ސްވިޑެންގައި ތަކުރާރުކޮށް ޤުރުއާން އެންދި އިރާޤު މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

ދެހާސް ތޭވީސްވަނަ އަހަރު ތަކުރާރުކޮށް ކީރިތި ޤުރުއާން އެންދި އިރާގުގެ ރެފިއުޖީއެއްގެ ގަޔަށް ސްވިޑެންގައި ބަޑި ޖަހައި މަރާލައިފިއެވެ. މިއީ އުމުރުން 38 އަހަރުގެ ސަލްވާން މޮމިކާ ނަމަކަށް ކިޔާ މީހެކެވެ. އޭއެޕްޕީ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕްރޮސެކިއުޓަރު ރަސްމުސް އޮމާން ވަނީ ސަލްވާން މޮމިކާގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި، އެ މައްސަލައާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. "ވަރަށް ގިނަ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އަދި އަޅުގަނޑުމެންނަށް ކުރަން އެބައޮތް. އެ ޖަރީމާގައި ބައިވެރިވި ކަމަށް ޝައްކު ކުރެވޭ ފަސް މީހަކު ވަނީ ބަންދުކޮށްފައި." އޮމާން ވިދާޅުވިއެވެ. މޮމިކާ މަރާލާފައި ވަނީ ނަފުރަތު އުފެއްދުމަށް މަސައްކަތްކުރާ ކަމަށްބުނެ އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަށް ހުކުމް އިއްވަން ތައްޔާރުވެފައި ވަނިކޮށެވެ. ނަމަވެސް އޭނާގެ މަރާ ގުޅިގެން ހުކުމް އިއްވުން ފެބްރުއަރީ މަހުގެ ތިންވަނަ ދުވަށް ލަސްކޮށްފައިވާ ކަމަށް ސްވިޑެންގެ ވެރި ރަށް ސްޓޮކްހޯމްގެ ކޯޓުން ވަނީ ބުނެފައެވެ. ސޮޑާޓަލްޖޭ ސިޓީގައި މޮމިކާ ދިރިއުޅޭ އެޕާޓްމެންޓުގައި ހުއްޓައި އޭނާގެ ގަޔަށް ބަޑި ޖަހައި މަރާލާފައިވާ ކަމަށްބުނެ ފޯނު ކޯލެއް އައުމުން އެ ތަނަށް ފުލުހުން ގޮސްފައިވާ ކަމަށާއި، މޮމިކާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް އޭއެފްޕީން ރިޕޯޓުކުރެއެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މޮމިކާ ގަޔަށް ބަޑި ޖެހި މަންޒަރު ސޯޝަލް މީޑިއާގައި ވަނީ ވަގުތުން ދައްކާފައެވެ. އޮގަސްޓް މަހު މޮމިކާއާއި ސަލްވާން ނަޖޭމްގެ ކިޔާ މީހަކާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި ވަނީ 2023ވަނަ އަހަރު ތަކުރާރުކޮށް ޤުރުއާން އަންދައި، މުސްލިމުންނަށް ފުރައްސާރަކުރި ކަމަށް ދައުވާކޮށްފައެވެ. މޮމިކާގެ މަރަށްފަހު، ނަޖޭމްއަށް ވެސް މަރުގެ އިންޒާރު ލިބިފައިވާ ކަމަށް އޭނާއާ ހަވާލާދީ ސްވިޑެންގެ ނޫސްތަކުން ބުނެފައިވެއެވެ. މޮމިކާ މީގެކުރިން ބުނެފައިވާ ގޮތުގައި އޭނާ ޤުރުއާން އެންދުމާ ގުޅިގެން 2018ވަނަ އަހަރުން ފެށިގެން އޭނާ ދިރިއުޅެމުން އައި ސްވިޑެންއަށް އެއްވެސް މައްސަލައަކާ ކުރިމަތިވާން އޭނާ ބޭނުމެއް ނުވެއެވެ. ސްވިޑެންގެ މައިގްރޭޝަން އެޖެންސީން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހު މޮމިކާގެ ރައްޔިތުކަމުގެ ހުއްދަ ބާތިލްކުރީ ދޮގު މައުލޫމާތު ހުށަހަޅާފައިވާ ކަމަށް ބުނެއެވެ. ނަމަވެސް އޭނާ އިރާގަށް ފޮނުވާލުމަށް ފަހުން ވަނީ ވަގުތީ ހުއްދައެއް ދީފައެވެ. މިދިޔަ އަހަރު މާޗް މަހު މޮމިކާ ވަނީ ނޯވޭގައި ހިމާޔަތް ހޯދުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ