މިނިސްޓްރީގެ 'ހިއްޗަށް ވަޑައިގަތުން' ތަމްސީލުގެ ފެންވަރު ދަށް ކަމަށް ބުނެ ފާޑުކިޔުން

ރާއްޖޭގެ ތަރިކަ ޒުވާނުންނަށް ދައްކުވައިދިނުމަށް ތަރިކައާ ބެހޭ ވުޒާރާއިން މިރޭ ބޭއްވި، ހިއްޗަށް ވަޑައިގަތުމުގެ ތަމްސީލުގެ ފެންވަރު ދަށް ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެއްޖެއެވެ. ފިތުރު އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ބާރު އަޅުއްވާފައިވާއިރު، ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ހިއްޗަށް ވަޑައިގަތުމުގެ ތަމްސީލެއް މާލޭގެ މަގުތަކުގައި ބާއްވައިފައެވެ. އެ ތަމްސީލާ ގުޅޭ ގޮތުން ވަޒީރު އާދަމް ނަސީރު އިބްރާހީމް ވަނީ، ހިއްޗަށް ވަޑައިގަތުމަކީ ރާއްޖޭގައި އުވިފައިވާ ތަރިކައެއް ކަމަށާއި، ރާއްޖޭގެ ތާރީޚު ޒުވާނުންނަށް ކިޔައިދިނުމުގެ ވިސްނުން ރައީސް ގެންގުޅުއްވާތީ، މި ތަމްސީލް އިންތިޒާމު ކުރީ ކަމަށް ވިދާޅުވެފައެވެ. އެއީ އާންމު ގޮތެއްގައި ރަދުން ބައިވެރިވެވަޑައިގެން ވަރަށް ކުލަގަދަކޮށް ބާއްވާ ހަރަކާތެއްކަން ފާހަގަކުރައްވައި ވަޒީރުވަނީ، ތަމްސީލު ބާއްވަނީ ޔުނިވާސިޓީ ދަރިވަރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިކޮށްގެން ކަމަށް ވިދާޅުވެފައެވެ. "އެހެންވީމަ މިރޭ މި ކުރިއަށްދާ ހަރަކާތަކީ މި ދެންނެވި ހިއްޗަށް ވަޑައިގަތުން މިކަން ތަމްސީލްކޮށް ދިނުމަށް ޓަކައި އެކަން ހިނގާ ގޮތް އަދުގެ ޖީލަށް ދައްކާލުމަށް ޓަކައި ގެނެވޭ ތަމްސީލީ ހަރަކާތެއް،" ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވިއެވެ. އެ ތަމްސީލު މާލޭގެ ޗާންދަނީ މަގުން ފަށައިގެން، ބޮޑުތަކުރުފާނު މަގުގައި ވެސް ދައްކާލާފައިވެއެވެ. https://x.com/MoDLCH/status/1906395908855714047 އެ ތަމްސީލާ ގުޅޭ ގޮތުން ތާރީޚު ދިރާސާކުރައްވާ މުހައްމަދު ނާޖިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިއްޗަށް ވަޑައިގަތުމުގެ ރަސްމިއްޔާތަކީ ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތުގައި ހިމެނޭ އެންމެ މުހިންމު އާދަކާދަތަކުގެ ތެރެއިން އެއް އާދަކާދަ ކަމަށެވެ. އެ ރަސްމިއްޔާތަކީ ދިވެހި ރަސްރަސްކަލުން ރޯދަމަހުގެ ތެރޭގައި ބާއްވަވާފައިވާ ވަރަށް ހައިބަވަންތަ، އޭގައި އެތައް ކަމެއް އެކުލެވިގެންވާ ވަރަށް ވެސް ފުރިހަމަ، ރީތި ރަސްމިއްޔާތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. "ގިނަ ބައެއްގެ މުނިފޫހިފިލުވައިދިން ރަސްމިއްޔާތެކެވެ. ނަމަވެސް، މިރޭ ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ވުޒާރާއިން ދެއްކި ހިއްޗަށް ވަޑައިގަތުމުގެ ތަމްސީލަކީ މި މުހިންމު އާދަކާދައިގެ އަސްލު މަޤްޞަދާއި ރޫޙު ގެއްލިފައިވާ ތަމްސީލެއް ކަމުގައި ދަންނަވަން ޖެހެއެވެ." ނާޖިހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ތަރިކައިގެ ވުޒާރާއިން ދުރާލައި މި އީދުގައި ހިއްޗަށް ވަޑައިގަތުން ދައްކާނެ ވާހަކަ ބުނެފައިވާތީ، އެ ތަމްސީލަކީ ވަރަށް ފުރިހަމައަށް ދިރާސާކޮށް ތައްޔާރުކޮށްފައިވާ، ދިވެހީންގެ ތާރީޚީ އަދި ސަގާފީ މި މުހިންމު ތަރިކަ ރަނގަޅަށް ދައްކައިދޭނެ ތަމްސީލަކަށް ވާނެ ކަމަށް އުއްމީދު ކުރި ކަމަށެވެ. ނަމަވެސް، ފެނުނީ އުއްމީދުކުރި ފަދަ މަންޒަރެއް ނޫން ކަމަށް ނާޖިހު ވިދާޅުވިއެވެ. https://x.com/NaajihDidi/status/1906405304616812604 އޭނާ ވިދާޅުވީ އެ ތަމްސީލުން ހިއްޗަށް ވަޑައިގަތުމުގެ ރީތިކަމާއި އޭގެ ހައިބަވަންތަކަން އެއްގޮތަކަށް ވެސް ނުދެއްކުނު ކަމަށެވެ. އަދި ރަސްމިއްޔާތު މުޅީން ފުރިހަމަ ވެސް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. "އެންމެ ފުރަތަމަ ފާހަގަކުރެވުނު ކަމަކީ މިފަދަ މުހިންމު ރަސްމިއްޔާތެއް އޭގެ އަސްލާ އެއްގޮތަށް ދެއްކުމަށްޓަކައި ބޭނުންވާ ވަރަށް މީހުން ބައިވެރިކޮށްފައި ނުވާކަމެވެ. އޭގެ ސަބަބުން މުޅި ރަސްމިއްޔާތުގެ ހައިބަވަންތަކަން ގެއްލެއެވެ." ނާޖިހު ލިޔުއްވާފައިވެއެވެ. އިތުރު މައްސަލައެއް ކަމަށް އޭނާ ވިދާޅުވީ، ތަމްސީލުގެ ބައިވެރިން އަޅައިގެން ތިބި ހެދުންތައް އޭގެ އަސްލާ އެއްގޮތް ނުވުމެވެ. އެގޮތުން ހިއްޗަށް ވަޑައިގަތުމުގެ ރަސްމިއްޔާތުގައި ބައިވެރިން އަޅަންޖެހޭ ޚާއްޞަ ހެދުންތަކެއް ހުންނަ ކަމަށާއި އެ ހެދުންތައް އަޅަންޖެހޭ ޚާއްޞަ ގޮތްތަކެއް ވެސް ހުންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކަންކަން އަސްލާ އެއްގޮތް ނުވުމުގެ އިތުރަށް ވެސް، ގިނަ ގޯސްތަކެއް ފާހަގަވި ކަމަށް ނާޖިހު ވިދާޅުވިއެވެ. "އަދި ހިތާމައާއެކު ފާހަގަކުރަންޖެހެނީ، ބައެއް އީދުތަކުގައި ބައެއް ރަށްރަށުގައި ދައްކާ ހިއްޗަށް ވަޑައިގަތުމުގެ ތަމްސީލަށްވުރެ ވެސް މިރޭ ފެނިގެން ދިޔަ ތަމްސީލުގެ ފެންވަރު ދަށްކަމެވެ. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ." އޭނާ ލިޔުއްވާފައިވެއެވެ. "ސަބަބަކީ ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ވުޒާރާއަކީ މިފަދަ ކަންކަން ރައްކާތެރިކޮށް، ދަމަހައްޓައި، ކުރިއަރުވަން މަސައްކަތްކުރާ އިދާރާ ކަމަށްވާތީއެވެ." ނާޖިހު ވަނީ، ކުރިމަގުގައި އެ ކަންކަމަށް ވިސްނައިގެން ތަރިކައާ ބެހޭ ވުޒާރާއިން އެފަދަ ހަރަކާތްތައް ބާއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ