ކުރީގެ ތިން ރައީސުން ބައްދަލުވުން މީޑިއާގެ ހާޒިރުގައި ބާއްވަނީ

ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މާދަމާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ތާރީޚީ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މީޑިއާތަކަށް ހުޅުވާލައިގެން، ނޫސްވެރިންގެ ހާޒިރުގައެވެ. އކަން ރައީސް ޔާމީން ވަނީ ”ސަންގު“ އަށް ކަށްވަރު ކޮށްދެއްވާފައެވެ.
މި ބައްދަލުވުން ބާއްވާނެ ވަގުތާއި ތަން އަދި ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މިއީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފަހުގެ ތާރީޚެއްގައި ފެނިގެންދާނެ އެންމެ މުހިންމު އެއް ބައްދަލުވުމަށް ވާނެއެވެ.
ރައީސް ޔާމީން ދާދިފަހުން ވިދާޅުވެފައިވަނީ އެމަނިކުފާނު އެމްޑީޕީގެ ދެ ލީޑަރުންނާއެކު މަސައްކަތް ކުރައްވަނީ ނޫސްވެރިންގެ ހައްގުތައް ހިމާޔަތް ކުރެއްވުމަށް ކަމަށެވެ.
ސަންގު ޓީވީއަށް ދެއްވި މައުލޫމާތެއްގައި ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރައްވަން ނިންމެވީ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅަމުންދާތީ ކަމަށެވެ. ”އެމްޑީޕީގެ ލީޑަރުންނާއެކު މަސައްކަތް ކުރަނީ ނޫސްވެރިންގެ ދިފާއުގައި،“ ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދާއި ރައީސް ޞާލިޙާއެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަން ރައީސް ޔާމީން ހާމަކުރެއްވީ އިއްޔެއެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި މިހާރު ނޫސްވެރިކަމުގެ މިނިވަންކަމަށް ދެމުންދަނީ ހަމަލާއެއް ކަމަށާއި، މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލްވެސް ވަނީ ވާހަކަދައްކަވާފައެވެ. ފައްޔާޒް ވަނީ ޤައުމު ސަލާމަތްކުރުމަށްޓަކައި ކުރީގެ ތިން ރައީސުން އެކުގައި ނިކުންނެވުމަށް ގޮވާލައްވާފައެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ޑިމޮކްރަސީއާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ގޮންޖެހުންތަކާ ދެކޮޅަށް ސިޔާސީ ލީޑަރުން އެއްގަލަކަށް އެރުމުގެ ފެށުމެއް ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ