އަހަރީ ފީއާއި ޖޫރިމަނާ ފައިސާ މަހުން މަހަށް ބަހާލައިގެން ދެއްކުމަށް 58 ފަރާތުން އެދިއްޖެ

އެއްގަމާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީއާއި ޖޫރިމަނާ ނުދައްކާ 58 ފަރާތްތަކުން މަހުން މަހަށް ބަހާލައިގެން އެ ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް އެދިފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެއްގަމާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީއާއި ޖޫރިމަނާ ބަހާލައިގެން ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށްޓަކައި އެ ފުރުޞަތު ސަރުކާރުން ހުޅުވާލެއްވީ މިދިޔަމަހުގެ 15 ވަނަ ދުވަހުއެވެ.
މި އިންތިޒާމް ސަރުކާރުން ހަމަަޖައްސަވާފައި ވަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ގެޒެޓްކުރައްވާފައިވާ އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރާ ގުޅޭގޮތުން ދައްކަންޖެހޭ އަހަރީފީއާއި ޖޫރިމަނާގެ ފައިސާ ބަހައިލައިގެން ދެއްކުމުގެ ގަވާއިދުގެ ދަށުންނެވެ.
މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވިދާޅުވީ ސަރުކާރުން ހުޅުވާލި ފުރުސަތުގައި އެއްގަމާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީއާއި ޖޫރިމަނާ ނުދައްކާ 58 ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާފައިވާކަމަށެވެ. އަދި އޭގެތެރެއިން 20 ފަރާތަކަށް، ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމްތައް ހަމަޖައްސައިދެއްވާފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރާ ގުޅޭގޮތުން ދައްކަންޖެހޭ އަހަރީފީއާއި ޖޫރިމަނާގެ ފައިސާ ބަހައިލައިގެން ދެއްކުމުގެ ޤަވާއިދުގެ މަޤްޞަދަކީ އެއްގަމުގައި ދުއްވާ އުޅަނދުތަކުންނާއި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުން ކޮންމެ އަހަރަކު އެއްފަހަރު ދައްކަންޖެހޭ އަހަރީފީއާއި އަހަރީފީ ނުދެއްކުމުގެ ސަބަބުން އަރައިފައިވާ ޖޫރިމަނާގެ ފައިސާއާއ،ި އަދި އެނޫންވެސް ޖޫރިމަނާގެ ތެރެއިން ދައުލަތަށް ދައްކަން ޖެހި ނުދެއްކި ހުރި ފައިސާ އެކީ އެއްފަހަރާ ދައްކަން ދަތިވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތެއްގައި ދެއްކޭނެ މަގު ފަހިކޮށްދިނުމެވެ.
ޤަވާއިދުގައިވާ ގޮތުން ބަހާލައިގެން ޖޫރިމަނާގެ ފައިސާ ދައްކަން ފުރުސަތު ދޭނީ ކޮމިޓްމަންޓް ފީއެއް ދެއްކުމުންނެވެ. ނަމަވެސް 14 ދުވަހުގެ ތެރޭގައި ކޮމިޓްމަންޓް ފީ ނުދައްކައިފިނަމަ، ބަހާލައިގެން ޖޫރިމަނާގެ ފައިސާ ދެއްކުމުގެ ފުރުސަތު ގެއްލޭނެއެވެ. ނަމަވެސް އެ މުއްދަތުގައި ފީ ދައްކައިފިނަމަ ބަހައިލައިގެން ފައިސާ ދެއްކުމަށްޓަކައި އެކަމަށް ހުށައަޅާ ފަރާތާއި ދަތުރުފަތުރާބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއް އެކުލަވާލާނެއެވެ.
މި އެއްބަސްވުމުގައި އިންސްޓޯލްމަންޓްގެ ގޮތުގައި ކޮންމެ މަހަކު ދައްކަން ޖެހޭ ފައިސާގެ އަދަދު ކަނޑައަޅަނީ ކޮމިޓްމަންޓް ފީގެ ގޮތުގައި ދެއްކި އަދަދުން އެ ބައި އުނި ކުރުމަށް ފަހުއެވެ. މީގެ އިތުރުން އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަސް ތެރޭ ފައިސާ ނުދައްކައިފިނަމަ، އެއްބަސްވުން ބާތިލް ކުރުމުގެ އިހްތިޔާރުވެސް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއަށް ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ