ލަރިޖާނީ އަވަހާރަކޮށްލިކަން އީރާނުން ކަށަވަރުކޮށްދީފި
ޔަހޫދީންގެ ހަމަލާއެއްގައި އީރާނުގެ ގައުމީ ސަލާމަތާ ބެހޭ ވެރިޔާ، ޢަލީ ލަރިޖާނީ ޝަހީދުވެއްޖެ އެވެ. އީރާނުގެ އަސްކަރިއްޔާއިން ވަނީ އޭނާ ޝަހީދުވިކަން ކަށަވަރުކޮށްދީފަ އެވެ.އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ލަރީޖާނީ އަކީ އީރާނާއި އިސްލާމީ އިންގިލާބުގެ ކުރިއެރުމަށް މުޅި އުމުރު ހޭދަކުރެއްވި ބޭފުޅެއް ކަމަށާއި، އޭނާ "ޝަހީދުވީ ގައުމީ ހިދުމަތުގެ ސަފުގައި" ހުންނަވަނިކޮށް ކަމަށެވެ."އީރާންގެ އިސްލާމީ އިންގިލާބު ކުރިއެރުވުމުގައި މުޅި އުމުރު ހޭދަކުރެއްވުމަށް ފަހު، މަތިވެރި ގޮވައިލެއްވުމާ އެކު އޭނާގެ ޒަމާންވީ އުންމީދު ހާސިލްވެ، ޝަރަފްވެރިކަމާ އެކު ޝަހީދެއްގެ ދަރަޖާގައި އެ ވަޑައިގަތީ ގައުމީ ހިދުމަތުގައި ހުންނަވައިގެން،" ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބަޔާނުގައިވެ އެވެ. ލަރިޖާނީ އަވަަހަރާކޮށްލުމަށް ފަހު އިޒްރޭލުން ވަނީ އީރާނުގެ އާ ސުޕްރީމް ލީޑަރު މުޖްތަބާ ޚާމަނާއީ ހޯދައި އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ލަރީޖާނީ އަވަހާރަކޮށްލުމަކީ އިރާނުގެ ރައްޔިތުންނަށް އެމީހުންގެ ސަރުކާރު ވައްޓާލުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކަޓްޒް ވިދާޅުވީ އިރާނުގެ ވެރިން މަރަމުންދާ ކަމަށާއި، އެގައުމުގެ އަސްކަރީ ގާބިލިއްޔަތު ނައްތާލުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.ލަރީޖާނީ އެންމެ ފަހުން އާންމުންގެ ތެރެއިން ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހު ތެހެރާންގައި ބޭއްވި އަލް-ގުދުސް ދުވަހުގެ ރެލީގެ ތެރެއިންނެވެ. އޭނާ އަވަހާރަވުމުގެ ކުރިން ދެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، އިޒްރޭލާއި އެމެރިކާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އިރާނުން ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.އަލީ ލަރީޖާނީގެ މަރަކީ އީރާނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. އީރާނުގެ ދުވަސްވީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވިތާ ތިން ހަފްތާ ނުވަނީސް ލަރީޖާނީ އަވަހާރަކޮށްލި އިރު މިދިޔަ މަހުގެ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ އެކު މުޅި މެދުއިރުމަތި ވަނީ ހަނގުރާމައިގެ ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ