ސްޕެނިޝް ލަލީގާގައި ރޭ އަލަވޭޒް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެމެދުވާ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފި އެވެ.
މި މެޗުން މޮޅުވުމާއެކު ތިންވަނައިގައި މިވަގުތު އޮތް ބާސެލޯނާއަށް ވަނީ 22 މެޗުން 45 ޕޮއިންޓް ލިބިފަ އެވެ. އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 49 ޕޮއިންޓެވެ. އަދި ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 48 ޕޮއިންޓެވެ.
ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ބާސެލޯނާއަށް ވަނީ އެއް ލަނޑަށްވުރެ ގިނަ ލަނޑު ޖަހަން މި މެޗުގައި ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 61 ވަނަ މިނިޓުގައި ބާސެލޯނާއަށް ކާމިޔާބު ކޮށްދީފައިވަނީ ރޮބަޓް ލެވަންޑޯސްކީ އެވެ. މި ލަނޑަކީ ރަފީނިއާ ގޯލަށް ފޮނުވާލި ބޯޅައެއް ކީޕަރު ގައިގައި ޖެހިފައި ބޭރަށް ނިކުތްވަގުތު ލެވަންޑޯސްކީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
ބާސެލޯނާ އިން މި ލަނޑު ޖެހުމުގެ ކުރިން ލަމީން ޔަމާލް ފޮނުވާލި ނުރައްކާތެރި ހަމަލައެއް އަލަވޭޒްގެ ގީޕަރު ޖީސަސް އޮވޯނޯ ވަނީ ދިފާއުކޮށްފަ އެވެ.
މި މެޗުން ބާސެލޯނާ މޮޅުވުމާއެކު އެ ޓީމުން ވަނީ އަލަވޭޒް އާއި ދެކޮޅަށް އެންމެ ފަހުން ކުޅުނު 15 މެޗުން ބަލިނުވެ ނިންމާލާފަ އެވެ. އޭގެ ތެރެއިން 13 މެޗުން މޮޅުވެފައިވާއިރު 2 މެޗު ވަނީ އެއްވަރުވެފަ އެވެ.
ބާސެލޯނާ މޮޅުވެ ރެއާލް އާއި ދެމެދުވާ ފަރަގު ކުޑަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ