މުއިއްޒަކީ މާތްﷲ ގަންދީ ހުވާކޮށް ދޮގުބުނާ މަކަރުވެރިއެއް: އައްބާސް

ރައީސް މުހައްމަދު މުއިއްޒަކީ މާތް ﷲ ގަންދީ ހުވާކޮށް ދޮގުބުނާ މަކަރުވެރިއެއް ކަމަށާއި ދައުލަތުން ވައްކަން ކުރާ ބޮޑު ވަގެއް ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
މިރޭ ކުރެއްވި ޓްވީޓްތަކެއްގައި އައްބާސް ވަނީ މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭގެ ކުރިން ވެރިކަން ކުރާ ޕާޓީގެ ޖަލްސާއެއް ކުރިއަށް ދިޔަ އެވެ. 
މުއިއްޒަކީ އަބުރެއް އޮތް މީހެއް ނޫން ކަމަށާއި ރައީސް އޮފީހުގެ ހުރުމަތް ކަނޑާފައިވާ މީހެއްގެ ގޮތުގައި އައްބާސް ސިފަކުރެއްވި އެވެ. 
"އޭނަގެ އަބުރެއް އެބައޮތްތަ؟ އޭނަގެ ފޫކޮޅުގައި ހައްދު ނުޖަހާ ވާނެ އެެއްވެސް ގޮތެއް ނެތް! އެތަނުގެ ހުރުމަތް އޭނަ ނުކަނޑާކަމަކަށް ނުވާނެ..އޭނަ އެއީ ދޮގުވެރިއެއް..މަކަރުވެރިއެއް..ދައުލަތުން ވައްކަން ކުރާ ބޮޑު ވަގެއް..މީހުން ލައްވާ ވައްކަންތަށް ކުރުވާ ބޮޑު ވަގެއް..މާތްﷲ ގަންދީ ހުވާކޮށް ދޮގުބުނާ މަކަރުވެރިއެއް..އޭނައަށް ރައްޔިތުންގެ އިތުބާރެއް ނެތް..،" އައްބާސް ވިދާޅުވި އެވެ.
އޭގެ އިތުރުން މިރޭ ޕީއެންސީ ޖަގަހައިގައި ބޭއްވި ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ދެއްކެވި ވާހަކަތަކާ ގުޅިގެން އަބުރުގެ ދައުވާ ކުރުމާ މެދު ވިސްނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 
"14 މެއި 2026 ވަނަ ދުވަހުގެ ރޭ އިގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އިބުރާހިމް ފަލާހު އަޅުގަނޑުގެ އަބުރައް ހުތުރުވާ ގޮތަށް އަދި އަޅުގަނޑުގެ އަނބި ދަރިންނާ ބެހޭ ގޮތުން ދެއްކެވި ހަޤީގަތާ ހިލާފު ދޮގު ހަޑި ހުތުރު ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަން!" އައްބާސް ލިޔުއްވި އެވެ. 
ފަލާހް ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށާއި ލަފާ ހޯދުމަށް ފަހު އަބުރުގެ ދައުވާ ކުރުމާ މެދު ގާނޫނީ ޓީމުން މަސައްކަތް ކުރަމުންދާ ކަމަށް އައްބާސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ