ގައުމޭ ކިޔާ ވާހަކަދައްކަނީ އެކަކު އަނެކަކުގެ ކަރުގައި ހިފައި އެކަކު އަނެކަުގެ ބުރަކަށްޓަށް ވަޅި ޖަހާފައި ތިބި ފެއިލިޔަރުން: ރައީސް

އެކަކު އަނެކަކުގެ ކަރުގައި ހިފައިގެން ތިބި ބަޔަކު ގައުމުގެ ވާހަކަ ދައްކާއިރު، އެއީ ހުސް ”ފެއިލިއަރުން“ ކަމަށާއި ރާއްޖެއަށް ބޭނުންވަނީ ޒިންމާދާރު އިދިކޮޅު ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ވާދަވެރި ސިޔާސީ ޕާޓީތަކުން ފަތުރަމުންދާ ދޮގު ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، އެއީ މާކުރިންވެސް ހަމަޖެހިފައިވާ ދަތުރުފުޅެއް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން އަމިއްލަ ”ނެރޭޓިވް“ އެއް ހަދައިގެން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިދިކޮޅު ސިޔާސީ ލީޑަރުން ކަމަށްވާ ރައީސް އަބްދުﷲ ޔާމީންއާއި ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އެކުގައި މަސައްކަތް ކުރައްވަން ނިންމަވާފައި ވާތީ އެކަމަށް ވެސް ރައީސް ވަނީ ފާޑުވިދާޅުވެފައެވެ.
 ”މި އުޅޭ ބަތް ކައްކާ ކުޅޭ، ސަކަރާތްޖަހާ ދެއުޅިއެއް ނުވާ ފަރާތްތަކެއް މިތާ އޮޕޮޒިޝަނެއްގެ ގޮތުގައި އޮވެގެން ގައުމަށް ވާނެ ފައިދާއެއް ނެތް. އެކަކު އަނެކަކުގެ ކަރުގައި ހިފައިގެން ތިބި، އެކަކު އަނެކަކުގެ ބުރަކަށްޓަށް ވަޅި ޖަހާފައި ތިބި ފަރާތްތަކެއް އެއްވެގެން ގައުމޭ ކިޔައިގެން ވާހަކަދައްކާއިރު ހުސް ފެއިލިއަރުން މިތިބީ،“ ރައީސް ވިދާޅުވިއެވެ. 
މިފަދަ ފަރާތްތަކުން ގައުމުގެ ވާހަކަ ދެއްކުމުން ޒުވާނުން މާޔޫސްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ބަޔަކު ދައްކާ ކޮންމެ ވާހަކައެއް އެއީ ހަގީގަތް ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށާއި، އަމިއްލަ ސިކުނޑިން ވިސްނައިގެން ކަންކަން ދިރާސާކުރުމުން ތެދު ހަގީގަތް ފެންނާނެ ކަމަށެވެ. މާޒީގެ ސަފްހާތައް ހުޅުވާލުމުން އެ ފަރާތްތަކުން ކަންކަން ކޮށްފައިވާ ގޮތުގެ ޓްރެކް ރެކޯޑް ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުތަކަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ، ކިރިޔާ އެއްޗެއް ބުނެލާއިރަށް ޖަލަށްލީ ދުވަސްތައް މިހާރު މާޒީވެފައިވާ ކަމަށެވެ. އަދި މީގެ ކުރިން ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގި ނަމަވެސް، ގައުމުގައި އޭރު އޮތީ ކޮރަޕްޝަނާއި ފަސާދަ ކަމަށާއި، އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ