ޖުވައިރިއްޔަތުގެފާނުގެ ވާހަކަ-: މުސްތަލިޤުވަންހައިގެ އަމީރާ 06: މާތް ރަސޫލާއަށްފަހު ދިރިއުޅުއްވި ހަމަހިމޭން ދިރިއުޅުއްވުން

ޢަލީ އިޙްޞާން ފިރާޤް
 
މާތް ރަސޫލާއަށްފަހު
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި އުއްމުލް މުއުމިނީން ޖުވައިރިއްޔަތުގެފާނަށް ހޭދަކުރެއްވިފައިވަނީ ގާތްގަނޑަކަށް ހައެއްކަ އަހެރެވެ. އެކަމަނާ އެދުވަސްތައް ހޭދަކުރެއް ނުހަނު ހިތްޕުޅު ހަމަޖެހިވަޑައިގެން އިންނަވައެވެ. އެއްވެސް ޝަކުވާއެއް ކުރެއްވުމަކާ ނުލައެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވުމަށްފަހު އުއްމުލް މުއުމިނީން ދިރިއުޅުއްވީ ވަރަށް ހަމަހިމޭން ސާދާ ދިރިއުޅުއްވުމެކެވެ. އެކަމަނާގެ ހުރިހާ އުފަލެއްކަމުގައި ހެއްދެވީ الله އަށް އަޅުކަން ކުރެއްވުމެވެ. الله ހަނދުމަކުރައްވައި ޒިކުރު ކުރެއްވުމެވެ. ރޭގަނޑު ރޭއަޅުކަން ކުރެއްވުމާއި ދުވާލު ރޯދަފުޅު ހިއްޕެވުމަކީ އެކަމަނާގެ ތޯހިރު ހިއްޕުޅުގެ ހަމަޖެހުންކަމުގައި ހެއްދެވިއެވެ. ޙައްޖަށާއި އުމްރާއަށް މެނުވީ އެކަމަނާ ގެކޮޅުން ބޭރަށް ވަޑައެއް ނުގަންނަވައެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم އަށްފަހު އުއްމުލް މުއުމިނީން ޖުވައިރިއްޔަތުގެފާނުގެ ދިރިއުޅުއްވުމުގެ ހަމަ ހިމޭންކަމުންގެ ސަބަބުން ތާރީޚް އިލްމުވެރިން ލިޔުއްވައިފައިވަނީ އެކަމަނާގެ އެންމެ ހާދިސާއެކެވެ. މާތް ރަސޫލާ ސުވަރުގެވަޑައިގަތުމަށްފަހު އަބޫބަކުރުގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނު ނަބިއްޔާގެ ހުވަފަތް އަނބިއަނބިކަނބަލުންގެ މުސާރަފުޅު ދެއްވަމުން ގެންދެވީ އެއްވެސް ތަފާތު ކުރެއްވުމެއްނެތި ހަމަހަމައަށް އިންސާފުންނެވެ. ޢުމަރުގެފާނުގެ ޚިލާފަތުގައި އެކެލޭގެފާނު ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންގެ މުސާރަފުޅެއްކަމުގައި ހަމަޖެއްސެވީ ބާރަ ހާސް ދިރުހަމެވެ. ނަމަވެސް ޞަފިއްޔަތުގެފާނަށާއި ޖުވައިރިއްޔަތުގެފާނަށް ދެއްވީ ހަހާސް ދިރުހަމެވެ. އެހެންކަމުން އެދެކަނބަލުން އެ ފައިސާގައި ހިއްޕަވަން އިންކާރު ކުރެއްވިއެވެ. ޢުމަރުގެފާނު ވިދާޅުވީ އެތަފާތު ގެންނެވީ އެދެކަނބަލުންފިޔަވައި ދެންތިއްބެވި ބޭކަނބަލުންނަކީ މުހާޖިރިއްޔަ ބޭކަނބަލުންކަމުގައިވާތީކަމަށެވެ. މިކަންތަކުގެ ޚަބަރު ޢާއިޝަތުގެފާނަށް ލިބިވަޑައިގަތުމުން އެކަމަނާ ޢުމަރުގެފާނަށް އެންގެވިއެވެ. [މާތް ރަސޫލާ އަހަރެމެންގެ މެދުގައި އެއްޗެއް ބައްސަވާނަމަ ބައްސަވަނީ ހަމަހަމައަށް އިންސާފުންނެވެ.] ދެން އުމަރުގެފާނު އެހެން އުއްމަހާތުންނެކޭ އެއްވަރަށް ޞަފިއްޔަތުގެފާނަށާއި ޖުވައިރިއްޔަތުގެފާނަށް ފައިސާ ދެއްވަން ފެއްޓެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ