އަޅުގަނޑުގެ އެންމެ ގާތް ރަހްމަތްތެރިޔާ -- މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ އަދި ހުށައެޅުންތެރިޔާ ހުސައިން ފަރިޔާޒްއާއެކު މީގެ ދެތީން ދުވަސްކުރީން ހުޅުމާލެއަށް ދިޔައީ މެވެ. އަހަރެމެން ދެ މީހުން ދިރިއުޅެނީ ހުޅުމާލޭގައި ނަމަވެސް ދެ މީހުންގެ ވަޒީފާ އޮންނަ ގޮތުން ދުވާލުގެ ހުރިހާ ވަގުތެއްހެން އަދި ރޭގަނޑުގެ ބޮޑުބައެއް ހޭދަ ކުރަން ޖެހެނީ މާލޭގަ އެވެ. ހުޅުމާލެއަށް ދިޔައީ އޭ މި ބުނީ އެހެން ވެގެންނެވެ.
އެ ދުވަހު މެންދުރު ފަހު ދެ މީހުން ހުޅުމާލެއަށް ދިޔައީ ޓްރީޓޮޕް ހޮސްޕިޓަލަަށް ހަމުގެ ޚާއްސަ ޑޮކްޓަރު, ޑރ. ފަރުޒީން ނާސިރުއަށް ދައްކައިލުމަށެވެ. އަޅުގަނޑުމެން ދެ މީހުންނަކީ ވެސް ހަމުގެ މައްސަލަ ހުންނަ ދެ މީހުން ކަމުން ވަރަށް ގިނައިން ޑރ. ފަރްޒީން އަރިހަށް ދާން ޖެހެ އެވެ. އެހެން ގޮސްގޮސް މިހާރު ވަރަށް ރަހްމަތްތެރިވެސް ވެއްޖެ އެވެ.
ހިނގަމުން މިދަނީ ހައްޖު މަހުގެ އެންމެ މާތް ދުވަސްތައް ކަމުން އަހަރެމެން ދެ މީހުން ވެސް ތިބީ ރޯދައަށެވެ. ޑޮކްޓަރުން އަވަދިވީއިރު އިރޮއޮއްސެން ހުރީ ގަޑިއެއްހާ އިރެވެ. އެހެންވީމަ ދެ މީހުން ވެސް ނިންމީ ހުޅުމާލެއިން ރޯދަ ވީއްލައިގެން މާލެ އަންނާށެވެ. އެހެން ކަމުން ހުޅުމާލޭގެ ދެ ފޭހުގެ އެކި ސަރަހައްދުތަކުގައި ދުއްވާ ބައެއް ތަންތަނަށް މަޑުކޮށް ފޮޓޯ ނެގުމުގައި ވަގުތުކޮޅެއް ހޭދަކޮށްލީ އެވެ.
މަޣްރިބު ވަގުތު ކައިރިވުމުން ރޯދަ ވީއްލާން ވަންނާނެ ރެސްޓޯރަންޓެއް ހޯދަން ބޭރު މަގުން ދުއްވާލީމެވެ. އަޅުގަނޑަށް ފެނުނީ ރަށުތެރެއިން ހޮޓަލަކަށް އަރާށެވެ. ފަރިޔާޒަށް ވެސް ކަމުދިޔައީ އެގޮތެވެ. އެކަމަކު އަހަރެން ބުނާނެ އެއްޗެއް ނޭންގޭތީވެ އިސްވެ އެ ވާހަކަ ބުނަން ނުކެރިފައި ހުރީ އެވެ.
ދެ މީހުން ގޮސް ވަނީ ހުޅުމާލެ މައި މަގުގައި ހުރި "ޓީ ޓައިމް" ހޮޓަލަށެވެ. އެ ތަނަަށް ވަތްއިރު ބަންގި ގޮވާން ދެތީން ހަތަރު މިނެޓަށް ވެއްޖެ އެވެ. ކަދުރު ނެތުމުން ފޮނި ހެދިކާއެއް ހިފައިގެން އައިސް ޓީވީން ބަންގި ގޮވާނެ ވަގުތަކަށް އިންތިޒާރުގައި ތިބީމެވެ. ބަންގި ގޮވަން މިނެޓެއްހާއިރު ވީތަނާ ހޮޓަލުގެ ބޭރު ދޮރު އެކަށް ބަންދުކުރި އެވެ. ނަމާދު ވަގުތަށް ބަންދު ކަމުގައި އިއުލާނު ކުރި އެވެ.
އެ ގަޑިއަށް އަށް ހޮޓަލަށް އައި މީހުން ކައިރީ ބުނީ ނަމާދު ވަގުތަށް ބަންދު ކަމުގަ އެވެ. ދެން ހުޅުވާނީ ނަމާދު ވަގުތަށް ފަހު ކަމަށެވެ.
އެ މަންޒަރު ފެނި ސުވާލުކޮށްލުމުން "މިއީ ނަމާދު ވަގުތަށް ބަންދުކުރާ އެއްކަލަ ހޮޓަލޭ" ފަރިޔާޒު ބުންޏެވެ. މި ހޮޓަލުގެ ވާހަކަ ކުރީން ވެސް އޮތީ މަޝްހޫރުވެފަ އެވެ. ނަމާދު ވަގުތަށް ބަންދު ކުރާތީ އެވެ. އެ ވާހަކަ ކުރީން އިވިފައި އޮތީތީވެ އެ ހަނދާން އާވެ "އާން އާން .. މިއީ އެ ހޮޓާ" ދޯ އޭ އަހަރެން ވެސް ބުނެލީމެވެ.
ޓީ ޓައިމް ހޮޓާ ނަމާދު ވަގުތަށް ބަންދުކޮށް މުވައްޒިފުން ނަމާދު ކުރަނީ -- ފޮޓޯ: ވޮއިސް
ވެއިޓަރުންގެ ހަރަކާތްތައް ފެންނަނީ ވަރަށް ހަލުވި ކޮށެވެ. ހިތަށް އެރި އެވެ. މިއީ އެހެންޏާ ވެއިޓަރުން އުޅޭ ގޮތެއް ނޫނެވެ. އަހަރެމެން ތިބި މޭޒަށް އައި ހިދުމަތް ދޭން އައި ވެއިޓަރު ވެސް އަދި އެހެން މޭޒުގެ ތަކުގެ ކައިރިއަށް ހިދުމަތްދޭން ގޮސް ތިބި ވެއިޓަރުން ވެސް އެދެމުން ދިޔައީ ބޭނުންވާ އެއްޗެއް އަވަހަށް ބުނުމަށެވެ. އޭގެ ފަހުން ދެން އެއްޗެއް ލިބޭނީ ވިއްސަކަށް މިނެޓް ފަހުން ކަަމަށް ވެސް ބުންޏެވެ.
ހިތަށް އެރި އެވެ. ހޮޓަލުގެ ދޮރު ބަންދުކުރިއިރު އެތެރޭގައި މިތިބީ މަދު ކަސްޓަމަރުންތަކެކެވެ. އަބަދުހެން ފުރި ބާރުވެފައި އޮންނަ ހޮޓަލަށް މިއީ އެންމެ ހުސް ވަގުތުކޮޅެވެ. އެހެންވީއިރު އެހާ އަވަސް އަރުވާލައިގެން އުޅެނީ ކީއްވެ ހެއްޔެވެ. އަދި ދެން އެއްޗެއް ގެނެސްދެވޭނީ ވިއްސަކަށް މިނެޓް ފަހުންނޭ އެ ބުނީ ކީއްވެ ބާ އެވެ.
ކޮންމެއަކަސް އަޅުގަނޑުމެން ބޭނުންވާ ލިސްޓް ކިޔައިދީފީމެވެ. އަޅުގަނޑު އޯޑަރުކުރީ އަޅުގަނޑުގެ ފޭވަރިޓް ރިހާކުރު ދިޔައާ ފަސް ރޮއްޓަށެވެ. ފަރިޔާޒު ބޭނުންވީ ދޮން ރިހައާ ރޮއްޓެވެ. ދެން ދެ މީހުންނަށް ތެއްލި ބަޑައިދޫ ކޮޅެކެވެ. ރަހަ ވަރަށް މީރެވެ. މިއީ މީގެ މަހެއްހާ ދުވަސްކުރީން ވެސް އަހަރެމެން ދެ މީހުން މެންދުރެއްގައި ކާން އައި ހޮޓަލެކެވެ. އެ ދުވަހުވެސް މިތަނުގެ ކާތަކެތީގެ މީރު ރަހަ އޮތީ ފެނިފަ އެވެ.
ދެ މީހުން ކާން ފެށިތަނާ ހޮޓަލުގެ މެދުގައި ހުރި މޭޒުތަކާއި ގޮނޑިތަައް ކުޑަކޮށް ދުރަށް ޖައްސައިލާ ބައެއް މުވައްޒިފުން މުސައްލަ އަޅައިގެން ނަމާދު ކުރަން ފެށި އެވެ. އޯޑަރު ނެގުން މިހާ އަވަސްކޮށްލާ ދެން ހިދުމަތް ދެވޭނީ ވިއްސަކަށް މިނެޓް ފަހުން ކަމަށް އެ ބުނީ މުވައްޒިފުން ނަމާދު ކުރާންކަން އެނގުނެވެ. ފަހަރަކު މީހަކު އައިސް ނަމާދު ކުރަމުން ގެންދެ އެވެ. ފަނަރަ ވަރަކަށް މިނެޓްގެ ތެރޭގައި ހުރިހާ ވެއިޓަރުންނާއި މަސައްކަތު މީހުންނާއި ކައްކާއިންނާއި ކޭޝިއަރުވެސް ނަމާދުކޮށް ނިންމާލައިފި އެވެ.
ޓީ ޓައިމް ހޮޓާ: މިއީ ތަފާތު ހޮޓަލެއް -- ފޮޓޯ: ވޮއިސް
އަޅުގަނޑަށް އެކަން ވީ ހިތަށް ވަރަށް އުފާވެރިކަން ލިބުނު ކަމަކަށެވެ. މި ވާހަކަ މި ލިޔެލީވެސް އެހެން ވެގެނެވެ.
ފަރިޔާޒު އަދި އަޅުގަނޑުގެ ކައިރީގައި ބުނި ވާހަކަ އެކެވެ. ނަމާދު ވަގުތަށް ހޮޓަލުގެ ދޮރު ލެއްވީ ތަނުގެ ވެރިމީހާ އެވެ. އޭނާ މިސްކިތަށް ދިޔައީ މުވައްޒިފުންނަށް ނަމާދު ކުރުމަށް އަންގާފަ އެވެ. އަދި އަލުން ހިދުމަތް ފެށުމުގެ ކުރީން އެއްޗެއް ކާލާ ތާޒާ ވެލަން ބުނެފަ އެވެ.
ފަހުން ބަލައިލިއިރު ހޮޓަލުގެ ބޭރާއި އެތެރޭގައި ވެސް ބޯޑެއްގައި ލިޔެފައި އޮތެވެ. އެއީ ނަމާދު ވަގުތަށް ބަންދު ކުރާ ހޮޓަލެއް ކަމެވެ. އަދި ނަމާދު ވަގުތަށް ބަންދު ކުރުމަށް ފަހު ދެން ހުޅުވޭނީ ބައިގަޑިއެއްހާއިރު ފަހުން ކަމެވެ.
މިއީ ކޮންފަދަ ރީތި ނަމޫނާއެއް ހެއްޔެވެ. ކޮންކަހަލަ ނަލަ ވިޔަފާރިއެއް ހެއްޔެވެ. އަޅުގަނޑުމެން ކޮންމެ ވިޔަފާރިއަކުން ވެސް މި މަންޒަރު ފެންނަ ނަމަ އެވެ. ނަމާދު ވަގުތަށް ފިހާރަތަކާއި އޮފީސްތަކާއި ހޮޓާތަކުގެ ނަން ބޯޑު "ބަންދު" ބޯޑަށް ބަދަލުކޮށްލުމުގެ ބަދަލުގައި މިގޮތަށް އަމަލު ކުރާނަމަ ކޮންފަދަ ފުރިހަމަ ވީސް ހެއްޔެވެ.
ރީތި މަންޒަރެއް؛ ނަމާދު ވަގުތަށް ބަންދު، މުވައްޒިފުންގެ ނަމާދު ހޮޓަލުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ