ރަށްރަށުގައި ކައުންސިލު އިމާރާތްތައް އަޅަން އާރުސީސީއާ ހަވާލުކުރި މަޝްރޫއަށް ބޭނުންވާ ފައިސާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ނަގައިގެން ހަމަޖައްސައިފި އެވެ.
މި ޕްރޮޖެކްޓަކީ މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކިޔާ ކުންފުންޏަކާ ގުޅުން އޮތް ކަމަށް ބުނާ ދިވެހި ކުންފުންޏަކާ ފުރަތަމަ ހަވާލުކުރި މަޝްރޫއެކެވެ. ނަމަވެސް އެ ކުންފުންޏަށް އެކަން ނުވެގެން ސަރުކާރުން ވަނީ މި މަސައްކަތް އާރުސީސީއާ ހަވާލުކޮށްފަ އެވެ.
އާރުސީސީއާ މި ޕްރޮޖެކްޓު ހަވާލުކުރީ، ހެކްސްޓާއާ އެއްބަސްވީ ގޮތަށް، އެ ކުންފުނީގެ ހަރަދުގައި ޕްރޮޖެކްޓު ހިންގައި އިމާރާތްތައް ހަވާލުކުރުމުން ސަރުކާރުން ފައިސާދޭ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން އަޅާ 55 ކައުންސިލު އިމާރާތުގެ ޖުމްލަ އަގަކީ 631 މިލިއަން ރުފިޔާ އެވެ. އަދި ފައިސާ ދައްކަން ޖެހެނީ ފަސް އަހަރަށް ބަހާލައިގެންނެވެ.
ކައުންސިލު ޕްރޮޖެކްޓު ފައިނޭންސް ކުރަން އާރުސީސީން ނެގި ލޯނާ ގުޅޭ މައުލޫމާތު އެނގޭ މަސްދަރަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި، މި ޕްރޮޖެކްޓަށް ބޭނުންވާ ފައިނޭންސިން ހަމަޖައްސައިދިނީ ސަރުކާރުން ގެރެންޓީ ދީގެންނެވެ. ނަމަވެސް އޭނާ ވަނީ އިތުރު މައުލޫމާތު ހިއްސާކުރަން އުޒުރުވެރިވެފަ އެވެ.
މިހެންކަމުން ލޯނުގެ ގޮތުގައި ނެގި ސީދާ އަދަދެއް ނޭނގެ އެވެ. އަދަދު އިން ވަނީ މި މައުލޫމާތު ހޯދަން އާރުސީސީގެ ޗެއާމަން ނާޒިމްއަށް ގުޅައިގެން އޭނާގެ ބަހެއް ލިބޭތޯ ވެސް މަސައްކަތްކޮށްފަ އެވެ. ނަމަވެސް މީޑިއާތަކުން "ބޭނުން ވާހަކައެއް ލިޔާތީ" މިހާރު މީޑިއާތަކަށް މައުލޫމާތު ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަޝްރޫއު އާރުސީސީއާ ހަވާލުކުރީ އެއްވެސް އިއުލާންކުރުމެއް ނެތި އެވެ. މިކަމަށް ފާޑުކިޔުން އަމާޒުވީ އެ ކުންފުންޏަކީ މި ސަރުކާރާ ގާތްކޮށް މަސައްކަތް ކުރަމުން އަންނަ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ އާއިލީ ކުންފުންޏަށް ވާތީ އެވެ.
މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، އެ ޕްރޮޖެކްޓު ހަވާލު ކުރީ ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލުން ކަަމަށެވެ. އަދި މިއީ މާލިއްޔަތު ގަވާއިދުގެ ދަށުން، އެ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ކުރެވޭ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އާރުސީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ވެސް ހިމެނެނީ، ތިން ގިންތިއެއްގެ ކައުންސިލް އިމާރާތެވެ. މި އެއްބަސްވުމުގެ ދަށުން ހުރިހާ އިމާރާތެއް ވެސް ސަރުކާރާ ހަވާލުކުރަން ޖެހެނީ ތަނުގެ ފިނިޝިން އާއި ފަރުނީޗަރު އަދި އެހެނިހެން ވަސީލަތްތައް ވެސް ފުރިހަމަކުރުމަށް ފަހު އެވެ.
ކައުންސިލު އިމާރާތްތައް ތަރައްގީކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް، އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފާ މައި ޕްރޮޖެކްޓެކެވެ. މި ސިޔާސަތުގެ ދަށުން 100 އަށް ވުރެ ގިނަ ރަަށެއްގައި މުޅިން އާ ކައުންސިލު އިމާރާތްތައް ތަރައްގީކުރެވިގެން ދާއިރު، އޭގެ ތެރެއިން 50 ކައުންސިލު އަޅަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގަ އެވެ.
އާރުސީސީއާ ހަވާލުކުރި މަޝްރޫއު އާއި ޗައިނާ ހިލޭ އެހީގެ ދަށުން 105 ކައުންސިލަށް މުޅިން އާ އިމާރާތެއް ލިބޭނެ އެވެ.
ކައުންސިލުތައް އަޅަން އާރުސީސީއަށް ލޯނު ދެނީ ބީއެމްއެލްއިން ކައުންސިލުތައް އަޅަން އާރުސީސީއަށް ލޯނު ދެނީ ބީއެމްއެލްއިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ