ކޮންމެ އަހަރަކު ވެސް މެއި މަހުން، އޮކްޓޫބަރަކީ ރިސޯޓުތަކަށް ފަޅުކަމެއް އަންނަ، އޮފް ސީޒަން ދުވަސްވަރެވެ. އެ ފަޅުކަން ފިލުވަން ރިސޯޓުތަކުން ކުރާ އެއް ކަމަކީ އޮފް ސީޒަންގައި ދިވެހިންނާއި ރާއްޖޭޭގައި މަސައްކަތް ކުރަން އައިސް އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ވަރަށް ހެޔޮ އަގުތަކުގައި ޕެކޭޖު ވިއްކުމެވެ.
މިދިޔަ ބޮޑުއީދު ޗުއްޓީގައި މިފަދަ ޕެކޭޖުތައް ބޭނުންކޮށްގެން ރިސޯޓުތަކުގެ އަޖުމަ ބަލައިލަން ގިނަ އަދަދެއްގެ ދިވެހިން ވަނީ ގޮސްފަ އެވެ. އޭގެ ތެރެއިން އެއް ރިސޯޓަކީ ވިލާ ޕާކެވެ. 'ދައުރު'އަށް އެނގިފައިވާ ގޮތުގައި އީދު ބަންދުގެ ތެރޭގައި 300 އެއްހާ ދިވެހިން ވަނީ ވިލާ ޕާކަށް ޗުއްޓީ ހޭދަކޮށްލަން ޒިޔާރަތް ކޮށްފަ އެވެ.
މީގެ ކުރިން ގިނަ ރިސޯޓުތަކަކީ އާދައިގެ ދިވެއްސަކަށް އަތްފޯރާވަރަށް ވުރެ އަގުބޮޑު ތަންތަނެވެ. އެހެން ނަމަވެސް ބައެއް ރިސޯޓުތަކުން އޮފް ސީޒަންގައި އަޅުވާފައިވާ ޕެކޭޖުތަކުގެ އަގު ހުރީ މާލެ އާއި މާލެ ކައިރި އަތޮޅުތަކުގެ ގެސްޓުހައުސްތަކުން ވިއްކާ ޕެކޭޖުތަކާ ދާދި އެއް ހަމައެއްގަ އެވެ.
ބައެއް ރިސޯޓުތަކުން ޕެކޭޖުތައް ފަށާ އަގު:
މަލަހިނި ކުޑަ ބަނޑޮސް - 190 ޑޮލަރު، ފުލް ބޯޑު، ރިޓާން ޓްރާންސްފާ
ވިލާ ޕާކު - 195 ޑޮލަރު، ފުލް ބޯޑު
ރޯޔަލް އައިލެންޑް - 195 ޑޮލަރު، ފުލް ބޯޑު
މަކުނުދޫ އައިލެންޑް ރިސޯޓު - 205 ޑޮލަރު، ފުލް ބޯޑު، ރިޓާން ޓްރާންސްފާ
ސައި ލެގޫން - 210 ޑޮލަރު، ބީއެންބީ
ސެންޓާރާ ރަސްފުށި - 210 ޑޮލަރު، ބީއެންބީ، ސްޓާފް ފެރީގައި ހިލޭ، ސްޕީޑްބޯޓުގައި ދެ މީހަކަށް 165 ޑޮލަރު
ފިހާޅޮހި އައިލެންޑް ރިސޯޓު - 189 - 243 ޑޮލަރު، ފުލް ބޯޑު، ރިޓާން ޓްރާންސްފާ
ބަނޑޮސް މޯލްޑިވްސް އީދު ޕެކޭޖު - 185 - 246 ޑޮލަރު، ފުލް ބޯޑު، ރިޓާން ޓްރާންސްފާ
ޝެރަޓަން މޯލްޑިވްސް - 280 ޑޮލަރު، ބީއެންބީ
ގްރޭންޑް ޕާކް ކޮއްދިއްޕަރު - 309 ޑޮލަރު، ބީއެންބީ
އަދާރަން ސެލެކްޓް ހުދުރަންފުށި - 320 ޑޮލަރު، ޕްރިމިއަމް އޯލް-އިިންކްލޫސިވް މީލް، ރިޓާން ޓްރާންސްފާ
މީގެ ތެރެއިން ގިނަ ޕެކޭޖުތަކުގައި ސްނޯކްލިން އިކުއިޕްމަންޓްތަކާއި ސްޕާ ޑިސްކައުންޓް އަދި އެކި އިވެންޓުތަކުގައި ބައިވެރިވުން ފަދަ އިތުރު ކަންކަން ވެސް ހިމެނެ އެވެ.
އޭގެ އިތުރުން ބައެއް ރިސޯޓުތަކުން އެއަށް ވުރެ ހެޔޮ އަގުތަކުގައި އެ ދުވަހު ގޮސް، އެ ދުވަހު އަނބުރާ ދެވޭ ކަހަލަ، 'ޑޭ ވިޒިޓް' ޕެކޭޖުތައް ވެސް ވިއްކަ އެވެ. ބައެއް ރިސޯޓުތަކުން މި ޕެކޭޖުތައް ވިއްކަނީ 100 ޑޮލަރަށް ވުރެ ވެސް ކުޑަ އަގެއްގަ އެވެ.
މީގެ އަހަރުތަކެއް ކުރިން ގިނަ ރިސޯޓުތަކުން ޕެކޭޖު ވިއްކީ ރިޓާން ޓްރާންސްފާއަށް ވެސް ވަކިން ޗާޖުކުރާ ގޮތަށެވެ. ނުވަތަ ޓްރާންސްފާގެ އަގާ އެކު ޕެކޭޖުގެ އަގު ބޮޑުވެ އެވެ.
ރިސޯޓެއްގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި އޮފް ސީޒަންގެ އިތުރުން ރިސޯޓުތަކުގެ އަދަދު އިތުރުވެ، ވާދަވެރިކަން ބޮޑުވުމަކީ ވެސް އަގު ތިރިކުރަން މަޖުބޫރުވާ ސަބަބެކެވެ.
އެހެން ނަމަވެސް ބައެއް ރިސޯޓުތަކުން، ވަކިން ހާއްސަކޮށް މަތީ ފަންތީގެ ރިސޯޓުތަކުން އޮފް ސީޒަން ދުވަސްވަރު ހޭދަކުރަނީ މަރާމާތު ފަދަ އެކި މަސައްކަތްތަކަށެވެ.
އޮފް ސީޒަންގައި ދިވެހިން ގޮސް ރިސޯޓުތަކުގެ ފަޅުކަން ފިލުވައިލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ