ޝިއުނާއަށް: އެންމެން މަސައްކަތްކުރަނީ މުއިއްޒުގެ މުސީބާތުން މިންޖުވާން!

މުއިއްޒު ގެންގުޅޭ ގުލާނު ބާނދީއަށް ބުނެލަން އޮތީ ކޮންމެ މުސްލިމަކުވެސް އަޒުމް ކަނޑައަޅަންޖެހެނީ ދެން އެމްޑީޕީ ވެރިކަމެއް އަޔަނުދޭކަށް ނޫނެވެ. ކޮންމެ މުސްލިމަކުވެސް ގަދައަޅާ މަސައްކަތް ކުރަންވީ މުއިއްޒާއި ޝިއުނާމެންގެ މުސީބާތުން ދިވެހި ދައުލަތް މިންޖުކުރުމަށެވެ. 
ޝިއުނާ ނޫނަސް ރާއްޖޭގައި އުޅެނީ އިސްލާމުންނެވެ. މުސްލިމުންގެ ޖަމާއަތުގެ ބަޔަކަށް ނިސްބަތްކޮށް ކުފުރުގެ ބަސް ރައްދުކުރުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫނެވެ. މުސްލިމު އެތައް ރައްޔިތުންނެއް ނިސްބަތްވާ ޖަމާއަތެއް ވެރިކަމަށް އަޔަނުދޭން މުސްލިމުން އަޒުމް ކަނޑައެޅުމަށް ގޮވާލުމަށްވުރެ ބޮޑު ފިތުނައެއް ކޮބާހެއްޔެވެ.
ދީނީ ވާހަކައާއި ލާދީނީ ވާހަކަ ވަކިކޮށް ޖަމާއަތް ބައިބައިކުރުމަށް ޝީއުނާއަށް ލައިސަންސް ލިބުނީ ކޮން އިރަކު ހެއްޔެވެ. ދީނީ ކަންކަމުގައި ބަސްބުނަން އަޅާ ބުރުގާއަކުން ލައިސަންސް ލިބެނީ ހެއްޔެވެ.
މީހަކު ލާދީނީ ވަނީ އެމީހަކު ނިސްބަތްވާ ޕާޓީއަކުން ނޫނެވެ. ހުދު ތިމާ ނިސްބަތްވާ ޕީއެންސީގެ ތެރޭގައި އުޅޭ އެންމެންނަކީ ޝިއުނާގެ މިންގަނޑުން ދީނީ މީހުން ކަމަށް ވަންޏާ ބުނާނެއެއްޗެއް ނެތެވެ. ހުއްޓާ ނުލާ އެމްޑީޕީއަށް ނިސްބަތްކޮށް ލާދީނީއޭ ގޮވާއިރު އެމްޑީޕީގައި ދީނީ ވާޖިބުތައް އަދާ ކުރުމުގައި ކުޑަވެސް އިހުމާލެއް ނުވާ އެތައް ހާސް ބަޔަކު ތިބިކަން ނޭނގުމަކީ ޖާހިލުކަމެވެ. 
އެމްޑީޕީ ރާއްޖޭގައިވެރިކަން ކޮށްފިއެވެ. ނިގާބު އެޅުން މަނައެއް ނުކުރެއެވެ. މިސްކިތްތަކުގައި ވަގުތަށް ބަންގިގޮވާ ނަމާދު ގާއިމުކުރިއެވެ. ރާއްޖޭގައި ހިނގަމުން އައީ އިސްލާމީ ޝަރީއާއެވެ. ލާދީނީ ވެގެން އިސްލާމީ އެއްވެސް ޝިއާރެއް ފަނޑެއް ނުވެއެވެ. ދީނީ ދަރުސް ދިނުމާއި އިސްލާމީ ޝީއަރު ފާޅުކުރުމަކަށް ހުރަހެއް ދަތިކަމެއް ނެތެވެ. 
ޝިއުނާމެންގެ ދީނީ ސަރުކާރުގެ މަތިފަޑީގައިތިބީ އިމާމުންނާއި މައުލަވީންނެއް ނޫނެވެ. މާތް ކަލާނގެ ގަންދީ ހުވާކޮށްގެންތިބެ ކުރަނީ ވައްކަމެވެ. ކަނީ ރިބާއެވެ. ދެނީ ރިޝްވަތެވެ. ވަނީ ހިޔާނާތެވެ. ހަދަނީ މަކަރާ ހީލަތެވެ. މަތި މައްޗަށް ހަދަނީ ދޮގެވެ. ރައީސް މުއިއްޒުން ފެށިގެން ޝިއުނާވެސް ހިމެނޭހެން މުޅި ސަރުކާރު އޮތީ އެހެނެވެ.
ޝިއުނާ ނިގާބު އެޅުމުން މުޅި ސަރުކާރުގެ ބަރަހަނާ ފޮރުވެނީހެއްޔެވެ. ޕީއެންސީގައި ނިވާނުކޮށް ތިބޭ މީހުންގެ ސެކިއުލަރިޒަމް ޝިއުނާއާއި ހަމައިން ފިލާދަނީހެއްޔެވެ. އެހެން ކަމަށް ވަންޏާ އެމްޑީޕީއޭ ލާދީނީއޭ ނިގާބޭ ނުކިޔާ ދައުލަތް ދަވައިގެން ތިޔަކާ ކެއުން ކާލަކާލާ މުއިއްޒުގެ ވެރިކަން ނިމެންދެން ހުންނާށެވެ. މާތް ރަސްކަލާނގެ ރަހުމަތްފުޅާއެކު އަދިވެސް ރާއްޖޭގައި އެމްޑީޕީން ވެރިކަން ކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ