ރާއްޖެއާއި ލިވަޕޫލްގެ ފަތުރުވެރިކަމުގެ ކެމްޕޭން ފެށުމަށް، ރައީސް އިނގިރޭސިވިލާތަށް
އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯޅަ ކްލަބާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުގެ ލިވަޕޫލް ސިޓީއަށް މިރޭ ފުރާވަޑައިގެންފިއެވެ. އެމްއެމްޕީއާރުސީން ބުނި ގޮތުގައި އިނގިރޭސިވިލާތުގެ މުހިންމު ތަންތަނުގައި އައުޓްޑޯ އަދި ޑިޖިޓަލް އިޝްތިހާރު ބޭނުންކޮށްގެން ކުރިއަށް ގެންދާ މި މާކެޓިން ހަރަކާތް ތިން މަސް ދުވަހަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެ ކެމްޕެއިންގެ މަގުސަދަކީ އެލްއެފްސީގެ މަގްބޫލުކަމުގެ ބޭނުންހިފައި ގިނަ ބަޔަކު ރާއްޖެއަށް ދަތުރުކުރުމަށް ބާރުއެޅުން ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ. ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އިނގިރޭސިވިލާތުގައި ތިބި ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އަކްސާ ޓްރެއިނިންގް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެންމެ މަތީ ފެންވަރުގައި ފުޓުބޯޅައިގެ ތަމްރީނާއި ކޯޗިންގްގެ ކަންކަން ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އަމާޒަކީ ރާއްޖޭގައި ވެސް ހައި ޕާފޯމަންސް ޓްރެއިނިން، ނުވަތަ މަތީ ފަންތީގެ ތަމުރީނުތައް ހިންގޭނެ މަގު ތަނަވަސްކޮށްދެއްވުން ކަމަށް އެ އޮފީހުން ބުންޏެވެ. މީގެ އިތުރުން ލީޑްސް ޔުނިވާސިޓީއާއި ލީޑްސް ޓައުން ހޯލަށް ޒިޔާރަތްކުރައްވައި، ލީޑްސް ސިޓީގެ ކައުންސިލަރާވެސް ރައީސް ބައްދަލުކުރައްވާނެ ކަމަށް އެ އޮފީހުން ބުންޏެވެ. ހަމައެއާއެކު އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން، ރެޑް ވޭއާއި އެލްއެފްސީ އެކަޑަމީގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށާއި ރާއްޖެއާއި ލިވަޕޫލް އެފްސީއާ ދެމެދު އޮތް ޕާޓްނާޝިޕް އިތުރަށް ހަރުދަނާކުރުމަށް، ދެފާރާތް ގުޅިގެން ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތްތައް ހިންގެވުމާ ގުޅޭ ދޭދޭ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި، ސްޕޯޓްސް މިނިސްޓަރު އަބްދުالله ރަފީއުއާއި، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ކަމަށް އެ އޮފީހުން މައުލޫމާތުދެއެވެ. އިނގިރޭސިވިލާތަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހެވެ. https://sun.mv/204137 އެމްއެމްޕީއާރްސީން ބުނީ، 100 ގައުމެއްގައި 316 އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް ހިމެނޭއިރު، ލިވަޕޫލާއެކު ހަދައިފައިވާ އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ ބޮޑު އެކްސްޕޯޝާއެއް ލިބޭނެ ކަމަށެވެ. އެގޮތުން ލިވަޕޫލް އެފްސީއާއެކު ކުރިޔަށް ގެންދާ މި ޕާޓްނާޝިޕްގެ ސަބަބުން މި އަހަރު އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭކަމަށާއި ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބެލެވޭކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެއެވެ. މީގެ އިތުރުން މި ކެމްޕޭންގައި ޖުމްލަ 2.5 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރާއިރު، އަހަރަކު އިނީޝިއަލް އިންވެސްޓްމަންޓަށް ވުރެ 20 ގުނަ އިތުރުވާނެ ކަމަށް ލަފާކުރެވޭ ރިޓާން އޮން އިންވަސްޓްމަންޓް (އާރްއޯއައި) ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން އެ ކުންފުނިން ބުނީ، މި ކެމްޕެއިންގައި ތަފާތު ޑިޖިޓަލް މާކެޓިން ހަރަކާތްތައް ހިމެނޭކަމަށާއި އޭގެ ތެރޭގައި ލިވަޕޫލް އެފްސީގެ ލެޖެންޑުން ބައިވެރިވާ ޚާއްސަ ހަރަކާތްތަކާއި އިންޓަރެކްޓިވް ފޭން ޒޯން ގްލޯބަލް ޓްރޭޑް ޝޯތަކުގައި ޖޮއިންޓް އިވެންޓްތައް ހިމެނޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ