ކީއްވެ މިހާ ކެއާރ ކުރެވެނީ؟... އަދިވެސް އަހަރެންގެ ހިތުން ތިޔަ ލޯބި ފިލައިގެން ނުދަނީތަ؟'' އަމިއްލަ ހިތާއި ވާހަކަ ދައްކަމުންދިޔަ އާކިލް ދެލޯ މަރައިލީ ހިތަށް އުނދަގޫ ގޮތެއް ވުމުންނެވެ. އޭނާއަށް ދުވަހަކުވެސް އިވްލީންގެ މަތީން ހަނދާން ނައްތާލެވިދާނެ ހެއްޔެވެ؟ އެ ލޯތްބަށް ފަނޑުކަމެއް އަތުވެދާނެ ހެއްޔެވެ؟ ބޭއިހުތިޔާރުގައި އާކިލްއަށް އިވްލީންގެ އަތުގައި ހިފައިލެވުނެވެ. އާކިލްގެ އެންމެ ބީހިލުމަކުން އިވްލީންގެ ދެލޯ ބޮޑުވިއެވެ. ގައިގައި ހުރި ލޯލިތައް ކޮޅަށްޖެހުނެވެ. ދެމީހުންގެ ނަޒަރު އެކަކު އަނެކަކަށް ހުއްޓުނު ވަގުތު، އާކިލް ކުޑަކޮށް އިވްލީންގެ މޫނާއި ދިމާއަށް ގުދުވެލިއެވެ. އަމިއްލަ ހިތުގެ މައްޗަށް ބާރު ފޯރުވާނެ ހިތްވަރު އާކިލްއަށް ނުލިބުނީއެވެ. ހުއްޓުން އަރާފައި ހުރި އިވްލީނަށްވެސް އާކިލްއާއި ދުރަށްޖެހޭކަން ހަނދާނެއް ނުވިއެވެ. އާކިލްގެ އެދުމަށް އިޖާބަ ދިނުމަށް އޭނާގެ ހިތް ގޮވަމުން ދިޔައިރު، ސިކުނޑި ބުނަމުންދިޔައީ، ދުރުވާށެވެ. ބޭއިހުތިޔާރުގައި އިވްލީނަށް ދެލޯ މަރައިލެވުނެވެ. ކެފޭގެ ދޮރު ހުޅުވައިލި އަޑު އިވުނީ، އެކަކު އަނެކެއްގެ މޫނު ނުރައްކާތެރި ދަރަޖައަކަށް ކައިރިވެފައި ވަނިކޮށެވެ. ސިއްސައިގެން ގޮސްފައި އިވްލީނަށް އާކިލްގެ މޭގައި އަތް އަޅައި، ދުރަށް ކޮށްޕައިލެވުނެވެ. ނުވިސްނާހުރި އާކިލް ދިޔަ ބާރުމިނުގައި ސިންކުގައި ޖެހިފައި އަރި އަޅައިލިއެވެ. ވެއްޓުމުގެ ކުރިން ހަށިގަނޑު ސީދާކުރި ނަމަވެސް، ޖެހުނުގޮތުން އާކިލްގެ އުނަގަނޑަށް ތަދުވިއެވެ. އުނަގަނޑުގައި އަތް އަޅައިގެން އާކިލް ހުރީ ޝަކުވާގެ ނަޒަރަކުން އިވްލީނަށް ބަލާށެވެ. އޭރު އިވްލީން ދުވެފައި ގޮސް ކައުންޓަރުގެމަތި ފޮހެން ފަށައިފިއެވެ. އޭނާ ލޮލުގެ ހިމަކޮޅުން އާކިލްއަށް ބަލައިލީ މާފަށް އެދޭފަދަ ނަޒަރަކުންނެވެ. އެތެރެއަށް ވަދެގެން އައި މިރާހް ފަހަރަކު މީހަކަށް ބަލައިލިއެވެ. އިވްލީން ހުރީ ހާސްވެފައެވެ. އިސްޖަހައިގެން ހުރިގޮތުން އާކިލްއަށް ނުބަލަން އުޅޭކަން އޭނާއަށް އެނގުނެވެ. އާކިލްދެކެ ހިތްހަމަނުޖެހުނުވަރުން މިރާހަށް ދެބުމަ ކައިރިކޮށްލެވުނެވެ. އާކިލް ދިން ހިތާމައިން އިވްލީނަށް އަރައިގަނެވުނީ އެތައް އަހަރެއްގެ ބުރަ މަސައްކަތުންނެވެ. އިވްލީން އެޅި ކަރުނައާއި ކުރި ހިތާމަ އެންމެ ކައިރިން ފެނުނު މީހެއްގެ ހައިސިއްޔަތުން ދުވަހެއްގެ ކޮޅުންވެސް އިވްލީން ދެން އާކިލްއާއި ގުޅެން، މިރާހަށް ރުހެވޭނީ ކިހިނަކުން ހެއްޔެވެ؟ އިވްލީންގެ ހަޔާތުގައި އައި އެންމެ ދަތި އުނދަގޫ ދުވަސްތަކުގައި އެންމެ ކައިރީގައި ހުރެ ހިތްވަރުދިން މީހަކީވެސް މިރާހެވެ. މިއަދު އާކިލް އައިސް އިވްލީނަށް އުނދަގޫ ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އާކިލް އާއި ނުލައި އުޅެން އިވްލީނަށް ދަސްވުމުން، އެ ހަޔާތަށް އެނބުރި އައުމުގެ ބޭނުމެއް ނެތެވެ. "މިރާހް ތި އައީދޯ؟... މިދަނީ ހަދީޖައްތަ ގެއަށް ފަތްކޮޅު ބަލާ..." އިވްލީން ބޭނުންވީ އެންމެންގެ ނަޒަރުން ސަލާމަތްވެގެން އެތަނުން ދާށެވެ. އިވްލީން ދިޔުމުން، މިރާހް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކައުންޓަރުގެ ކައިރީގައި ހުއްޓުނެވެ. އުނަގަނޑުގައި އަތް އަޅައިގެން ހުރި އާކިލް ކައުންޓަރާއި ދިމާއަށް ހިނގައިގަތެވެ. "ބްލެކް ކޮފީ؟..." އާކިލް އާއި ދިމާއަށް ބަލައިލުމެއްނެތި މިރާހް ސުވާލުކުރިއެވެ. "ލަވާޒާ މިލްކެއް ރަނގަޅުވާނެ.." އާކިލް ހަށިގަނޑު ސީދާކޮށްލަމުން ކައުންޓަރުގައި އަތް އަޅުވައިލިއެވެ. "ކޮފީއަކީ އެކްސްކިއުޒްއެއް ދޯ؟..." ކޮފީމެޝިނަށް ތަށި ދިމާކޮށްލަމުން މިރާހް ބުނެލިއެވެ. "ތިކުރީ ސުވާލެއްތަ؟ ނޫނީ ތީ ދިން އިންޒާރެއްތަ؟..." މިރާހުގެ ރާގު ހުރިގޮތުން އާކިލްއަށް ސުވާލުކޮށްލެވުނެވެ. "ބޯތް..." ކޮފީތަށި އާކިލްއަށް ދިއްކޮށްލަމުން މިރާހް ބުނެލިއެވެ. "އީވްގެ ލައިފްއަށް އަނބުރާ އަންނަން ބޭނުންވެގެން އެއްވެސް ކަމެއް ނުކުރައްޗޭ މިބުނީ..." "މާނައަކީ... ޔޫ ލައިކް ހާރ؟..." އެ ސުވާލުކުރަން އާކިލްއަށް އުނދަގޫވިއެވެ. މިރާހް އިރުކޮޅަކު އެއްޗެއް ނުބުނެ އާކިލްއަށް ބަލަން ހުއްޓެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަން ތިބީ އިންޒާރެއް ދޭ ފަދައިންނެވެ. "ކިހިނެއްވީ؟... އީވްދެކެ ލައިކްވުމުގެ ހައްގެއް އަހަންނަކަށް ނެތްތަ؟..." މިރާހްގެ ސުވާލުން އާކިލްގެ ހިތަށް އުނދަގޫ ގޮތެއް ވިއެވެ. "ޔަގީންނުންވެސް އާކިލްހާ ރަހުމުކުޑައެއް ނުވާނެ އަހަންނެއް..." އާކިލްއަށް ކޮފީތަށީގައި ބާރަށް ހިފަހައްޓާލެވުނެވެ. ކޮފީތަށި ބަންޑުންވުމުގެ ކުރިން އޭނާ ތަށިން ދޫކޮށްލިއެވެ. އަމިއްލަ ހިތުގެ އިހުސާސްތައް ފޮރުވަމުން އާކިލް ހިނިތުންވެލީ ގަދަކަމުންނެވެ. އަމިއްލަ ހިތުގެ ހާލު މިރާހަށް ދެއްކުމުގެ ބޭނުމެއް ނެތެވެ. އެއިން ކުރާނެ އެއްވެސް ފައިދާއެއް ނެތްކަން އޭނާއަށް އެނގެއެވެ. "އީވްއަށް ތިހާ ކެއަރކުރަންޏާ، އޭނައަށް ލިބޭ ކޮންމެ ގެއްލުމަކުން ސަލާމަތްކުރަން މަސައްކަތްވެސް ކުރަންޖެހޭނެ..." އާކިލް އޭނާގެ ފޯނުން އެއްޗެއް ހޯދައިލިއެވެ. މިރާހުގެ ފޯނަށް ފުލުފުލުގައި މެސެޖުތަކެއް އަންނަ އަޑު އިވުނެވެ. "ތީ އަހަރެން ނަގާފަ ހުރި ފޮޓޯތަކެއް..." މިރާހް ފޯނަށް ބަލައިލުމުން، އާކިލް ބުނެލިއެވެ. "ކެފޭއަށް ގެއްލުންދިނީ މިތަނުގެ ކަންކަން ވަރަށް ރަނގަޅަށް އެނގޭ މީހެއް.. ގެންދަންވާ ހިސާބަށް މައްސަލަ އޮންނާނީ ފޮނުވާފަ... ބާކީބައި ކުރިއަށް ގެންދަން އެންމެ ފަސޭހަވާނީ މިރާހަށް..." އާކިލް ދިޔަ ދިމާއަށް ބަލަން ހުރި މިރާހް އޭނާގެ ފޯނަށް ބަލައިލިއެވެ. ފާރުގައި ލިޔެފައިވާ ލިޔުންކޮޅާއި، ވާސް ތަޅައިގެން ގޮސްފައި އޮތް މަންޒަރުގެ އިތުރުން ބޭރުގައި ހުރި ފިޔަވަޅުތަކެއްގެ ތަސްވީރުތަކެއްވެސް އާކިލް ފޮނުވާފައި އޮތެވެ. ބައެއް މަންޒަރުތައް ނަގާފައި ހުރީ، ރޭގަނޑުއެވެ. އެކަމަކު، އެގަޑީގައި އާކިލް ކެފޭގެ ކައިރީގައި ކުރީ ކީއްހެއްޔެވެ؟ މިރާހަށް ހިންދިރުވައިލެވުނީ އުނދަގޫ ގޮތަކަށެވެ. ******** ދުވެފައި އައިސް ކެފޭއަށް ވަން ރިމްޝާގެ މޫނުން ފެންނަން ހުރީ ކަންބޮޑުވުމުގެ އަސަރެވެ. އޮފީހަށް ދާން ނުކުތްތަނާ ލިބުނު ހަބަރަކުން އޮފީހަށްވެސް ނުގޮސް އޭނާ ފުރަތަމަވެސް ދިޔައީ އިވްލީނާއި ބައްދަލުކުރާށެވެ. ރިމްޝާ ދިޔައިރު، ކަމެއްވެފައިވާކަމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. އިވްލީން ފެނުމުން ރިމްޝާ ބާރުބާރަށް ހިނގާފައި ގޮސް އިވްލީންގެ ގައިގައި ބައްދައިލިއެވެ. "ކީއްވެ ނުގުޅީ؟..." ޝަކުވާގެ ރާގެއްގައި ރިމްޝާއަށް ބުނެވުނެވެ. "މިރާހް ބުނީދޯ؟..." އިވްލީން ދޫކޮށްލީ ފުން ނޭވާއެކެވެ. "މިރާހަށްވެސް އެކަން އެނގޭތަ؟..." ރިމްޝާ ދެލޯ ބޮޑުކޮށްލިއެވެ. "ދެން ކާކު ރިމޫ ކައިރީ ބުނީ؟..." އިވްލީންގެ މޫނުންވެސް ހައިރާންކަން ފެނިގެން ދިޔައެވެ. އެއްޗެއް ބުނަން އުޅެފައި ރިމްޝާ ހުއްޓުން އެރިއެވެ. އެވާހަކަ އޭނާގެ ކައިރީގައި ބުނީ އާކިލްއޭ ބުނާނީ ކިހިނަކުން ހެއްޔެވެ؟ ރިމްޝާ އާކިލްދެކެ އެހާ ރުޅި އަންނައިރު، އިވްލީންގެ ހިތުގައި އާކިލް އާއިމެދު ކުޑަވެސް ހަމްދަރުދީއެއް އުފެދިދާނެ ވާހަކައެއް ބުނަން އޭނާ ބޭނުމެއް ނުވެއެވެ. "ފާރުތަކުގަވެސް މިހާރު ކަންފަތް ހުރެއޭ..." ރިމްޝާ ސަމާސާކޮށްލީ އިވްލީންގެ ނަޒަރުން ސަލާމަތްވުމަށް މަސައްކަތް ކުރަމުންނެވެ. "ވާސްވެސް ތެޅުނީތަ؟.... އަޅޭ!..." ކުއްލިއަކަށް އިވްލީންގެ ބަނޑަށް ތޫނު ތަދެއް އެރިއެވެ. އޭނާ ބަދިގެއަށް ވަދެފައި އެނބުރި އައީ ހޫނު ސައިތައްޓެއް ހިފައިގެންނެވެ. ރިމްޝާއަށް ކޮފީއެއް ގިރައިދީފައި އިވްލީން ގޮނޑީގައި އިށީނެވެ. އޭރު އޭނާގެ މޭގައިވެސް ރިއްސަން ފަށައިފިއެވެ. "އީވް! އޯކޭތަ؟... ރޭގަ ނިދިންތަ؟...." އިވްލީންގެ ރަތްވަމުންދިޔަ މޫނު ފެނި، ރިމްޝާ ކަންބޮޑުވިއެވެ. "ހޫމް..." ވާހަކަ ދައްކަން އުނދަގޫވުމުން އިވްލީން ދިނީ ކުރު ޖަވާބެކެވެ. "ތި ހޫމްގެ މާނައަކީ ނޫނެކޭ..." ރިމްޝާ ޔަގީންކަމާއިއެކު ބުނެލިއެވެ. "އަހަރެން ހެލްޕެއް ބޭނުމެއް ނޫން... އަހަރެން ރަނގަޅޭ... އެކަނި އުޅެވޭނެއޭ... ތި އެޓިޓިއުޑްގެ ސަބަބުން އީވްއަށް ގެއްލުމެއްވާކަށް އަހަރެން ބޭނުމެއް ނޫން..." "ރިމޫވެސް ކެފޭއެއްގަ ވޯކް ކޮށްލީމައޭ އެނގޭނީ..." އިވްލީން ގަދަކަމުން ހިނިތުންވެލަން މަސައްކަތް ކުރިއެވެ. "އާނ، އާނ.. އަހަންނަކީ އެކައްޗެއްވެސް އެނގޭ މީހެއް ނޫން..." ރިމްޝާ ތުންދަމައިލިއެވެ. "އަހަރެން ކެފޭއެއްގަ ވޯކްކުރަން ފަށައިފިއްޔާ ކާކު ކައުންސިލް ތެރެއިން އީވްއަށް ހެލްޕްވާނީ؟... އެނގެއެއްނު އެމީހުން އެތިބެނީ އީވް އަތުން މިތަން އަތުލަން ދަނޑިވަޅަކަށް ބަލަބަލާކަން..." އިވްލީންގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އޭނާ ވަގުތުން އިސްޖަހައި، ދެއަތަށް ނަޒަރު ހުއްޓައިލިއެވެ. ރިމްޝާ ބުނީ ތެދެކެވެ. އިވްލީނަށް ހެޔޮއެދެނީ މަދު މީހެކެވެ. "އެނގޭތަ އިއްޔެ ފެނުނު އެއްޗެއް؟..." ރިމްޝާ ވަށައިގެން ނަޒަރު ހިންގައިލީ އަޑު އިވޭ ހިސާބުގައި އެއްވެސް މީހަކު ހުރިތޯ ޔަގީންކޮށްލާފަދަ ގޮތަކަށެވެ. "މުނިސިޕަލް ޑޮކިޔުމެންޓްސްތަކުގެ ތެރެއިން ފެނުނީ ފައިލްއެއް... ކައުންސިލްގެ އެތެރެއިން ކޮންމެވެސް މީހަކު ރިކްއެސްޓްކޮށްފަ އޮތީ މަންތްލީކޮށް މިތަން އިންސްޕެކްޓްކުރަން..." "އޭނ؟... އެކަމަކު ކާކު؟..." އިވްލީން ހައިރާންވިއެވެ. "އެއްގޮތަކަށްވެސް ނޭނގެ..." އިވްލީން އޭނާގެ އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް މަހައިލިއެވެ. "ޔަގީނުންވެސް އަހަރެމެން ސެކްޝަނުގެ ބޮސްއެއް ނޫން.. އަހަރެމެން ސެކްޝަންގެ މުވައްޒަފެއްވެސް ނޫން.. އެކަމަކު، ޔަގީން އެއީ ކައުންސިލްގަ އުޅޭ މީހެއްކަން... ބޭރު މީހަކަށް ކައުންސިލްގެ ސިސްޓަމްގެ ތެރެއިން އެކަމެއް އެގޮތަކަށް ނުކުރެވޭނެ... ކޮންމެވެސް މީހަކު އަމިއްލަ ފައިދާއަށް ކައުންސިލްގެ ސިސްޓަމް އެބަ ބޭނުންކުރޭ!..." ****** ހާޑްވެއަރ ފިހާރައެއްގެ ބޭރުގައި ހަށަމް ބަނދެލައިގެން އާކިލް ހުރީ ފުން ހިޔާލަކަށް ގެއްލިފައެވެ. ފިހާރައިން ނުކުތް އަޔާމް އޭނާގެ އަތުގައި އޮތް ކޮތަޅު އާކިލްއަށް ދައްކައިލިއެވެ. "ތި ވިސްނަނީ އޭނައާ ދޭތެރޭ ދޯ؟..." އާކިލް ހިނގައިގަންނަންވެސް ނޭނގިފައި ހުރުމުން އަޔާމް އަހައިލިއެވެ. "ނޫން..." އާކިލް ވަގުތުން ދެކޮޅުހެދިއެވެ. "އެއްބަސްނުވިޔަސް އަހަންނަށް އެނގެޔޭ އެމަންޖެއާ ދޭތެރޭ ކަން ތި ވިސްނަނީ... އިސްކޫރުކޮޅު މިއޮތީ ލިބިފަ... ކެމެރާގަނޑު ހަރުކުރަން ދަނީ ކޮންއިރަކުން؟... ދުވަހުން ދުވަހަށް އެވެސް ގެނެވިފައެއްނު މިއޮތީ..." ދިމާކުރާ ކަހަލަ ރާގަކަށް އަޔާމް ސުވާލުކުރިއެވެ. "އަހަރެންގެ މައިންޑް ރީޑްކުރުން ހުއްޓާލަންވެއްޖެއެއްނު..." އާކިލް ދެފަރާތަށް ބޯ ހޫރައިލިއެވެ. "މުޅި މޫނުގަ ލިޔެގެން އުޅެންޏާ، އެންމެންނަށްވެސް އެނގޭނެ... ތިއުޅެނީ މަގުމަތީ އުޅޭ ބުޅަލެއްހެން... އަބަދު ތި ހުންނަނީ އެމަންޖެ ފެންނަ ހިސާބުގަ ބަލަން..." އަޔާމް ހީގަތެވެ. "އެއީ... އެއީ... އަހަރެން ބޭނުމެއް ނުވެޔޭ އަނެއްކާވެސް އެމީހަކު އީވްއަށް ގެއްލުމެއް ދޭކަށް..." އާކިލް އެއްބަސްވިއެވެ. "އީވް ހީކުރަނީ ހުރިހާ ކަމެއް ކުރަނީ އަހަރެންކަމަށް..." "އެހެންވީމަ އަދިވެސް އޭނައަށް ކެއާރ ކުރަންދޯ؟..." އަޔާމް ބޭނުންވީ ޔަގީންކުރާށެވެ. އާކިލް އެއްޗެއް ނުބުނެ އަޔާމްގެ އަތުގައި އޮތް ކޮތަޅު އަތުލިއެވެ. އޭގައި ހުރި އިސްކޫރުތައް ރަނގަޅުތޯ ބެލިއެވެ. "އަހަރެން ހިޔާލެއް ދެންތަ؟..." އާކިލްގެ ހަރަކާތްތަކަށް ބަލަން ހުރެފައި އަޔާމް ބުނެލިއެވެ. "ޕާސްޓްގަ ކަންތައް ވީގޮތް ތެދަށް އޭނައަށް ކިޔާދޭންވީނު؟..." "އެދުވަހު އެ ފޭކް މެސެޖު ފޮނުވީ ކާކުކަން އެނގުމުގެ ކުރިން ހަގީގަތް ހާމަކުރާކަށް ބޭނުމެއް ނޫން..." އާކިލް ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. "އަހަރެން ބޭނުންވަނީ އޭރު އީވްގެ ރެޕިއުޓޭޝަން ހަރާބުކޮށްލީ ކާކުކަން ހޯދަން... އޭގެ ކުރިން ކޮންމެ މީހަކު އަހަންނާ ދޭތެރޭ ކޮންމެ ގޮތަކަށް ދެކުނަސް، އަހަންނަށް ނަފުރަތުކުރިޔަސް ވަރިހަމަ... މިހާރުވެސް މީހަކު އެ މަސައްކަތް ކުރަނީ އީވްއަށް ގެއްލުންދޭން... ކިހިނެއް އެނގެނީ އެމީހަކު ނޫންކަމެއް މިހާރުވެސް އެކަމެއް އެކުރަނީ.... އޭރު އެހެންވިޔަސް، މިއަދު އީވް ހިމާޔަތްކުރަން އަހަރެން މަސައްކަތް ކުރާނަން..." (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ