ކުރީގެ 3 ރައީސުންގެ ބައްދަލުވުން މާދަމާ

ނޫސްވެރިކަމުގެ މިނިވަންކަމަށްޓަކައި އެކުގައި މަޝްވަރާ ކުރެއްވުމަށް ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހް އެކުގައި ބާއްވަވާ ބައްދަލުވުން މާދަމާ ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒުގެ 'ހުދުމުހުތާރު' ވެރިކަމުން މި ގައުމު ސަލާމަތްކުރުމަށް، އިދިކޮޅުގައި ތިއްބެވި ކުރީގެ ތިން ރައީސުން އެކުގައި ނުކުންނަވަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިއްޔެ ވަނީ ގޮވާލައްވައިފަ އެވެ. އެއާ އެކު، އެކަމަށް ތައްޔާރަށް ހުންނެވިކަން ޔާމީން އިއްޔެ ވަނީ ހާމަކުރައްވާފަ އެވެ.
ތަފްސީލު - ޔާމީން ނިސްބަތްވެވަޑައިގަންނަވާ ޕީއެންއެފްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ތިން ރައީސުންގެ ބައްދަލުވުން މާދަމާ ރޭގެ ވަގުތެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ސިޔާސީ ތިން ވާދަވެރިން މިގޮތަށް އެކުގައި މިފަދަ ބައްދަލުވުމެއް ބާއްވަވާ މިއީ ފުރަތަމަ ފަހަރެވެ. 
ނިމިދިޔަ ކައުންސިލް އިންތިހާބުގެ ކުރިން ސޯލިހާއި ނަޝީދު އެކުގައި ބާއްދަލުވުމެއް ބާއްވަވައި ޔާމީންއާ އެކު އެކުގައި މަސައްކަތް ކުރެއްވުމަށް މަޝްވަރާތަކެއް ފެއްޓެވުމަށް ނިންމެވި އެވެ. ނަމަވެސް އޭރު އެކަންތައް ރަސްމީ ގޮތެއްގައި މާ ބޮޑަކަށް ކުރިއަކަށް ނުދިޔަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް، 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އެ ނޫހުގެ އިދާރާ ބަލައި ފާސްކޮށް އެތަނުގެ އިސް ދެ ވެރިއަކަށް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ.
އެ ނޫހުގެ އިތުރު ދެ ނޫސްވެރިއަކު ވެސް ވަނީ ހުކުމެއްކޮށް ޖަލަށްލާފަ އެވެ. އެގޮތުން: 
ސިއްރުކޮށްގެން އެއް ދުވަހެއްގައި ބޭއްވި އަޑުއެހުމުގައި ލީވާން އަލީ ނަސީރު އަދި މުހައްމަދު ޝަހުޒާން ޖަލަށްލާން ހުކުމްކޮށްފައިވަނީ، ޑޮކިއުމެންޓްރީ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރާ ހިލާފުވި ކަމަށް ބުނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ