ސަރުކާރުގެ ދެ އައިނު ފިހާރަ ގާއިމުކުރަން 3.2 މިލިއަން ރުފިޔާ ހަރަދުވި ސަރުކާރުގެ ދެ އައިނު ފިހާރަ ގާއިމުކުރަން 3.2 މިލިއަން ރުފިޔާ ހަރަދުވި

ސަރުކާރުގެ އައިނު ފިހާރަ، އެމްސީޖީއެޗް އޮޕްޓިކަލްސް އައިޖީއެމްއެޗް އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމުކުރަން 3.2 މިލިއަން ރުފިޔާ ހަރަދުވި ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން ބުނެފި އެވެ.
އެމްސީޖީއެޗްގެ ސީއީއޯ، އިބްރާހިމް އަބްދުއް ރައްޒާގް އަދަދު އަށް ވިދާޅުވީ އައިޖީއެމްއެޗްގައި އައިނު ފިހާރަ ގާއިމުކުރަން ދެ މިލިއަން ރުފިޔާ ހަރަދުވި ކަމަށާއި ހުޅުމާލެ ހޮސްޕިޓަލުގައި އައިނު ފިހާރަ ގާއިމުކުރަން ހަރަދުވީ 1.25 މިލިއަން ރުފިޔާ ކަމަށެވެ.
ދެ އައިނު ފިހާރައަށް 3.2 މިލިއަން ރުފިޔާ ހަރަދުވީ ފިހާރަ ސެޓަޕާއި ބޭނުންވާ އިންސްޓްރޫމަންޓާއި އިކިއުޕްމަންޓުގެ އިތުރުން ވޯކްޝޮޕް ގާއިމު ކުރުމަށް ކަމަށެވެ.
"އައިޖީއެމްއެޗްގައި ފިހާރަ ސެޓަޕް ހެދުމަށާއި ބޭނުންވާ އިިކިއުޕްމަންޓްސްތަކަށާއި ހުރިހާ ކަމަކަށް އެނގޭތޯ މެޝިންސް އާއި އިންސްޓްރޫމަންޓާއި މުޅިން އަލަށް ހެދި ފިހާރައެއްތާ. އެ ހުރިހާ ކަމަކަށް ގާތްގަނޑަކަށް ދެ މިލިއަން،" ރައްޒާގު ވިދާޅުވި އެވެ.
"ހުޅުމާލެ ހޮސްޕިޓަލުގައި ވެސް އަޅުގަނޑުމެން ފިހާރައިގެ ސެޓަޕަށާއި ހަމަ ފާނީޗާސްއަށާއި ބޭނުންވާ އިންސްޓްރޫމަންޓް، އިކިއުޕްމަންޓާއި، ވޯކްޝޮޕާއި މިހުރިހާ އެއްޗަކަށް ގާއިމުކުރަން އެރީ 1.25 މިލިއަން ރުފިޔާ."
އޭނާ ވިދާޅުވީ އައިޖީއެމްއެޗްގެ ސްޓާޓްއަޕް ކޮސްޓްގައި ސަޕްލައި އޮފް އޮޕްޓިކަލް އިންސްޓްރޫމަންޓް އެންޑް ޑިވައިސަސްއަށް އެރީ 622،000ރ. ކަމަށެވެ.
ސަރުކާރުގެ އައިނު ފިހާރައަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދެނީ ސްރީލަންކާ ކުންފުންޏަކުންނެވެ. ރައްޒާގު ވިދާޅުވީ އެ ކުންފުންޏަށް މިހާތަނަށް ދޭން ޖެހޭ ފައިސާ ދީފައިވާ ކަމަށެވެ.
އައިޖީއެމްއެޗްގައި ހުންނަ އެމްސީޖީއެޗް އޮޕްޓިކަލްސް އިން ހައްދާ އައިނު ނުލިބި ގިނަދުވަސްވާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެގޮތުން މި ނޫހަށް މައުލޫމާތު ދިން މީހަކު ބުނީ އައިނު ހައްދަން ނަންބަރު ދިންތާ މަހެއް ފާއިތުވި އިރުވެސް އައިނު ނުލިބޭ ކަމަށެވެ.
އެމްސީޖީއެޗް އޮޕްޓިކަލްސް އިން ބުނާ ގޮތުގައި ލޮލުގެ ނަންބަރު ބެލުމަށް އެކަނިވެސް ތިން ހަފުތާ އާއި ހަތަރު ހަފުތާގެ މުއްދަތެއް ނަގަ އެވެ. އެހެންވެ، ލޮލުގެ ނަންބަރު ނަގައިގެން އައިނު ހައްދަން މިހާރު ދޮޅު މަހެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެ އެވެ.
ރައްޒާގު ކުރިން ވިދާޅުވީ އެމްސީޖީއެޗް އޮޕްޓިކަލްސްއަށް އުންމީދު ކުރިވަރަށްވުރެ ޑިމާންޑު ބޮޑުވުމުން އެ ލޯޑު، އެތަނުން ދޭ ހިދުމަތަށް ވެސް އަންނަމުންދާ ކަމަށެވެ.
އާސަންދައިން އައިނު ހެއްދުމަށް ހޭދަކުރާ 2،000ރ. އިން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އައިނު ފިހާރަ މެދުވެރިކޮށް ހިލޭ އައިނު ހެއްދޭނެ އެވެ.
ސަރުކާރުން އައިނު ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް "ދެރަ ނިކަމެތިކަން" ދެމުންދާ ކަމަށާއި އެ އާދަ ރާއްޖެއިން ފިލުވާލަން ބޭނުންވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމަށްފަހު އެވެ. އެކަމާ ގުޅިގެން ޕްރައިވެޓް ސެކްޓަރުގައި އައިނު ވިޔަފާރި ކުރާ މީހުން ކިތަންމެ ހިތްހަމަނުޖެހުނަސް ހެޔޮ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ