ކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ފޮޓޯ/ވީޑީއޯ ދައުރުނުކުރަން އެދިއްޖެ

ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބިދާނެ ފޮޓޯ އާއި ވީޑިއޯ މީޑިއާގައި ދައުރު ނުކުރަން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
އެ މިނިސްޓްރީން މިކަމަށް އިލްތިމާސްކުރީ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ކުޑަކުދިންގެ ޒާތީ މަޢުލޫމަތު ދެނެގަނެވޭނެ ފަދަ މަޢުލޫމާތުތަކާއި މައްސަލަތަކާއި ގުޅުވައި ކުޑަކުދިންގެ ފޮޓޯ އަދި ވީޑިއޯ އާންމު ކުރަމުންދާތީ އެވެ.
އެ މިނިސްޓްރީން ބުނީ ސޯޝަލް މީޑިއާގައި ދައުރުކުރާ ބައެއް ފޮޓޯތަކާއި ވީޑިއޯތަކުގެ ސަބަބުން، ސީދާ ގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް އެ ކުދިންނަކީ ކޮން ބައެއްކަން އާންމުންގެ ތެރެއިން ބަޔަކަށް އެނގި، އެ ކުދިންގެ ކަރާމާތަށް އުނިކަން ލިބިގެންދިޔުމަކީ އެ މިނިސްޓްރީން ކަންބޮޑުވާ ކަމެއް ކަމަށެވެ.
"އެހެންކަމުން، އިސްވެ ބަޔާން ކުރެވުނު ސަބަބުތަކަށްޓަކައި، ކުދިންގެ ކަރާމާތަށް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ވިޔަ ނުދިނުމަށްޓަކައި އެފަދަ ފޮޓޯ އަދި ވީޑިއޯތައް މީޑިއާގައި ދައުރު ނުކުރުމަށް އިލްތިމާސްކުރަމެވެ،" މިނިސްޓްރީން ބުންޏެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގައި ކުޑަކުދިންގެ ކަރާމަތަށް އުނިކަން އަންނަ ގޮތަކަށް ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާއްމުކޮށްގެން ނުވާނެކަމަށާއި ކުށުގެ ތުހުމަތުގައިވާ ކުދިންނާއި ކުށުގެ ޝިކާރައަކަަށް ވެފައިވާ ކުދިންނާއި އެނޫންވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި އެޑްރެހާއި ތައުލީމު ހާސިލްކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް ނުވަތަ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގެނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް މީޑިއާގައި ނުވަތަ އެނޫން ވެސް ވަސީތަލެއްގައި ޝާއިއުކޮށްގެން ނުވާނެކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ