އޭސީސީން ބަލަނީ ފަނޑިޔާރުންގެ ކޮން މައްސަލައެއް ކަމެއް ނުބުނި
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔަރަކަށް ތުހުމަތުކޮށް ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވާއިރު، އެ މައްސަލައިގެ ތަފުސީލު ދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ދެކޮޅުހަދައިފިއެވެ. އޭސީސީން ބަލަމުންދާ މައްސަލައާ ގުޅިގެން، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސަސްޕެންޑުކޮށްފައިވާ ފަނޑިޔާރުންނަކީ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ. އެ މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް އޭސީސީގައި ނޫސްވެރިން އެދުމުން އެ ކޮމިޝަނުން ނެރުނު ބަޔާނުގައިވަނީ، ތިން ފަނޑިޔާރުންނަށް ތުހުމަތުކޮށް އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅޭ ގޮތުން ބުނަން އޮތީ، ކޮމިޝަނުގެ ގާނޫނުގައި ބުނާ ކޮރަޕްޝަނުގެ އަމަލެއް އޭސީސީއަށް ހުށަހަޅައިފި ނަމަ، އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމަކާ ނުލައި އެ މައްސަލައެއް ތަހުގީގު ކުރުމަކީ ކޮމިޝަނުގެ މައްޗަށް އޮންނަ ގާނޫނީ ޒިންމާއެއް އަދި ވާޖިބެއް ކަމަށެވެ. އެހެންވެ، ގާނޫނުއަސާސީއާއި ކޮމިޝަނުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެފަދަ މައްސަލަތައް ބެލުމުގައި ޖިނާއީ އަދުލުގެ ނިޒާމުގައު ހިމެނޭ ގާނޫނުތަކާއި ގަވައިދުތަކުން ކޮމިޝަނަށް މަތިކޮށްފައިވޗާ ބާރުތަކުގެ ތެރެއިން މައްސަލަތައް ބަލަމުންދާނެ ކަމަށް އޭސީސީން ބުންޏެވެ. "މި ކޮމިޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ލެނބުމެއްނެތި، ވަކި ފަރާތަކަށް ބުރަނުވެ ތަހުގީގު ކުރިއަށްގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ." ބަޔާނުގައިވެއެވެ. އެ މައްސަލައާ ގުޅޭ ގޮތުން ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައިވަނީ، ތިން ފަނޑިޔާރުންގެ ޖިނާއީ މައްސަލައެއް ބަލާ ކަމަށް އޭސީސީން ސިޓީއަކުން އަންގައިފައިވާ ކަމަށެވެ. އެހެންވެ، އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމެއްގައިވަނީ، ތިން ފަނޑިޔާރުން ސަސްޕެންޑުކުރަން ނިންމައިފައި ކަމަށް ބަޔާނުގައިވެއެވެ. ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ހަތް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުން ސަސްޕެންޑުކުރިކަން ޖޭއެސްސީން ހާމަކުރީ، ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕީއެންސީން ހުށަހަޅައިފައިވާ ބިލެއް ފާސްކުރިތާ މާގިނައިރު ނުވަނީހެވެ. އެ ބިލް ފާސްކުރީ، މެންބަރުން ސިޔާސީ ޕާޓީތަކުން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް މި މަޖިލީހުން ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ހުށަހަޅައިފައިވާ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށެވެ. އަދި އެ މައްސަލަ ބަލައި ނިމެންދެން، އިސްލާހަށް އަމަލުކުރުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެން ހުށަހަޅައި، އެ މައްސަލައިގެ އަޑުއެހުމެއް 11:00އަށް ތާވަލުކޮށްފައި ވަނިކޮށެވެ. މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމުގެ މައްސަލަ ބައްލަވަމުން ގެންދެވީ މުޅި ބެންޗުންނެވެ. އަދި ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމާ ގުޅިގެން، ވަގުތީ އަމުރު ނެރުމުގެ އަޑުއެހުން މިއަދު ވަނީ ކެންސަލްކޮށްފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅައިފައިވަނީ ސުޕްރީމް ކޯޓަށް ބިރުދައްކަން ކަމަށް އިދިކޮޅު ވަނީ ތުހުމަތުކޮށްފައެވެ. މީގެ އިތުރުން، އެ މައްސަލަ ބަލަމުން ދަނިކޮށް ބިލް ފާސްކޮށް، ފަނޑިޔާރުން ސަސްޕެންޑު ކުރުމުގައި ނާއިންސާފުން އަމަލުކޮށް، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމުގެ ކަންބޮޑުވުން ގާނޫނީ ދާއިރާގެ ގިނަ ބަޔަކު އަންނަނީ ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ