ފެނަކައާ ހަވާލުކުރި ކޫލް ސްކޫލް ޕްރޮޖެކްޓު 58 މިލިއަން ރުފިޔާ އަށް އެސްޓާސްއަށް ފެނަކައާ ހަވާލުކުރި ކޫލް ސްކޫލް ޕްރޮޖެކްޓު 58 މިލިއަން ރުފިޔާ އަށް އެސްޓާސްއަށް

ސަރުކާރު ސްކޫލްތަކުގެ ކްލާސްރޫމްތައް އޭސީ ކުރުމުގެ ޕްރޮޖެކްޓު 55 މިލިއަން ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނަކާ ހަވާލުކޮށްފައި އޮތްވައި، އެއަށް ވުރެ އަގު ބޮޑުކޮށް އެ ޕްރޮޖެކްޓު އެސްޓާސްއާ ހަވާލުކޮށްފި އެވެ.
އެ ޕްރޮޖެކްޓު އެސްޓާސްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކުރީ، ބީލަމަށް ނުލައި ބަހާލި ސަރުކާރުގެ 206 ޕްރޮޖެކްޓުއް ހަވާލުކުރުމަށް ބާސެލޯ ނަސައްދުރާގައި ވޭއްވި ރަސްމިއްޔާތުގަ އެވެ.
ސްކޫލްތައް އޭސީކުރުމަށް އެސްޓާސްއާ ހަވާލުކުރީ 58.4 މިލިއަން ރުފިޔާ އަށެވެ. މިއީ އެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައި އޮތް އަގަށް ވުރެ 3.4 މިލިއަން ރުފިޔާ ބޮޑު އަގެކެވެ.
މި މަޝްރޫއުގެ ދަށުން ކްލާސްރޫމްތަކުގައި ހަރުކުރާނީ 24،000 ބީޓީޔޫގެ 1500 އޭސީ އާއި 18،000 ބީޓީޔޫގެ 6500 އޭސީ ކަމަށް، އަދަދު ނޫހަށް ލިބިފައިވާ ބަހާލި ޕްރޮޖެކްޓުތަކުގައި މައުލޫމާތު ކަރުދާހެއްގައި ބުނެފައިވެ އެވެ.
ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސް ރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަޝްރޫއު ފެށީ ޖޫން 2، 2024 ގަ އެވެ. އެއަށް ފަހު އަހަރެއް ވެގެން ދިޔައިރު ވެސް މަޝްރޫއު ފުރިހަމަ ނުވެ އޮތުމުން، މި އަހަރުގެ ޖޫން 12 ގައި އެ މަޝްރޫއު ފެނަކައާ ހަވާލުކުރި އެވެ.
މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގެ ސްކޫލްތަކުން ޖުމްލަ 3،704 ކްލާސްރޫމް އޭސީ ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވި އެވެ.
ފެނަކައާ މަސައްކަތް ހަވާލުކުރުމަށް ފަހު އެޑިއުކޭޝަން މިނިސްޓަރު ޝަފީއު އޭރު ވިދާޅުވީ އަމާޒަކީ މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އޭސީތައް ރަށްރަށަށް ފޮނުވައި ހަރުކުރުމުގެ މަސައްކަތް ފެށުން ކަމަށެވެ.
ކޫލް ސްކޫލް މަޝްރޫއުގެ ދަށުން މެއި މަހުގެ ނިޔަލަށް ޖުމްލަ 401 ކްލާސް ރޫމެއްގައި 802 އޭސީ ހަރުކުރެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.
ވާދަވެރި ބީލަމެއް ނެތި ޕްރޮޖެކްޓުތައް ހަވާލުކުރާތީ އާންމުންގެ ފާޑުކިޔުމަށް ރައްދެއްގެ ގޮތުގައި، ރައީސް މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ މަޝްރޫއުތައް ހަވާލުކުރީ ގާނޫނާއި ގަވާއިދުގެ ތެރެއިން އިޖުރާއަތްތައް ފުރިހަމަކޮށްގެން ކަމަށެވެ. ކުންފުނިތަކުން ކުރިމަތިލީވެސް އެހެންވެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ބަހާލި 206 ޕްރޮޖެކްޓުގެ ޖުމުލަ އަގު 2.7 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ ތެރެއިން 746 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހަވާލުކުރީ ޕީއެންސީގެ މަޖިލީސް މެންބަރުން ފަސް މެންބަރެއްގެ ކުންފުންޏަށެވެ. އެއީ ޖުމުލަ 15 ޕްރޮޖެކްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ