އެމެރިކާގެ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު އިސްތިއުފާދީފި

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެއްދެވުމުގެ ގޮތުން، އެމެރިކާގެ ނޭޝަނަލް ކައުންޓަ-ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު ޖޯސެފް ކެންޓް އިއްޔެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.ނޭޝަނަލް ކައުންޓަޓެރަރިޒަމް ސެންޓަރުގެ އިސްވެރިޔާ ޖޯ ކެންޓަކީ، މިހާރު ތިންވަނަ ހަފުތާއަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމައާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިސްތިއުފާ ދެއްވި ފުރަތަމަ އިސް ބޭފުޅާ އެވެ."އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ތާއީދުކުރުމަކީ އަޅުގަނޑުގެ ޒަމީރު ގަބޫލުކުރާ ކަމެއް ނޫނެވެ. އީރާނުން އަޅުގަނޑުމެންގެ ގައުމަށް ކުރިމަތިވަމުންދާ ކުއްލި ނުރައްކަލެއް ނެތެވެ،" ކެންޓްގެ އިސްތިއުފާގެ ސިޓީގައިވެ އެވެ.މީގެ އިތުރުން، އޭނާ ވިދާޅުވީ މި ހަނގުރާމަ ފެށުނީ އިޒްރޭލާއި އެ ގައުމުގެ ނުފޫޒުގަދަ ލޮބީ ގްރޫޕްތަކުގެ ފިއްތުންތަކުގެ ސަބަބުން ކަމަށެވެ.ކެންޓްއަކީ އެމެރިކާއަށް ޓްރަރިޒަމްއާ ގުޅިގެން އޮންނަ ނުރައްކާތަކާ ގުޅިގެން އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެމެރިކާގެ ނެޝަނަލް އިންޓެލިޖެންސަށް ލަފާދެއްވާ އެންމެ އިސް ފަރާތެވެ.ކެންޓްގެ ވާހަކަތަކާ ގުޅިގެން ޓްރަމްޕް ވިދާޅުވީ އިރާނުގެ ސަބަބުން އޮތް ނުރައްކާ ހުރިހާ ގައުމަކަށްވެސް އެނގޭނެ ކަމަށެވެ. ޓްރަމްޕް ކުރިން ވިދާޅުވި ގޮތުގައި އެމެރިކާ އާއި އިޒްރޭލުން އިރާނަށް ހަމަލާ ދިނުމުގެ ކުރިން އިރާނުން އުޅުނީ އެމެރިކާއަށް ހަމަލާދޭށެވެ.މިއީ އިރާން ހަނގުރާމަ ފެށި ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިސް ވެރިޔަކު އިސްތިއުފާ ދެއްވި ފުރަތަމަ ފަހަރެވެ.ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ 13 ސިފައިންގެ މީހަކު މަރުވިއިރު، އިރާނުގެ 1،444 މީހުން ވަނީ މަރުވެފަ އެވެ. އޭގެއިތުރުން ގަލްފުގެ ގައުމުތަކުން 20 މީހަކު މަރުވިއިރު، އިޒްރޭލުގެ 15 މީހުން ވެސް މަރުވެފައިވާކަން ފާހަގަކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ