ފުރަތަމަ 3 ހަފްތާ: ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ 491.5 މިލިޔަން ރުފިޔާ އިތުރު

މިއަހަރުގެ ފުރަތަމަ 3 ހަފްތާ ނިމުނުއިރު ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ 491.5 މިލިޔަން ރުފިޔާ އިތުރު ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އާއްމުކޮށްފައިވާ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ 1 އިން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 1.3 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ދައުލަތުގެ ޚަރަދުތައް ހުރީ 843 މިލިޔަން ރުފިޔާގައެވެ.
މާލީ ވުޒާރާގެ ރިޕޯޓުގައިވާގޮތުން މިއަހަރުގެ ފުރަތަމަ 3 ހަފްތާގެތެރޭ އާމްދަނީގެގޮތުގައި ލިބިފައިވާ 1.3 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ޓެކްސް އާމްދަނީގެ ގޮތުގައި 1 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 275 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި 4.2 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ރިޕޯޓުން ދައްކައެވެ.
މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ހަރަދުތައް ހުރީ 846 މިލިޔަނުގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %32 ދަށް އަދަދެއްކަމަށް ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ހަރަދުތައް ހުރީ 1.2 ބިލިޔަނުގައެވެ.
މިއަހަރުގެ ފުރަތަމަ 3 ހަފްތާގެ ތެރޭގައި ދައުލަތުން ކުރި ހަރަދުގެ އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ރިކަރަންޓް ހަރަދުތަކަށެވެ. އެއީ 843 މިލިޔަން ރުފިޔާއެވެ. އަދި ކެޕިޓަލް ހަރަދުތަކަށް 3.4 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާކަމަށް މާލީ ވުޒާރާގެ ރިޕޯޓުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ