ރައީސްގެ ދަރިކަލުންގެ ވާހަކަ ދެއްކި ކަމަށް ބުނާ މައްސަލައިގައި މަންދީ އާއި މާޒް ސަލީމް ބަރަހަނާ ކުރުވައި ފޮޓޯ ނަގަން ކޯޓުން އަމުރުކޮށްފި ރައީސްގެ ދަރިކަލުންގެ ވާހަކަ ދެއްކި ކަމަށް ބުނާ މައްސަލައިގައި މަންދީ އާއި މާޒް ސަލީމް ބަރަހަނާ ކުރުވައި ފޮޓޯ ނަގަން ކ

ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުން، އުމައިރު މުހައްމަދު މުއިއްޒުގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެމްޑީޕީގެ އެއްވުމެއްގައި ވާހަކަދެއްކި ކަމަށް ބުނެ ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް އެ މައްސަލައިގެ ތުހުމަތު ކުރާ މަރިޔަމް ޒުބައިރު (މަންދީ) އާއި އަހުމަދު ސަލީމް (މާޒް) ބަރަހަނާ ކުރުވައި ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އެ ދެ މީހުން ބަރަހަނާ ކުރުވައި ޖިންސީ ގުނަވަން ފިޔަވައި އެހެން ހުރިހާ ތަނެއް ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައިވާ ކަމަށް ބުނީ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި އެމީހުންނަށް ފުލުސް އޮފީހުން ފޮނުވި ޗިޓުގަ އެވެ.
މަންދީއަށް ފުލުހުން ފޮނުވި ޗިޓުގައި ބުނެފައި ވަނީ ބަރަހަނާ ކުރުވައި ފޮޓޯ ނަގަން ކޯޓުން އަމުރު ކޮށްފައި ވަނީ ރައީސްގެ ދަރިކަލުންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އޭނާ ދެއްކި ވާހަކަތަކާ ގުޅިގެން ކަމަށެވެ. މާޒް ސަލީމްއަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ އޭނާ ބަރަހަނާ ކުރުވައި ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރު ކުރީ މަންދީ ދެއްކި ވާހަކަތަކަށް ހިތްވަރު ދީ އޭނާ ދެއްކި ވާހަކަތަކާ ގުޅިގެން ކަމަށެވެ.
"މަތީގައި ދެންނެވިފައިވާ މައްސަލައިގެ ތަހުގީގަށް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މަރްޔަމް ޒުބައިރުގެ ޖިންސީ ގުނަވަން ފިޔަވަހި ހަށިގަނޑުގެ ބޭރު ފޮޓޯ ނެގުމަށާއި އަޑުގެ ސާމްޕަލް ނެގުމަށް،" ފުލުސް އޮފީހަށް ހާޒިރު ކުރާ ބޭނުމުގައި ފޮތުގައި ޗިޓުގައި ލިޔެފައި އޮތެވެ.
ފުލުސް އޮފީހަށް ހާޒިރުވުމަށް އެ ދެމީހުންނަށް އަންގާފައި އޮތީ އިއްޔެ އެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާހުރެ އިއްޔެ އެމީހުން ހާޒިރު ކޮށްފައި ނުވާ ކަމަށް މަންދީ ބުންޏެވެ.
"އިއްޔެގައި ކެންސަލް ކުރީ، ނޭނގެ ކީއްވެ ކަމެއް، ބުނީ އަންގާނަމޯ ދާންޖެހޭ ދުވަހެއް، ބޮޑަށް ހީވަނީ އަންނަ ހޯމަ ދުވަހުހެން،" މަންދީ ބުންޏެވެ.
ރައީސްގެ ދަރިކަލުންގެ ކާރާމާތަށް އުނިކަން އަންނަ ގޮތަށް މަންދީ އާއި މާޒް ސަލީމް ވާހަކަ ދެއްކި ކަމަށް ބުނެ ރައީސްގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ވަނީ އެމްޑީޕީ އާއި މަންދީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލްގެ މައްޗަށް ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ދައުވާތަކެއް އުފުލައިފަ އެވެ.
އެ ދައުވާތައް ހުށަހެޅި ސަބަބެއްގެ ގޮތުގައި ސާޖިދާގެ ފަރާތުން ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައި ވަނީ މަންދީ އާއި ފައްޔާޒްގެ އިތުރުން އެމްޑީޕީގެ މައްޗަށް ދައުވާ އުފުލީ އުމައިރުއަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއްގެ ސަބަބުން އުމައިރުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް މެދުވެރިކުރުވައި އުމައިރުގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ ހާލަތެއް މެދުވެރުކޮށްފައި ވާތީ ކަމަށެވެ.
ސާޖިދާގެ ފަރާތުން އެ ދައުވާގައި އެދިފައި ވަނީ އޭނާގެ ދަރިކަލުންގެ ވާހަކަދެއްކި މައްސަލައިގައި އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް އާންމުކޮށް މައާފަށް އެދުމަށާއި އެކަމުގެ ސަބަބުން ލިބުނު އަދި ލިބޭނެ ކަމަށް ބެލެވޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ސާޖިދާއަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ