ދިވެހިރާއްޖެއިން ކިއުބާއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު ޢަބްދުލްޣަފޫރު މުޙައްމަދު، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ކިއުބާގެ ރައީސް، މިގޭލް ދިއާޒް-ކާނެލް ބަރމިއުޑޭޒްއަށް އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކިއުބާގެ ރައީސްގެ އޮފީހުގައެވެ.
ފަތްކޮޅު އެރުވުމަށްފަހު ބޭއްވި ބައްދަލުކުރެއްވުމުގައި، ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ކިއުބާގެ ރައީސާއި ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ސަފީރުވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ގުޅުން އިތުރަށް ބަދަހިކުރުމަށް، ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ކިއުބާގެ ރައީސްގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރިކަމާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖެއިން ދޭ އެއްބާރުލުން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން، ކިއުބާގެ ޤައުމީ ބަޠަލުގެ ޝަރަފުގައި، އެ ޤައުމުގެ "ޕްލާޒާ ޑި ލަ ރިވޮލިއުޝަން" ގައި ހުންނަ ހޯސޭ މާޓީ ބިނާގައި ބޭއްވި ރަސްމިއްޔާތުގައި ސަފީރު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެ މަނިކުފާނު ވަނީ ހަވާނާގައި ޞިއްޙީ ދާއިރާއިން މަތީ ތަޢުލީމު ޙާސިލުކުރަމުންދާ ދިވެހި ދަރިވަރުންނާވެސް ބައްދަލުކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ކިއުބާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމް ކޮށްފައިވަނީ 19 ޖެނުއަރީ 1977 ގައެވެ. ޞިއްޙީ ދާއިރާއިން ކިއުބާއިން ރާއްޖެއަށް ގިނަގުނަ އެހީތެރިކަން ލިބެމުންދެއެވެ. އޭގެ ތެރޭގައި ކިއުބާގެ ޑޮކްޓަރުންގެ އެހީއާއި ރާއްޖޭގެ ޑޮކްޓަރުން ތަމްރީނުކުރުމަށް ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ދިނުން ހިމެނެއެވެ.
ސަފީރު ޢަބްދުލްޣަފޫރު މުޙައްމަދަކީ ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން، ރާއްޖެއިން ކެނެޑާއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު ވެސްމެއެވެ.
ކިއުބާއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރުގެ ފަތްކޮޅު އަރުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ