ސުއޫދާއި އަޒުމިރަލްދާގެ ސުލޫކީ މައްސަލައެއް ވެސް ޖޭއެސްސީން ބަލަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ހުސްނުއްސުއޫދުގެ ސުލޫކީ މައްސަލައެއް ވެސް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ނިންމާފައިވާކަން އެނގިއްޖެ އެވެ.
ވީ ކިހިިނެއް؟ - އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އަޒްމިރަލްދާ އާއި ސުއޫދު ސަސްޕެންޑްކޮށްފައިވާ އިރު ޖޭއެސްސީން ބަލަމުންދަނީ އޭސީސީން ބަލަމުންދާ މައްސަލައާ ގުޅުމެއް ނެތް މައްސަލައެއްކަން 'ދައުރު'އަށް ވަނީ އެނގިފަ އެވެ.
ތަފްސީލް - އަޒްމިރަލްދާއާއި ސުއޫދުގެ މައްސަލައެއް ބަލާ ކަން އެ ފަނޑިޔާރުންނަށް ނޯޓިސް ފޮނުވާފައިވާ ކަން އެނގިފައިވެ އެވެ. ނޯޓިސްގެ ކޮޕީއެއް ވެސް 'ދައުރު'އަށް ވަނީ ލިބިފަ އެވެ.
ނޯޓިސްގައިވާ ގޮތުން އެއީ ކޮމިޝަނުން އިސް ނަގައިގެން ބަލާ މައްސަލައެކެވެ. އެއީ ކޮން މައްސަލައެއްކަން ނޯޓިސްގައި ބުނެފައެއް ނެތެވެ.
އަޒްމިރަލްދާ އާއި ސުއޫދުގެ އިތުރުން ސަސްޕެންޑްކުރީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. މަހާޒުގެ މައްޗަށް ވެސް އޭސީސީން ޖިނާއީ ތަހުގީގެއް ދަނީ ހިންގަމުންނެވެ.
އެނގުން މުހިންމު - ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރަން ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމެއްގައި ނިންމީ، ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީން ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލްކުރަން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނިކޮށެވެ.
ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު ބާތިލްކުރަން މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުން ތާވަލުކުރީ މިއަދު ހެނދުނު 11 ޖަހާއިރަށެވެ. ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އަޑުއެހުމަށް ވަރަށް ކުޑަތަން ވެފައި ވަނިކޮށެވެ. އެއާ އެކު، އެ މައްސަލަ ވަނީ ހުއްޓިފަ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފައިވާއިރު ސަސްޕެންޝަންގައި ނެތީ ހަތަރު ފަނޑިޔާރެކެވެ. ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލެނީ މަދުވެގެން ފަސް ފަނޑިޔާރުންގެ ބެންޗަކަށެވެ.
ފަނޑިޔާރުން ސަސްޕެންޑްކުރުމުގެ ކުރިއަށް، ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކޮށް، އެ ކޯޓުގެ ބެންޗު ހަތަކުން ފަހަކަށް ބަދަލުކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލުކުރަން ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ