މިމަހު 22-19 އަށް ނޭޕާލްގެ ކަތްމަންޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެ އޮތީ ވަރުގަދަ ގުރޫޕެއްގައި ނަމަވެސް މަސައްކަތް ކުރާނީ ރޭންކިންގައި ކުރި ހޯދުމަށް ކަމަށް ޤައުމީ ކޯޗު މުޙައްމަދު ނަދީމު ބުނެފިއެވެ.
ޤައުމީ އަންހެން ވޮލީ ޓީމު މި މުބާރާތަށް ތައްޔާރުކުރުމަށް ތިންމަސް ދުވަސް ކުރިން ފަރިތަކުރުންތައް ފަށައިގެން ކުރިޔަށް ގެންދާ ކަމަށާއި، ހުރިހާ ކުޅުންތެރިންގެ އަޒުމަކީވެސް ރޭންކިންގައި ރާއްޖެ ކުރިއަށް ޖެއްސުމަށް ކަމަށް ކޯޗު ފާހަގަކުރިއެވެ.
ކޯޗު ނަދީމް ބުނީ މިއީ ކާވާގެ އެންމެ ބޮޑު މުބާރާތް ކަމަށާއި، އިންޑިއާ، އީރާން އަދި ކަޒަކިސްތާނުފަދަ ދުނިޔޭގެ ރޭންކިންގައި އެންމެ ވަރުގަދަ ޓީމުތަކާ އެއް ފަޅިއެއްގައި އޮތަސް ރާއްޖެއިން ރަނގަޅު ވާދައެއް ކުރާނެ ކަމަށެވެ.
"ރޭންކިން މުބާރާތަކަށް ވާތީ ވީހާވެސް ކުރިއަށް ދެވޭތޯ ބަލާނީ. ރޭންކިންގައި ދެ ތިން މެޗެއްވަރު ކުޅެން ޖެހިދާނެ. ގުރޫޕުގެ އެންމެ ރަނގަޅު ނަތީޖާ ހޯދަން މަސައްކަތްކުރުން ފުރަތަމަ ކަމަކީ" ނަދީމް ކޯޗު ބުންޏެވެ.
މި މުބާރާތަށް ޤައުމީ ޓީމު ފުރާނީ މެއި 19 ގައެވެ. އަދި ޓީމުގެ މިފަހަރު ބައެއް ސީނިއާ ކުޅުންތެރިންނަށް އެކި ސަބަބުތަކާއި ހުރެ ބައިވެރިނުވެވޭތީ، އައު ކުޅުންތެރިންވެސް ހިމަނާފައިވާ ކަމަށާއި، އެ ކުޅުންތެރިންގެ މަސައްކަތާއި މެދު ހިތްހަމަޖެހޭ ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.
"މިހާރު މިއޮތީ ހަމަ ފައިނަލް ޕްރިޕަރޭޝަންގައި މިދަނީ މެޗް ޓްރޭނިންގ، އާންމުކޮށް ހަމަ ގޭމު ސިޓުއޭޝަން އެއްޗެހި ގިނައިން މިހަދަނީ. ޖިމް ޓްރޭނިންއާއި ފިޓްނެސްއަށްވެސް މަސައްކަތް ކުރަމުން މިދަނީ، މިހާރު މިއޮތީ އެކުދިން އެންމެ ޕީކަށްދާ ދަނޑިވަޅުގައި، ދެން އެ މެއިންޓެއިން ކުރެވޭތޯ ބަލާނީ" ނަދީމް ބުންޏެވެ.
ކޯޗު ބުނީ މިފަހަރަކު އެއްވެސް ކޭމްޕެއް ހަމަނުޖެހޭ ކަމަށާއި، އެހެންނަމަވެސް މެޗު ތަޖުރިބާ ހޯދުމަށް ފިރިހެން ޓީމާއެކު ކުޅެމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މެޗް ޕްރެކްޓިސް ގިނައިން ކުރަނީ ފިރިހެން ކުޅުންތެރިން އިދިކޮޅަށް އަރުވައިގެން. އެކުދިންގެ ބްލޮކާއި ޖަމްޕް ރީޗްވެސް މަތިވީމަ ސްޕައިިންވެސް ވަރުގަދަވެފަ، ސާވިސް ކޮލިޓީވެފަ، ޑިފެންސްވެސް ރަނގަޅުވާނެތީ އޭގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ ގޮތަކަށް ބަލައިގެން. އެހެންވީމަ އެ ތަޖުރިބާ ވަރަށް ބޮޑަށް ލިބެމުންދަނީ އިރާދުކުރެއްވިއްޔާ" ނަދީމް ބުންޏެވެ.
ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ޕޫލް އޭ ގައެވެ. މި ގުރޫޕްގައި ދެން ހިމެނެނީ އިންޑިއާ، ކިރްގިސްތާން އަދި ނޭޕާލެވެ. ޕޫލް ބީގައި ހިމެނެނީ ބަންގްލަދޭޝް، ސްރީލަންކާ، ކަޒަކިސްތާން އަދި އީރާނެވެ.
މުބާރާތުގެ ފުރަތަމަ ބުރުގެ މެޗުތަށް ރޭވިފައިވާ ގޮތަށް ބަލާއިރު، ރާއްޖެއިން ފުރަތަމަ މެޗުގައި ކިރްގިސްތާނާއި ދެކޮޅަށް ނިކުންނާނީ މުބާރާތުގެ ފުރަތަމަ ދުވަހުގެ ރެއެވެ. ދެވަނަ މެޗުގައި ރާއްޖެ ނިކުންނާއި އިންޑިއާއާއި ދެކޮޅަށެވެ. އެ މެޗު އޮންނާނީ މިމަހު 23 ގައެވެ. 24 ގައި ނިކުންނާނީ ނޭޕާލާއި ދެކޮޅަށެވެ.
ހެޑް ކޯޗު ނަދީމް އާއި އެސިސްޓެންޓް ކޯޗު ފަތުހުﷲ ވަހީދުގެ އިރުޝާދުގެ ދަށުން އަންހެން ޓީމު ފަރިތަކުރަމުން އަންނަނީ، މާލޭ، ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުގައި ރާއްޖޭގައި ބޭއްވި ކާވާ ކަޕްގައި ރާއްޖޭގެ އަންހެން ޓީމު ވަނީ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ. ކިރްގިސްތާނު އަތުން ފައިނަލްގައި ބަލިވިނަމަވެސް އެ މުބާރާތް ނިންމާލިއިރު ދިވެހި ޓީމު އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށާއި، އެ މެޗުގެ މަސައްކަތްވެސް ރަނގަޅު ކަމަށް ކޯޗު ނަދީމު ވަނީ ފާހަގަކޮށްފައެވެ.
ރަނަރަޕްކަން ރާއްޖެއަށް ލިބުނު އެ މުބާރާތް ކިރްގިސްތާނުން ކާމިޔާބުކުރީ 3 ސެޓު 1 ސެޓުގެ ނަތީޖާއަކުންނެވެ.
"މަސައްކަތް ކުރާނީ ރޭންކިންގައި ކުރި ހޯދަން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ