މިއީ ޣައިރު ގާނޫނީ ދައުލަތެއް: ފައްޔާޒު
މިވަގުތު ރާއްޖޭގައި ހިންގަމުން މިދަނީ ގައިރު ގާނޫނީ ދައުލަތެއް ކަމަށާއި ރައްޔިތުންގެ ބާރުވެރިކަން ކަށަވަރު ކުރެވޭނެ ނިޒާމީ އިންތިޒާމުތައް މި ސަރުކާރުން ފުނޑާލައިފި ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.ފައްޔާޒު މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފައިވަނިކޮށް ކުއްލި ގޮތަކަށް ޖޭއެސްސީން މިއަދު ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފަ އެވެ.ޖޭއެސްސީން ސަސްޕެންޑުކުރީ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ.ޖޭއެސްސީން ބުނީ ސުއޫދާއި މަހާޒް އަދި އަޒްމިރަލްދާ ސަސްޕެންޑް ކޮށްފައިވަނީ އެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ސިޓީއަކުން އަންގާފައިވާތީ ކަމަށެވެ.ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލަ ބަލަމުންދާ ކަމަށް އޭސީސީން ބުނި ނަމަވެސް ބަލަމުންދާ މައްސަލައިގެ ތަފުސީލެއް ނުދެ އެވެ.އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރީ ޖޭއެސްސީގެ ގާނޫނާ ގުޅުން ހުރި އެހެން އުސޫލުތަކާ ހިލާފަށް ކަމަށް، އެ ކޯޓަށް ގާނޫނުއަސާސީގެ ދުސްތޫރީ މައްސަލަ ހުށަހެޅުއްވި ވަކީލުން މިއަދު ވަނީ ވިދާޅުވެފަ އެވެ.މަޖިލީހުގެ ނިންމުމަށް ފާޑުވިދާޅުވެ، ފައްޔާޒު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މި ސަރުކާރު ވެރިކަމަށް އައިއިރު ވެސް މިއީ ރައްޔިތުންގެ ބާރުވެރިކަން ކަނޑުވާލައި ހުދުމުހުތާރު ވެރިކަމެއް ކުރުމުގެ މާޒީއެއް އޮތް ބައެއްކަން އެނގޭ" ކަމަށެވެ.އެމްޑީޕީން މަސައްކަތް ކުރީ، އޭނާ ވިދާޅުވިި ގޮތުގައި، ރާއްޖޭގެ ގާނޫނުއަސާސީ އާއި ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ސަރުކާރަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމަށެވެ."ނަމަވެސް މިއަދު ގާނޫނުއަސާސީ ފުނޑާލައި ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމު ޕީއެންސީން ހަރާބުކޮށްފި. ކުރިއަށް އޮތީ ދަތި، އުނދަގޫ، ކަޅު ދުވަސްތަކެއް،" ފައްޔާޒު ވިދާޅުވި އެވެ."މިވަގުތު ރާއްޖޭގައި ހިންގަމުން މިދަނީ ގައިރުގާނޫނީ ދައުލަތެއް. ވަކިން ހާއްސަކޮށް މުޅި ވެރިިކަމުގެ ނިޒާމު ފުނޑާލި މުއިއްޒުގެ ސަރުކާރަކީ ގާނޫނީ ތަރަހައިން ބޭރުވެފައިވާ ގައިރުގާނޫނީ ސަރުކާރެއް. ރައްޔިތުންނަށް އެ މީހުންގެ ބާރުވެރިކަން ކަށަވަރު ކުރެވޭނެ ނިޒާމީ އިންތިޒާމުތައް މި ގައިރުގާނޫނީ ސަރުކާރުން ފުނޑުފުނޑުކޮށްފި."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ