ޖާންވީ އާއި ރާމް ޗަރަންގެ ފިލްމު އަންނަ އަހަރު، ފިލްމުގެ ޓީޒާ މިއޮތީ

ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރުގެ ކެރިއަރުގެ ދެވަނަ ސައުތު ފިލްމު "ޕެއްޑީ"ގެ ޓީޒާ ބެލުންތެރިންނަށް ދައްކާލުމަށްފަހު, ފިލްމު ސިނަމާތަކަށް ގެންނަ ތާރީޚު އިއުލާނުކޮށްފިއެވެ. ފިލްމު "އާރްއާރްއާރް"ގެ އެކްޓަރު ރާމް ޗަރަން ލީޑް ރޯލް ކުޅޭ މި ފިލްމު ސިނަމާތަކަށް ގެންނާނެ ކަމަށް އިއުލާނުކޮށްފައި ވަނީ އަންނަ އަހަރުގެ މާރިޗް މަހުގެ 27ގައެވެ. މި ފިލްމުގެ ކާސްޓުންގެތެރޭ ދިވްޔެންޑޫ، ޝިވާ ރާޖްކުމާރު އަދި ޖަގަޕަތީ ބާބޫ ހިމެނެއެވެ. ކުޅަދާނަ ތެލުގޫ ޑައިރެކްޓަރު ބުޗީ ބާބޫ ސަނާ އުފައްދާ "ޕެއްޑީ"ގެ ޓީޒާއިން ރާމް ޗަރަންގެ ފުރަތަމަ ފެނިލުމާ އެކުވެސް މިއީ ރާމް ޗަރަންގެ އެހެން ފިލްމުތަކެކޭ އެއްގޮތަށް އެކްޓަރުގެ ވަރުގަދަ އެކްޝަން ސީންތައް ދައްކުވައިދޭނެ ފިލްމެއްކަން ގަބޫލުކުރެވޭ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ. ރާމް ޗަރަން ފިލްމު "ޕެއްޑީ"ގެ ޓީޒާގެ މަންޒަރެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު ބެލުންތެރިންނަށް ދައްކާލާފައި ވަނީ އެކްޓަރު ރާމް ޗަރަންގެ 40ވަނަ އުފަންދުވަހާ ގުޅުވައިގެން މިދިޔަ މާރިޗް މަހުގެ 27ވަނަ ދުވަހެވެ. މި ފިލްމުގެ މިއުޒިކް ތައްޔާރުކޮށްދީފައި ވަނީ ސައުތު ސިނަމާގެ ގިނަ ފިލްމުތަކަކަށް މިއުޒިކް ތައްޔާރުކޮށްދީފައިވާ ކުޅަދާނަ މިއުޒީޝަން އޭއާރު ރަހްމާންއެވެ. ބަތަލާ ޖާންވީގެ ފުރަތަމަ ސައުތު ފިލްމަކީ ރާމް ޗަރަންއާ އެކު "އާރްއާރްއާރް"ގެ މުހިއްމު ރޯލް ކުޅުނު ތެލުގޫ އެކްޓަރު އެންޓީއާރު ޖޫނިއަ ލީޑް ރޯލްއިން ފެނުނު ފިލްމު "ދޭވްރާ: ޕާޓް 1"އެވެ. ސައުތު ސިނަމާގެ އެންމެ ނުފޫޒުގަދަ އެކްޓަރުންގެތެރޭ ހިމެނޭ ރާމް ޗަރަން އެންމެ ފަހުން ކުޅުނު ފިލްމަކީ މި އަހަރުގެ ޖެނުއަރީ މަހު ރިލީޒްކުރި ފިލްމު "ގޭމް ޗޭންޖާ"އެވެ. މި ފިލްމުގެ ބަތަލާ އަކީ ކިއާރާ އަދުވާނީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ