ސަރުކާރުގެ ޓެކްސީ ލައިންގެ ވެހިކަލްތަކަށް ބިމެއް ހަމަޖައްސައިފި

ސަރުކާރުން ތައާރަފުކުރާ ޓެކްސީ ލައިން ހިދުމަތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ވެހިކަލްތަކަށް ހާއްސަ ސަރަހައްދެއް ކަނޑައަޅައިފި އެވެ.
ޓްރާސްޕޯޓް މިނިސްޓްރީން މިއަދު ބުނީ ޓެކްސީ ލައިންގައި ބޭނުން ކުރާ އިލެކްޓްރިކް ވެހިކަލްތައް (އީވީ ޓެކްސީތައް) ޕާކުކުރުމަށް ވަކި ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށެވެ. އެއީ އެކަމަށް ހާއްސަ ބިމެއް ކަަމަށް ވެސް ބުންޏެވެ.
މި ބިމެއް ހަމަޖެއްސީ ހުޅުމާލެ ތިންވަނަ ފިޔަވަހީންނެވެ. އެ ސަރަހައްދަށް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ ޒިޔާރަތް ކޮށްފަ އެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފަށާއިރު ގާތްގަނޑަކަށް ހަތަރު ސައިޒެއްގެ ކާރު ހިމެނޭނެ ކަމަށާއި، އޭގެ ތެރޭގައި މާލޭގެ ކުދިކުދި މަގުތަކަށް ވަދެވޭ ސައިޒުގެ ކާރު ވެސް ހިމެނޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ވެހިކަލްތަކަށް ބިމެއް ހަމަޖެއްސުން -- ފޮޓޯ: ޓްރާސްޕޯޓް މިނިސްޓްރީ
ސަރުކާރު ޓެކްސީ ލައިން ޤާއިމްކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ،އެމްޓީސީސީއާ އެވެ.
އަދި އެ ކުންފުނިން އަންނަނީ މިއަހަރުގެ ޖުލައިމަހުގެ ތެރޭގައި ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން ކަމަށް މީގެ ކުރިން މިނިސްޓަރު އަމީން ވިދާޅުވި އެވެ.
އެގޮތުން، ޓެކްސީ ލައިނަށް ބޭނުންވާ ޓެކްސީ ފޯރުކޮށްދޭނެ ބަޔަކު ހޯދަން އެމްޓީސީސީން އިއުލާންކޮށް، އެޓެކްސީތައް ފޯރުކޮށްދޭނެ ބަޔަކު މިހާރު ހަމަޖެހިފައިވާ ކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ ޓެކްސީ ލައިނަށް ބޭނުންވާ އެޕްލިކޭޝަން ހެދުމުގެ މަސައްކަތާއި ޓެކްސީތައް ޗަރޖު ކުރާނެ ޗަރޖިން ސްޓޭޝަންތައް ހެދުމުގެ މަސައްކަތްވެސް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ.
މި ޓެކްސީ ފްލީޓުގައި ހިމެނެނީ %100 ތިމާވެއްޓާ ރަށްޓެހި އިލެކްޓްރިކް އުޅަނދެވެ. މި ޚިދުމަތް ފަށާއިރު، ޖުމްލަ 100 އުޅަނދު ހިމެނޭއިރު، އިތުރު ފިޔަވަހި ތަކަށް ބަހާލައިގެން އުޅަނދުގެ އަދަދު އިތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ