ކުޅިވަރު އެސޯސިއޭޝަންތަކުގެ ސީދާ ހިންގުމަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ: ރައީސް ކުޅިވަރު އެސޯސިއޭޝަންތަކުގެ ސީދާ ހިންގުމަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ: ރައީސް

ރާއްޖޭގެ އެއްވެސް ކުޅިވަރު އެސޯސިއޭޝަނެއްގެ ސީދާ ހިންގުމުގެ ތެރެއަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ ކަމަށާއި ސަރުކާރުން ކަށަވަރުކުރާނީ ރާއްޖޭގެ ގާނޫނު ތަންފީޒުކުރުމަށް ކަމަށްވާއިރު، އޭގެ އޮތްގޮތަށް ހުރިހާ ކަމެއް ދޭތޯ ޔަގީންކުރާނެ ކަމަށް ރައީސް ޑރ. މުހައްމަަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މި ގޮތަށް ވިދާޅުވީ، މިއަދު ކުޅިވަރު ގާނޫނު ތަސްދީގު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެ ގޮތުން، ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު ކަމަށްވާ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމްގެ ގިނަ މައްސަލަަތަކެއް ފެންމަތިވެ، ނޯމަަލައިޒިން ހާލަތެއްގައި އޮތްއިރު، މިދިޔަ ހުކުރު ދުވަހު ދުނިޔޭގެ ބެޑްމިންޓަން ޖަމިއްޔާ، ބީޑަބްލިއުއެފް އިން ވަނީ ރާއްޖޭގެ އެސޯސިއޭޝަން ސަސްޕެންޑް ކޮށްފަ އެވެ. މި ފަދަ ކަންކަން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށް މި ގޮތަށް ދިމާނުވާނެ ގޮތަށް މިއަދު މި ތަސްދީގު ކުރެވުނު ކުޅިވަރު ގާނޫން ފުރުސަތު ފަހިވެގެންދާނެތޯ ރައީސަށް ސުވާލު އަމާޒުވެގެންދިޔަ އެވެ.
"އެފްއޭއެމް ކަމުގައި ވިޔަސް، ބެޑްމިންޓަން އެސޯސިއޭޝަން ވިޔަސް، އެއްވެސް އެސޯސިއޭޝަނެއްގައި ސީދާ ހިންގުމުގެ ތެރެއަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ، ސަރުކާރުން އެންޝުއާކުރާނީ ގާނޫނު ތަންފީޒުކުރުމަށް ގާނޫނުގައި އޮތްގޮތަށް ހުރިހާ ކަމެއް އެ ކުރަން ޖެހޭ ފަރާތްތަކުން ކުރުން އެންޝުއާ ކުރުން ސަރުކާރުގެ ޒިންމާ އަކަށްވާނީ،" ރައީސް، ޑރ. މުއިއްޒު ވިދާޅުވި އެވެ.
"ދެން ޖުމްލަކޮށް، ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި ކުޅިވަރާ ބެހޭ ސިޔާސަތެއް ތަންފީޒުކުރުން، އިންޓަނޭޝަނަލް ބޮޑީތައް އެހުރީ އެ ކުޅިވަރާ ބެހޭ ރެގިއުލޭޓަރީ ކަންކަން ކުރަން. ފީފާ އިން އެފްއޭއެމާ ގުޅޭ ކަންކަން ކުރާނީ. ދެން، ހުރި އެސޯސިއޭޝަންތަކާ ގުޅޭ ކަންކަން އެ ކަމާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ކުރާނީ. ހަމަ ޔަގީނުން ވެސް ދެފުށްފެންނަކަން އިތުރުކުރެވި، ހިންގުން ހަރުދަނާ ކުރެވި ގުޑް ގަވަނަންސް އެންޝުއާ ކުރުމަށް ވަރަށް މުހިންމު ފިޔަވަޅުތަކެއް މި ގާނޫނުގެ ތެރެއިން ފަހިވެގެންދޭ އަދި ޔަގީންކުރެވިގެންދޭ،"
ސަރުކާރުގެ ފަރާތުން ކުޅިވަރު ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު، ދިއްދޫ ދާއިރާގެ މެމްބަރު، އަބްދުއްލަތީފް މުހައްމަދު އެވެ. އެ ގޮތުން، ގާނޫނު ނަމްބަރު 30/2015، ކުޅިވަރު ގާނޫނަށް ސަރުކާރުން ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ހިމެނޭ މި ބިލްގައި، 70 އަށް ވުރެ އިސްލާހެއް ވަނީ ހިމެނެ އެވެ.
ރައީސް، މުއިއްޒު ވަނީ މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދެއްކެވިއިރު، ގާނޫނަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން ހާސިލްވާނެ ކަންކަމަށް އަލިއަޅުވާލައްވައިފަ އެވެ. އެ ގޮތުން، ކުޅިވަރު ލާމަރުކަޒީ ކުރުމަށް ދެން އަމަލުކުރެވޭ ކުޅިވަރު ގާނޫން ވަރަށް ބޮޑަށް ބާރު އަޅާނެ ކަމަށާއި ޕެރަލިމްޕިކް ކޮމިޓީ އަށް ވަރަށް ބޮޑު ބާރެއް ލިބި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް އެހެން އެންމެނެކޭ އެއްގޮތަށް ކަށަވަރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މައިގަނޑު ގޮތެއްގައި ދިމާވެފައި އޮތް އެއް ކަމަކީ، ގައުމީ ޓީމުތަކަށް މާލޭގައި އުޅޭ ކުޅުންތެރިންނަށް ފުރުސަތު ލިބޭގޮތް އިތުރު ވެފައި އޮތުން ކަމަށެވެ.
"މުޅިން އެހެންނެއް ނޫން ގާތްގަނޑަކަށް އެހެން ވެފައި މި އޮންނަނީ، ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ކުޅިވަރު ކުޅޭ ކުޅުންތެރިން އުފެއްދުމާއި ހުނަރު އިތުރުކުރުމާއި އެ ކުޅިވަރު ކުޅޭ ކުޅުންތެރިން އަައިޑެންޓިފައި ކުރެވޭނެ ގޮތްވުމާއި ގައުމީ ޓީމުތަކަށް ކުޅިވަރު ކުޅޭ ކުޅުންތެރިން ލާމަރުކަޒީ ނިޒާމުން މުޅި ރާއްޖެ ޝާމިލުވާ ގޮތަށް އެންމެ މޮޅު ކުޅުންތެރިން ހޮވުން. އެއީ މީގެއިން ހާސިލްވާނެ ކަމެއް، ލާމަރުކަޒީ ނިޒާމުގެ ތެެރެއިން ކުޅިވަރު ހިނގުން ކަށަވަރުވެގެންދޭ. އެ ގޮތުން، ބަލާއިރު ސަރަހައްދީ ޖަމިއްޔާތައް އެކި ކުޅިވަރު އެސޯސިއޭޝަންތަކުން އުފެދިގެންދާނެ ގާނޫނުގެ ތެރެއިން،" ރައީސް ވިދާޅުވި އެވެ.
އިސްލާހު ކުރެވުނު ކުޅިވަރު ގާނޫނުން ނުކުންނާނެ ނަތީޖާ އަކަށްވާނީ އަތޮޅުގެ ލެވަލްގައި އެންމެ ގިނަ ކުޅުންތެރިންނަށް ގިނަ ކުޅިވަރުތަކަކުން ފުރުސަތު ލިބިގެންދިއުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އެންމެ މޮޅު ޓެލަންޓްތައް ދެނެގަނެވި، ޓްރެއިން ކޮށްދެވި، ފުރުސަތުތައް ދެވި، އެ ހުރިހާ ދިމާލަކުން ކުޅުންތެރިން ހޮވިގެން އައިސް ރާއްޖެ އަށް އެންމެ ރީތި ނަން ހޯދައިދިނުމުގައި އެކި އެކި ކުޅިވަރުތަކުގެ ދާއިރާއިން ބައިނަލްއަގުވާމީ އެކިއެކި ކުޅިވަރު މުބާރާތްތަކުގައި ރަން ވަަނަތައް މިހާރަށް ވުރެެ ގިނައިން މަތީ ވަނަތައް ހޯދުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުޅިވަރު ދާއިރާ ތަރައްގީ ކުރަން ފުރުސަތުތައް ދެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
މިއަދު ތަސްދީގު ކުރެވުނު ކުޅިވަރު ގާނޫނާ އެކު، ސްޕޯޓްސް ކޯޕަރޭޝަން އުވިގެންދާނެ އެވެ. ސްޕޯޓްސް ކޯޕަރޭޝަން އުވިގެންދިޔަ ކަމުގައި ވިޔަސް، އެ ތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންނަށް ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެންމެ ފުރަތަމަ 2015 އިން ފެށިގެން އަމަލުކުރަން ފެށި ކުޅިވަރު ގާނޫނުގައި ވެސް ކުޅިވަރުގެ މައްސަލަތައް ހައްލުކުރަން، ކުޅިވަރުގެ އާބިޓްރޭޝަނެއް އަންނަން ޖެހޭނެ ކަަމަށް އޮތްއިރު އެކަން އޮތީ ނުކުރެވި އެވެ. އެކަމަކު، މި ފަހަރު އިސްލާހު ކުރެވިގެންދިޔަ، ކުޅިވަރު ގާނޫނުގެ ތެރެއިން، އާބިޓްރޭޝަންގެ ކަންކަން ވެސް ހަމަޖެހިގެންދާއިރު، މިއީ ކުޅިވަރުގެ ތެރެއިން އަންނަ މައްސަލަތައް އަވަހަށް ހައްލުކުރުމަށާއި އިންސާފު ގާއިމްކުރަން ކުރެވުނު ބޮޑު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ