ގޯތި ވައްކަމުގެ ތަހުގީގު ނުނިމެނީސް ފަޒުލްގެ ގެއިން ހޯދި 1.4 މިލިއަން ރުފިޔާ އޭނާއާ ފުލުހުން ހަވާލުކޮށްފި ގޯތި ވައްކަމުގެ ތަހުގީގު ނުނިމެނީސް ފަޒުލްގެ ގެއިން ހޯދި 1.4 މިލިއަން ރުފިޔާ އޭނާއާ ފުލުހުން ހަވާލުކޮށްފި

ވަގު ގޯތިތަކުގެ މައްސަލައިގައި ސަސްޕެންޑުކުރި އަދި ފަހުން އިސްތިއުފާ ދެއްވި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ ގެއިން ފުލުހުން ހޯދި 1.4 މިލިއަން ރުފިޔާ އެ މައްސަލައިގެ ތަހުގީގު ނުނިމެނީސް އޭނާއާ އެ ފައިސާ ފުލުހުން ހަވާލުކޮށްފި އެވެ.
ފަޒުލް ދިރިއުޅޭ މ. ޒޭވަރު ފުލުހުން ބަލައިފާސްކުރީ, "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހުޅުމާލޭން ގޯތިތަކެއް ދިން މައްސަލައާ ގުޅިގެން, މިދިޔަ ޑިސެމްބަރު 22، ގެ ރޭގަނޑުގެ ވަގުތެއްގަ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފަޒުލްގެ ނަން ނުޖަހައި ބުނީ އެ ފައިސާ މިހާރު އަނބުރާ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ފައިސާ ފަޒުލް ދިރިއުޅޭ ގެއިން ފެނުނުކަން ހާމަވިތާ 24 ގަޑިއިރު ތެރޭގައި، އޭނާއަށް 1.4 މިލިއަން ރުފިޔާ ނަގުދު ފައިސާ ދިން ކަމަށް ލޯންޗު ފެރީގެ ހިދުމަތްދޭ ރިލެކްސް ފެރީ ސާވިސްއިން ބުނެފައިވެ އެވެ.
ރިލެކްސް ފެރީން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ޑިސެމްބަރު 2023، ގެ ކުރީކޮޅު ލޯންޗެއް ބަނުމަށް 1.4 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ފަޒުލްގެ ކުންފުންޏަށް ދިން ކަމަށެވެ. ރިލެކްސް ފެރީއަށް ބޭނުންވާ ލޯންޗެއް 2022 ގައި ފަޒުލްގެ ކުންފުނިން ބަނދެދީފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މި މައްސަލައިގައި މިހާތަނަށް ފުލުހުން އިތުރު އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރެ އެވެ. ފުލުހުން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރީ ވަގު ގޯތިތަކުގެ މައްސަލަ ފެންމަތިވުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލްގެ މައްޗަށް އެއްވެސް ތުހުމަތެއް ނުކުރާ ކަމަށް ބުނުމަށް ފަހުގަ އެވެ.
ވަގަށް ގޯތިތައް ދޫކުރި މައްސަލައިގައި ފަޒުލްގެ އިތުރުން, އޭނާގެ ބޭބެ, ސަސްޕެންޝަނުގައި ހުރި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ މައްސަލަ ވެސް ދަނީ ތަހުގީގުކުރަމުންނެވެ. މިގޮތަށް ދޫކުރި އެއް ގޯތީގެ ވެރިފަރާތް ކަމަށް ބުނެ ލިޔެކިޔުން ހުށަހެޅި އެކަކީ އޭނާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ