ދުނިޔޭގެ ބޮޑު ދެ ބްރޭންޑެއް ކަމަށްވާ ކްރިސްޓިއަން ލުބުޓަން އާއި މެޒޮން މާޖެލާގެ 'ކެޕްސޫލް' ބޫޓު ކަލެކްޝަނެއް ނެރެފި

ފެޝަން ދާއިރާގެ ބޮޑު ދެ ނަމެއް ކަމުގައިވާ ކްރިސްޓިއަން ލޫބުޓަން އާއި މެޒޮން މާޖެލާ ގުޅިގެން 'ކެޕްސޫލް ކަލެކްޝަން'އެއް ތައާރަފްކޮށްފި އެވެ. ދެ ޑިޒައިނަރުން އެ މީހުންގެ އަމިއްލަ ސްޓައިލް އެކަކު އަނެކަކުގެ ބްރޭންޑުގެ ބޫޓުގައި ދައްކާލަ އެވެ. 
މެޒޮން މާޖެލާ ބްރޭންޑުގެ ފަރާތުން ޑިޒައިނާ ޖޯން ގަލިއާނޯ އާއި ކްރިސްޓިއަން ލޫބުޓަންގެ ހުނަރު ދައްކާލާ މި ކޮލެބޮރޭޝަން މިދިޔަ 12 މާޗްގައި ރަސްމީކޮށް ރިލީޒް ކުރުމުގެ ކުރިން ވެސް ވަނީ ފެނިފަ އެވެ. އެއީ މިދިޔަ އަހަރު މެޒޮން މާޖެލާގެ 'އާޓީޒަނަލް ކަލެކްޝަން'ގެ ފެޝަން ޝޯ ހުށަހެޅި އިރު އެވެ.
ކްރިސްޓިއަން ލޫބުޓަން އާއި މެޒޮން މާޖެލާގެ ސިގްނޭޗާ ފަރުމާކުރުން އަލުން މާނަކޮށް، އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން އެ މީހުން ދައްކުވައިދެ އެވެ.
ލޫބުޓަން ކަލެކްޝަނުގައި މެޒޮން މާޖެލާގެ ސިގްނޭޗާ 'ޓެބީ' ބޫޓު ވަނީ ކްރިސްޓިއަން ލޫބުޓިންގެ 'ސްކަލްޕްޗަރަލް' ސްޓައިލްއަށް ބަދަލު ކޮށްލައިފަ އެވެ. މެޒޮން މަޖެލާގެ 'ޓެބީ' މުޅިން ބަދަލުނުކޮށް އެ ބޫޓުގައިވާ 'ސްޕްލިޓް ޓޯ' ސިފަ ނުގެއްލޭ ގޮތަކަށް ބޫޓުގެ މަތިން، ހެދުމުގެ ކަރު ކަނޑާފައި ހުންނަ ވައްޓަފާޅީގެ ބައްޓަމެއް ގެނެސްފައި ވެ އެވެ. މިއީ 'ދަ މާލޫޖެލާ ބެލޭ ފްލެޓްސް' އެވެ. އެގޮތަށް ކްރިސްޓިއަން ލޫބުޓަން ވަނީ ތިން ވައްތަރެއްގެ ބޫޓު ކެޕްސޫލް ކަލެކްޝަންގައި ނެރެފަ އެވެ.
ސަތޭކަ މިލިމީޓަރު އުސް ފުންނާބަކާ އެކު ހަދާފައިވާ 'ބްރިޑިއެލާ އުނާ ސްޓްރަސް'ގައި 'ބްރައިޑަލް' ބޫޓުތަކަށް އާ މާނައެއް ގެނެސްދެ އެވެ. އަތުން ފަރުމާކޮށް ކްރިސްޓަލްއިން ޖަރީ ކޮށްފައިވާ މި ބޫޓު ވަރަށް ލަތީފީ ވެފައި ބޮޑެތި ހަފްލާތަކަށް އެކަށީގެންވެ އެވެ. 
ލޫބުޓަންގެ ތިންވަނަ ޑިޒައިނަކީ 'ލޫބިއެލާ ސެންޑަލް' އެވެ. އެއީ ވެސް ވަރަށް ލަތީފީ އަދި ފުންނާބަށް ސަމާލުކަން ގެނެސްދޭ ބޫޓެއް ކަމަށް ލޫބުޓަން ބުނެފައިވެ އެވެ.
ލޫބުޓަންގެ ކެޕްސޫލް ކަލެކްޝަނުގައި އެކުލެވޭ ބޫޓުތައް ފަރުމާކޮށްފައިވަނީ ލެދާ، ޕޭޓަންޓް ލެދާ އަދި ކްރިސްޓަލްއިން ޖަރީކޮށްފައިވާ މެޝް ފޮތީގަ އެވެ.
މެޒޮން މާޖެލާގެ ކެޕްސޫލް ކަލެކްޝަންގައި ދައްކާލީ ލޫބުޓަންގެ ބޫޓުތައް އެކި ލޭޔަރަށް ހުޅުވި ބޫޓުގެ އެކި ބައިތައް ފެންނަ ސްޓައިލްއަކަށެވެ. މިއީ ވަރަށް 'އާޓިސްޓިކް' ނަޒަރަކުން ފަރުމާކޮށްފައިވާ ބޫޓު ކަލެކްޝަނެކެވެ.
މި ކަލެކްޝަންގެ 'ބިލުޖެލަ 25' ބޫޓަކީ ކަޅު ޕެޓެންޓް ލެދާ ބޭނުންކޮށްގެން ބޫޓުގެ އެތެރޭ އޮނިގަނޑު ފެންނަ ގޮތަށް ފަރުމާކޮށްފައިވާ ޑިޒައިނެކެވެ. ހަމަ އެފަދައިން 'މާޓިންލޫލާ' ބޫޓަކީ ވެސް އެކީ ލެދާ ޓޭޕް އިން ބޫޓުގެ އެކި ބައިތައް ދައްކައިދޭ ޑިޒައިންއެކެވެ. އަދި 'ކްރިސްމާޓީން' އަކީ މި ސްޓައިލްގެ އެކަމަކު ކަކުލާ ހަމައަށް އަރާ ދިގު ބޫޓެކެވެ.
މެޒޮން މާޖެލާގެ 'މާޓޫބީ25' އަކީ ޕަމްޕް ބޫޓެއްގައި ރަތް ކުލަ ފިއްސަކުން އުނގުޅާލައިފައިވާ ޑިޒައިނެކެވެ. މިއީ ލޫބުޓަންގެ މަޝްހޫރު ރަތް 'ސޯލް'އަށް ރެފަރަންސެކެވެ.
މި ކޮލެބޮރޭޝަން އަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ކަމެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބައެއް ފިހާރަތަކާއި މި ދެ ބްރޭންޑުގެ ޑިޖިޓަލް ޕްލެޓްފޯމްތަކުގައި މި މަހު މި ދެ ކެޕްސޫލު ކަލެކްޝަން ވިއްކަން ވަނީ ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ