ޣައްޒާގެ ކުޑަކުދިންނަށް ފިތުރު ޒަކާތުން 5 ލައްކަ ހަދިޔާކުރުމަށް އިސްރާ އެސޯސިއޭޝަނާ ހަވާލުކޮށްފި

މި ރޯދަމަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ފަލަސްތީނުގެ ޣައްޒާގެ ކުޑަކުދިންނަށް ހަދިޔާ ކުރުމަށް ނިންމައިފައިވާ 500،000 ރުފިޔާ އިސްރާ އެސޯސިއޭޝަނާ ހަވާލުކޮށްފިއެވެ. ފިތުރު ޒަކާތަށް ފައިސާގެ ގޮތުގައި މި އަހަރު 13.3 މިލިއަން ރުފިޔާ ލިބުނެވެ. މިއީ އެންމެ ގިނައިން ޒަކާތުގެ ގޮތުގައި ފައިސާ ލިބުނު އަހަރެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި މި ރޯދަމަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން، ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުންނަށް މިހާރު ވަނީ އެ ފައިސާ ދީފައެވެ. އެގޮތުން ފަގީރުންގެ ދަފުތަރުފައިވާ ކޮންމެ ފަރުދަކަށް ފިތުރު ޒަކާތުގެ ގޮތުގައި 4،500 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި، ބާކީ 500،000 ރުފިޔާ ޣައްޒާގެ ކުޑަކުދިންގެ ކާބޯތަކެއްޗަށް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޣައްޒާގެ ކުޑަކުދިންނަށް ފިތުރު ޒަކާތުން 5 ލައްކަ ރުފިޔާ ހަދިޔާކުރުމަށް އިސްރާ އެސޯސިއޭޝަނާ ހަވާލުކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ އެކަމުގެ އިންތިޒާމްތަކާ ގުޅޭގޮތުން "ސަން"އިން ސުވާލުކުރުމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހުސަން ވިދާޅުވީ އެ ފައިސާ މިދިޔަ އާދިއްތަ ދުވަހު އިސްރާ އެސޯސިއޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. މި އަހަރު ފައިސާއިން ރިކޯޑު އަދަދަކަށް ޒަކާތް ލިބުނުއިރު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން ވަނީ ޒަކާތުގެ ގޮތުގައި ލިބޭ މިންވަރު އިތުރުވީ ހަރުދަނާ ނިޒާމެއް ގާއިމުކުރެވުމުން ކަމަށް ވިދާޅުވެފައެވެ. މީހުން ޒަކާތާ މެދު ހޭލުންތެރިކުރުވަން ވެސް ގިނަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. https://sun.mv/204215 ޒަކާތުގެ ޚަރަދުގެ ތަފުސީލުތައް ހާމަކުރުމާއި މަހުން މަހަށް ނެރޭ ރިޕޯޓު ނެރުމާއި ޒަކާތު ހައުސްއެއް ގާއިމުކުރުމަކީ ވެސް އެ ކަމަށް މަގުފަހިވީ ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ވުޒާރާއިން އާންމު ކުރި ފާއިތުވި ހަތަރު އަހަރުގެ ޒަކާތުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރު ޒަކާތަށް ފައިސާގެ ގޮތުގައި ޖުމުލަ 13،264،819 ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރު ލިބިފައިވަނީ 12،594،777.92 ރުފިޔާއެވެ. އޭގެ ކުރިން 2023 ވަނަ އަހަރު 12،691،506.08 ރުފިޔާ ލިބުނުއިރު 2022 ވަނަ އަހަރު ލިބުނީ 11،669،385.10 ރުފިޔާއެވެ. ޒަކާތުގެ ގޮތުގައި ގޮވާމުން ވެސް މި އަހަރު ވަނީ 10،025.66 ކިލޯ ލިބިފައެވެ. އެކަމަކު، އެއީ މިދިޔަ އަހަރަށްވުރެ ދަށް އަދަދެކެވެ. މިދިޔަ އަހަރު ގޮވާމުން ޒަކާތަށް ލިބުނީ 12،959.29 ކިލޯއެވެ. އޭގެ ކުރިން 2023 ވަނަ އަހަރު 12،380.85 ކިލޯ ލިބުނުއިރު 2022 ވަނަ އަހަރު ލިބުނީ 10،092 ކިލޯއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ