ދޮގު ހަދާއިރު 'އަނގަޔަށް ކަމެއް ވާނަމަ'، އަންގައިން ބުނެވޭނެ އެމްޑީޕީ މެންބަރަކު ނެތް: ފަލާހް

ބޮޑެތި ދޮގުތައް ހަދާ ވަގުތު "އަނގަޔަށް ކަމެއް ވަންޏާ", ރައްޔިތުންގެ މަޖިލީހުގައި އަނގައިން ބަސް ބުނެވޭނެ އެއްވެސް މެންބަރަކު އިދިކޮޅު އެމްޑީޕީގެ ނުހުންނާނެ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާކޮށް ބަޖެޓު ކޮމިޓީން ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން 2024ވަނަ އަހަރުގެ ބަޖެޓަށް ބައެއް ބަދަލުތައް ގެނެސްދޭން ތަކުރާރުކޮށް އެދުނު ނަމަވެސް، ގެނެސްދޭން އެދުނު އެއްވެސް ބަދަލެއް ނުގެނެސް ބަޖެޓު އޭރު ފާސްކުރީ ކަމަށެވެ. އެމްޑީޕީން އެކަން ކުރީ މި ސަރުކާރު އިނދަޖައްސާލުމުގެ ނިޔަތުގައި ކަމަށް ވިދާޅުވެ, ފަލާހު ވަނީ 2024ވަނަ އަހަރާއި 2025ވަނަ އަހަރުގެ ބަޖެޓުން މި ސަރުކާރުން ކަމެއް ނުކުރެވޭ ކަމަށް އެމްޑީޕީން ބުނަމުން ދިޔަ ނަމަވެސް، ސަރުކާރުން ކޮށްދިން ކަންކަން އެމްޑީޕީން ގަބޫލުކުރާ ކަމަށް ވިދާޅުވެފައެވެ. ނޮވެންބަރު 2023ގައި އެމްޑީޕީން ވެރިކަން ދޫކޮށްލިއިރު އެކި ކުންފުނިތަކަށް ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާގެ ބިލުތައް ނުދައްކާ އޮތް ކަމަށް ވިދާޅުވެ، ފަލާހު ވަނީ އެމްޑީޕީގެ އެންމެ ފަހުން އައި ސަރުކާރުން ހުރިހާ ކަމެއް ކުރީ ދަރަންޏަށް ކަމަށް ތުހުމަތުކުރައްވާފައެވެ. އެގޮތުން، އެކި އިމާރާތްތަކުގެ ބިންގާތައް އަޅާފައި ހުރީ ދަރަންޏަށް ކަމަށް ވިދާޅުވެ، އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް އޭނާ ފާޑުވިދާޅުވިއެވެ. މެޖޯރިޓީ ލީޑަރު ފަލާހް: އޭނާ ވިދާޅުވީ އެމްޑީޕީ މެންބަރުން ދޮގު ހަދަނީ ކަމަށް --- ފޮޓޯ/ މަޖިލިސް "މިތާނގައި އެމްޑީޕީ މެންބަރުން ވަރަށް މޮޅު ވާހަކަތައް ދައްކާ އަޑުއިވޭ، އެހެން ނަމަވެސް ހަގީގަތުގައި ބޮޑެތި ސިންގާ ދޮގު ހަދާ ގަޑީގައި ވަގުތުން އަނގަޔަށް ކަމެއް ވަންޏާ، މިތާ ނުތިބޭނެ އަނގައިން ބުނެވޭނެ އެންމެ އެމްޑީޕީ މެންބަރެއް ވެސް. އެ ވަރަށް ދޮގު ހަދާ އެބަ،" ފަލާހު ވިދާޅުވިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު، ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީ ހުރި 200 މިލިއަން ރުފިޔާ މަސްވެރިންނަށް ދައްކަން ޖެހުނު ކަަމަށާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާއި ފެނަކަ ކޯޕަރޭޝަނާއި އާސަންދައިގެ އެތައް ބިލުތަކެއް ދައްކަން ޖެހުނު ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ. މި ސަރުކާރު ހަވާލުވީ ސީދާ އެމްޑީޕީން "ބަނގުރޫޓުކޮށްލި ގައުމަކާ"ކަން ސިފަކުރައްވައި ފަލާހު ވިދާޅުވީ، ގައުމު ބަނގުރޫޓުނުވެ ސަލާމަތްވީ މި ސަރުކާރުގެ މަސައްކަތުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ބަޖެޓު ރަނގަޅަށް ތަންފީޒުކުރެވެންޏާ އިދިކޮޅު ޕާޓީތައް އިނދަޖެހޭނެއެވެ. އެކަން މިހާރު ވެސް ފެންނަމުންދާ ކަމަށް ވިދާޅުވެ، އެމްޑީޕީއަށް ފަލާހު ފާޑުވިދާޅުވިއެވެ. "ގޮވާލީމަ އެއްވާނެ މީހަކު ނުވޭ، ޗެއާޕާސަނުންނާއި އެތާ ތިބި ސެކްރެޓަރީންނާއި ތަންތަނުން އިސްތިއުފާދޭ އަޑު ރެއާ ދުވާލު އިވިގެން މި ދަނީ. އެއީ ބަޖެޓު ރަނގަޅުވީމާ ވާގޮތް. ބަޖެޓުތައް ގޯސްނަމަ، އެ ބޭފުޅުން އިސްތިއުފާއެއް ނުދޭނެ. ގޮވާލީމާ އެއްވެސް ވާނެ،" ނުސީދާ ގޮތެއްގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ދެއްވި ރައްދެއްގައި ފަލާހު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ